ގައުމީ ފުޓުބޯޅަ ސްޓޭޑިއަމްގައި މިރޭ ކުޅޭ ވޯލްޑްކަޕް ކޮލިފައިންގް މެޗަކީ ގަލޮޅު ދަނޑުގެ ތާރީޚުގައި ވެސް ރާއްޖޭގެ ގައުމީ ޓީމް ކުޅޭނެ އެންމެ ވަރުގަދަ އެއް މެޗެވެ.

މޮޅެތި ކުޅުންތެރިންތަކެއް މައްޗަށް ހިމެނޭ ޗައިނާ ޓީމުގެ ކޯޗު މާސެލޯ ލިއްޕީ ވަނީ އިދިކޮޅަށް ނުކުންނަ ޓީމަކީ ކޮން ޓީމެއްތޯ ބަލަން ބޭނުންނުވާ ކަމަށާއި އަމާޒަކީ އެއްވެސް ބަހަނާއަކާއި މެޗުން ތިން ޕޮއިންޓު ހޯދުން ކަމަށް މެޗުގެ ކުރިން ވަރަށް ސާފުކޮށް ބުނެފަ އެވެ.

އިދިކޮޅަށް ނުކުންނަ ޓީމުގެ ކޯޗަކީ އާދައިގެ ކޯޗެއް ނޫނެވެ. ދުނިޔޭގެ ތައްޓަށް ކުޅޭ ފީފާ ވޯލްޑް ކަޕް އުފުލާލި ކޯޗެކެވެ. ޔޫރަޕްގެ އެންމެ ޝަރަފްވެރި ކްލަބް ފުޓްބޯޅަ މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ހަަތަރު ފަހަރެއްގެ މަތިން ދަތުރުކޮށް ޔުވެންޓަަސް އާއެކު ތަށި ކާމިޔާބުވެސް ކުރި ކޯޗެކެވެ. ހުރިހާ ގޮތަކުން ބެލިޔަސް ލިއްޕީ އަކީ ކުޑަ ކުޑަ ރާއްޖޭގެ 11،000 މީހުންގެ ޖާގައިގެ ދަނޑުގައި މިހާތަނަށް ފެންނާނެ އެންމެ މޮޅު އަދި އެންމެ ތަޖުރިބާކާރު ކޯޗެވެ.

ޗައިނާގެ ކްލަބަކާއެކު އޭއެފްސީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ދެ ބައްރުގެ އެންމެ ބޮޑު މުބާރާތް ކާމިޔާބުކުރި ފުރަތަމަ ކޯޗުގެ ޝަރަފް ހޯދި ލިއްޕީގެ އިރުޝާދުގެ ދަށުން ޗައިނާ މިރޭ ނުކުންނަ އިރު އެގައުމުގެ އޮތީ ވެސް ވަރަށް ރަނގަޅު ހާލެއްގަ އެވެ. ޓީމުގެ ބައެއް ކުޅުންތެރިންގެ ކްލަބް ރިލީޒް ހޯދައިގެން ފަރިތަކުރުންތައް ކުރިއަށްގެންދިއުމަށް މަދު ދުވަސްކޮޅެއް ލިބުނަސް ކޯޗު ފާހަގަކުރިގޮތުން އޭނާގެ ޓީމު އޮތީ ރާއްޖެ އާ ކުރިމަތިލާން އެންމެ ރަނގަޅަށް ތައްޔާރު ވެގެންނެވެ. އެހެންކަމުން މިރޭގެ މެޗަކީ ރާއްޖެ އަށް ދިވެހި ޓީމްގެ ފެންވަރު ޓެސްޓް ކޮށްލަން ލިބޭނެ ފުރުސަތެކެވެ.

ފުޓްބޯޅައިގައި އަބަދުވެސް އަމިއްލަ ދަނޑުގައި ކުޅޭ ޓީމަށް ފައިދާ ބޮޑުވާނެކަން ޔަގީނެވެ. އެއީ ހިތްވަރު އެލިގެންދާ ވަގުތުގައި ވަށައިގެންވާ ސަޕޯޓަރުން ކުޅުންތެރިން ކޮޅަށް ނަގާތީ އެވެ. ހޯމް ސަޕޯޓަރުންގެ ހަޅޭކުގެ އަޑަކީ ހަމަގައިމުވެސް ކުޅުންތެރިންނަށް މެޗު ތެރެއިން ލިބޭނެ އެންމެ ފުރިހަމަ ބޭހެވެ.

އެހެން ގައުމުތަކާއި އަޅާބަލާއިރު ގަލޮޅު ދަނޑުގެ ކެޕޭސިޓީ ނިސްބަތުން ދަށް ނަމަވެސް ރާއްޖެ އަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ހޯމް ކްރައުޑްގެ ފައިދާ އެންމެ ބޮޑަށް ނަގާ އެއް ޓީމެވެ. މި ފަސްގަނޑުގައި 2008 ވަނަ އަހަރު ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތާއި އޭގެ ފަހުން ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގައި ދިވެހިން ވަނީ ސާޕޯޓްކުރުމުގައި ރާއްޖެ އަކީ ސަރަހައްދުން ވެސް އެއްވަނަ ކަން ދައްކުވައިދީފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅެ ރާއްޖޭން ވަނީ ދުނިޔެ ހައިރާންކޮށްލި ނަތީޖާތަކެއް ވެސް ނެރެފަ އެވެ. 2002 ވަނަ އަހަރުގެ ކޮރެއާ-ޖަޕާން ވޯލްޑް ކަޕް ކޮލިފައިންގައި އަމިއްލަ ދަނޑުގައި ކެމްބޯޑިއާ ކޮޅަށް ލަނޑު ގޯންޏެއް ޖަހާލުމަށްފަހު ގަލޮޅު ދަނޑުގައި ދިވެހިން ވަނީ ޗައިނާގެ މައްޗަށް ވަރަށްވެސް ފުރިހަމަ ނަތީޖާއެއް ހޯދާފަ އެވެ. އެ ފަހަރު ގަދަފަދަ ޗައިނާ އިން އަމިއްލަ ދަނޑުގައި ރާއްޖެ ކޮޅަށް 10 ލަނޑު ޖެހި ނަމަވެސް މާލޭގައި މޮޅުވެވުނީ 1-0 އިންނެވެ.

ގަލޮޅު ދަނޑުގައި ރާއްޖެ އިން ހޯދި އެންމެ ފުރިހަމަ ކާމިޔާބީއަކީ ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި، ގަދަފަދަ ދެކުނު ކޮރެއާ 0-0 އިން ހިފެއްޓުމެވެ. ކޮރެއާ އަކީ އެދުވަސްކޮޅު އޭޝިއާގެ އިތުރުން ދުނިޔެއިން ބެލިކަމުގައިވިޔަސް މަތީފަންތީގައި އޮތް ޓީމެކެވެ. ދުނިޔޭގެ ނޫސްތަކުގެ ފަލަ ސުރުހީތަކަށް ވެސް އެރި އެ ނަތީޖާއަކީ، މިއަދާ ޖެހެންދެންވެސް ދިވެހިން ފަޚުރުވެރިވާ ނަތީޖާ އެކެވެ. ފުޓްބޯޅައިގެ ވަސީލަތްތައް މަދުވި ނަމަވެސް ރާއްޖެ އިން ވަނީ މި ފަސްގަނޑުގައި ކުޅޭއިރު އެއްވެސް ޓީމަކަށް ބޭނުންހާ ގޮތެއް ނެހެދޭނެކަން ސާބިތުކޮށްދީފަ އެވެ.

2004 ވަނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕާއި 2005 އަދި 2010 ގެ "އީއޭއެފް" އޭއެފްސީ އީސްޓް އޭޝިއަން ކަޕު ކާމިޔާބު ކޮށްފައިވާ ޗައިނާ އާއި ދިވެހި ޓީމް މިރޭ ކުރިމަތިލާއިރު ދިވެހިންނަށް ދިމާވެފައި އޮތް އެންމެ ބޮޑު ނުތަނަވަސްކަމަކީ ހާލަތުގެ ގޮތުން ގަލޮޅު ދަނޑަށް ޓީމަށް ސަޕޯޓްކުރަން މާގިނަ ބަޔަކަށް ވަދެވޭ ކަށް ނެތުމެވެ. އާއްމުގޮތެއްގައި ގައުމީ ޓީމު މެޗެއް ނަމަ ފުލްހައުސް އެއްގައި ދިވެހި ޓީމް ކުޅޭއިރު މިރޭ ގަލޮޅު ދަނޑުން ފެންނާނީ އެންމެ ގިނަ ވިޔަސް 2400 އެއްހާ ދިވެހި ސަޕޯޓަރުންނެވެ.

ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ގެއްލުން ލިބި ދަނޑުގެ ބައެއް މަރާމާތު ކުރަމުންދާތީ މިރޭ ދަނޑު ފުރާލެވޭ ވަރަށް ސަޕޯޓަރުންނަށް ނުވަދެވުނަސް ދިވެހިން ތިބީ ޓީމާއި އެކުކަން ޔަގީނެވެ. އެފްއޭއެމް އިން ޓިކެޓް ދޫކުރަން ފެށިތާ ފަސްގަޑި އިރުނުވަނީސް ހުރިހާ ޓިކެޓެއް ހުސްވި ކަމީ މިރޭގެ މެޗަށް ދިވެހިން އިންތިޒާރުކުރަމުން އަންނަ ކަމުގެ ހެއްކެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އއއައަ

  މި މެޗް ސިޔާސީކޮށްފި އަދި ޗައިނާއަށް ގަދަބަސް ބުނުމަށްޓަކައި މޮޅުވަން އެއުޅެނީ

 2. ،،،

  ބައްސާމު އިސްތިއުފާ

 3. ވެންކޫވާ

  މަހްލޫފް : ނަޝީދު ބުނި ވާހަކައެއް އެބައިން
  ޗައިނާ ސަފީރު : ކޮންވާހަކައެއް މިނިސްޓަރ
  މަހްލޫފް : މިރޭ ކުޅޭ މެޗް މިކޮޅުން ވިއްކާލަން ވެގެން ކިހާވަރަކަށް ގަނެވިދާނެތޯ އަހާލަދެން ބުނެފަ އިނީ. އިންޑިޔާ މީހުންނަށް ޝައްކު ނުވާ ގޮތަކަށް ގެންދަން ވެސް ބުނި. ޝާހިދު ކައިރީ ވެސް ނުބުނަން.
  ޗައިނާ ސަފީރު : ނުގަތަސް ޗައިނާ މޮޅުވާނެއެއްނު
  މަހްލޫފް : ނަޝީދު ބުނި ފްލެޓް ތަކުގެ ވާހަކަ ވެސް މިއޮއްހުރިހާ ދުވަހު މިދެއްކީ މި އިންވެސްޓްމަންޓް ފެންނަން އިނީމަ ކަމަށް. އެއްވެސް ކޮޅަކުން ލާރި ނައިސްގެން އުޅޭ ކަމަށް. އިންޑިޔާ ދެނީ ހުސް ލޯނު. ވެރިކަން އިބޫ އަތުން ތެޅިގަނެފަ ވެއްޓޭއިރު ނަޝީދު އުގަށް ވެއްޓިއްޖިއްޔާ އިންޑިޔާ ލޯންތައް ވެސް ދައްކަން ޖެހޭނީ ނަޝީދު ކަމަށް
  ޗައިނާ ސަފީރު : ތިކަމާ ވިސްނާނަށް
  މަހްލޫފު : ވިސްނަން ވަގުތެއް ނެތް. މަހޭއަށް ކޮށްދޭ ކަމެއްގެ ގޮތުގައި ސިޑިބަރި ގަންނަންވީނު. މަހޭ ބުނާނަށް ފިރާނަދާން ނޫނީ ސިޑިބަރިން ޓިކެޓް ހޯދަން ނޫޅެއްޗޭ. މިކަން ކޮށްދީ. މާގިނައިން ނޫނަސް ނަޒޫ ސެލޫނަށް ގޮސްލާވަރު ކޮށްދިނަށް އޯކޭއޭ

 4. ޒަބާދުކުޑޭ

  ރަށުމީދާ ރަށުފެންބޮއިގެން ހަރަށް ވަދެއްޖެ. މެޗް ނުކުޅެނީސް ފޮނިކަޑައިފި.

 5. މަސްވެރިޔާ

  ފޮނިކަނޑާނެކަމެއްނެތް ރާއްޖެ ނުވާނެ މޮޅެއް ހަމަޔަގީން މަހައްދާނޖެހޭނީ

 6. ޖަޒީރާމަނިކު

  ޗައިނާ ކުރިހޯދާނީ ރާއްޖެ ދޫދީގެނެއްނޫން. ފޮނިނުކަނޑާ މޮޅަށް ކުޅެގެން.