2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2023 ވަނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފައިންގައި އޭޝިއާގެ ފުޓްބޯޅައިގެ ބާރުގަދަ އުތުރު ކޮރެއާ އާއި ސްރީ ލަންކާ ބައްދަލުކުރި މެޗު ހަނިގޮތަކަށް ކޮރެއާ އިން ކާމިޔާބުކޮށްފި އެވެ.

ސްރީ ލަންކާގައި މިރޭ ކުޅުނު ގްރޫޕް އެޗްގެ މެޗުގައި އުތުރު ކޮރެއާ އިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި ޖާންގް ކުކް ޗޯލް އެވެ. މި މޮޅާއެކު އުތުރު ކޮރެއާ ވަނީ އެގައުމުން ކޮލިފިކޭޝަންގައި މިހާތަނަށް ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް އެ ގްރޫޕްގެ އެއްވަނަ އަށް ޖެހިލާފަ އެވެ. މި ގްރޫޕްގެ ދެވަނައިގައި އޭޝިއާގެ ގަދަ ބާރު ދެކުނު ކޮރެއާ އޮތްއިރު ތިންވަނައިގައި އޮތީ ތުރްކަމެނިސްތާނެވެ. މި ތިން ގައުމަށް ވެސް ތިން ޕޮއިންޓް ލިބިފައިވާއިރު އުތުރު ކޮރެއާ އަށް އެއްވަނަ ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ.

އުތުރު ކޮރެއާ އިން އެގައުމުގެ ފުރަތަމަ މޮޅު މިދިޔަ ބުރާސްފަތި ދުވަހު ލުބްނާނާއި ވާދަކޮށް ހޯދީ 2-0ގެ ނަތީޖާއަކުންނެވެ. އަަވައްޓެރި ލަންކާ އަމިއްލަ ގައުމުގައި ޖެހިޖެހިގެން ދެވަނަ މެޗުން ބަލިވިއިރު ފުރަތަމަ މެޗުގައި ތުރްކަމެނިސްތާނާއި ދެކޮޅަށް ކުޅެ ބަލިވީ 2-0 އިންނެވެ.

މިރޭ ކުޅުނު ގްރޫޕް އީގެ ކޮލިފިކޭޝަން މެޗުގައި ދެކުނު އޭޝިއާގެ ދެގައުމު ކަމަށްވާ އަފްޣާނިސްތާނާއި ބަންގްލަދޭޝް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން އަފްޣާނިސްތާން ކުރިހޯދައިގެންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފްގެ 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފަރްޝާދު ނޫރު އެވެ.

އަފްޢާނިސްތާނުން ބަންގްލަދޭޝް ބަލިކުރުމުން އެޓީމު ވަނީ ތިން ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނަ އަށް ޖެހިލާފަ އެވެ. އެގައުމުން ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުގައި ވަނީ 6-0ގެ ބޮޑު ތަފާތަކުން ގަތަރު އަތުން ބަލިވެފަ އެވެ. އެހެންކަމުން ބަންގާޅު އަތުން މިރޭ ލިބުނު މޮޅަކީ ކޮލިފައިންގައި ކުރިއަށްދިއުމަށް އެގައުމަށް ލިބުނު ބޮޑު ހިތްވަރެކެވެ.

އިންޑިއާ އާއި އޮމާންގެ އިތުރުން އޭޝިއާ ބައްރުގެ ޗެމްޕިއަނުން ކަމަށްވާ ގަތަރު ވެސް ހިމެނޭ މި ގްރޫޕްގެ އެންމެ ކުރީގައި ގަތަރު އޮތް އިރު ދެވަނައިގައި އޮތީ އޮމާން އެވެ. އޮމާން ވަނީ އެގައުމުން ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާ އާއި ވާދަކޮށް ފަހަތުން އަރައި 2-1ގެ ނަތީޖާއަކުން މޮޅުވެފަ އެވެ.