ފަސޭހަކަމާއެކު ގުއާމް ކައިރިން މޮޅުވެ ފިލިޕީންސް އިން ވޯލްޑަކަޕް އަދި އޭޝިއަން ކަޕްގެ ކޮލިފކޭޝަންގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.

މިއަދު ހެނދުނު ގުއާމްގެ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު ފިލިޕީންސް އިން ކާމިޔާބުކޮށްފައިވަނީ 4-1ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ގުއާމް ވަނީ ކޮލިފައިންގައި މިހާތަނަށް އެޓީމު ކުޅުނު ދެ މެެޗުންވެސް ބަލިވެފަ އެވެ. އެގައަމުން އަމިއްލަ ދަނޑުގައި ފުރަތަމަ ނުކުތީ ރާއްޖެ އާއި ދެކޮޅަށެވެ. ވަރަށް ހަމަހަމަ ކުޅުމަކަށްފަހު ހަނި ގޮތަކަށް އެ މެޗު ރާއްޖެ އިން ކާމިޔާބުކުރީ 1-0އިންނެވެ. ފިލިޕީންސް ވަނީ އެޓީމުގެ ފުރަތަމަ މެޗުގައި ސީރިއާއާއި ކުޅެ 5-2އިން ބަލިވެފަ އެވެ.

ކޮލިފިކޭޝަންގެ ގްރޫޕް އޭގައި މިވަގުތު ފައިދާ ލަނޑުގެ ތަފާތުން ސީރިއާ އެއްވަނައިގައި އޮތްއިރު ދެވަނައިގައި އޮތް ރާއްޖެ އިން މިރޭ ގަލޮޅު ދަނޑުގައި ޗައިނާ އާއި ދެކޮޅަށް ނުކުންނާނެ އެވެ.

ފަހަކަށް އައިސް އަމިއްލަ ދަނޑުގައި ރަނގަޅު ނަތީޖާތަކެއް ނެރެފައިވާ ގުއާމް ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންގެ ފަރާތުން މިއަދުގެ މެދުގައި އެދެވޭ ކުޅުމެެއް ނުފެނެ އެވެ. ފިލިޕީންސް ވަނީ ފުރަތަމަ ހާފުގެ ކުރީކޮޅު ކައިރި ކައިރީގައި ދެ ލަނޑު ޖަހައި ގުއާމް އަތުން މެޗުގެ ކޮންޓްރޯލް އަތުލާފަ އެވެ. މެޗުގެ 7 ވަނަ މިނެޓުގައި އެގައުމުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައިރު އެ ލަނޑު ކާމިޔާބުކޮށްދިނީ އެންޖެލް ގުއިރާޑޯ އެވެ. އޭގެ ފަސް މިނެޓު ފަހުން ޕެޓްރިކް ރީޗެލްގެ ލަނޑާއެކު ފިލިޕީންސް އިން ހާފު ނިންމާލީ ދެ ލަނޑުގެ ލީޑެއްގަ އެވެ.

ދެވަނަ ހާފުގައި ގުއާމުން ކޮންމެވެސް ވަރަކަށް އެޓީމުގެ ކުޅުން ރަނގަޅުކޮށް ދެތިން ހަމަލާއެއް އުފެއްދި އެވެ. އެގޮތުން މެޗު ނިމެން ވިއްސަކަށް މިނެޓަށް ވެފައި އޮއްވައި ލިބުނު ޕެނަލްޓީ އެއްގައި މާކަސް ލޯޕެޒް ވަނީ ލަނޑެއް ޖަހައި އެގައުމަށް ކޮންމެވެސް ވަރެއްގެ އުއްމީދެއް ހޯދާދީފަ އެވެ. އެ ލަނޑާއެކު ގުއާމް އިން ބެލީ އިތުރު ލަނޑެއް ޖެހޭތޯ އެވެ. ހަމަލާއެއް އުފެއްދުމަށް އެޓީމުން ކުރިއަށްޖެހިލި ވަގުތުގެ ބޭނުން ހިފައި ފިލިޕީންސް ޓީމުން ތިންވަނަ ލަނޑުޖަހައި އަނެއްކާވެސް ދެ ލަނޑުގެ ލީޑު އަނބުރާ ހޯދި އެވެ. ޕެޓްރިކް ޝްރޯކް އެ ލަނޑު ކާމިޔާބުކޮށްދިން އިރު އޭގެ ދިހަ މިނެޓު ފަހުން ޕިލިޕީންސްގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ޖޯން ޕެޓްރިލް ސްޓްރޯބް އެވެ.

ވޯލްޑް ކަޕް އަދި އޭޝިިއަން ކަޕްގެ ކޮލިފިކޭޝަންގައި މިރޭ ރާއްޖެ އާއި ޗައިނާ ބައްދަލުކުރާއިރު މި މެޗަކީ ޗައިނާ މިފަހަރުގެ ކޮލިފައިންގައި ކުޅޭ ފުރަތަމަ މެޗެވެ. މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން މިދެޓީމް ބައްދަލުކޮށްފައިވާއިރު ޗައިނާ ވަނީ ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްފަ އެވެ. މިރޭގެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން 20:30ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު