މިނިވަން ޗެމްޕިއަންޝިޕް އައްޑޫ ސިޓީ ބުރުގެ ޗެމްޕިއަންކަން ހިތަދޫ އިން މިފަހަރު ހޯދައިފިއެވެ.

ހިތަދޫ ޒޯން ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗު ހިތަދޫ އިން ކާމިޔާބުކުރީ ޕެނަލްޓީގައި 2-5 އިން ފޭދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މި މެޗުގެ 90 މިނެޓްގެ ކުޅުން ހަމަވިއިރު ދެ ޓީމު ވެސް އޮތީ 1-1 އިން އެއްވަރުވެފައެވެ. އެހެންކަމުން ނަތީޖާ ނެރުނީ ޕެނަލްޓީ އިންނެވެ.

ޕެނަލްޓީގައި ހިތަދޫ އިން ޖެހި ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރިއިރު ފޭދޫ އިން ޖެހި ޕެނަލްޓީތަކުގެ ތެރެއިން އެއް ޕެނަލްޓީ ބޭރަށް ދިޔައިރު ހިތަދޫ ޓީމުގެ ކީޕަރު ވެސް ވަނީ އެއް ޕެނަލްޓީ ދިފާއުކޮށްފައެވެ.

ފޭދޫ އަކީ ފާއިތުވި ތިން އަހަރު ވެސް އައްޑޫ ސިޓީ ބުރުގެ ޗެމްޕިއަންކަން ހޯދި ޓީމެވެ. އެ ތިން ފަހަރު ވެސް ފޭދޫ އިން ޗެމްޕިއަންކަން ހޯދީ ހިތަދޫ ބަލިކުރުމަށްފަހުކަން ފާހަގަކޮށްލެވެއެވެ.

މީގެއިތުރުން ފޭދޫއަކީ މިމުބާރާތް ތައާރަފްކުރި 2015 ވަނަ އަހަރު މުބާރާތުގެ ޗެމްޕިއަން ޓީމުވެސް މެއެވެ. އެޓީމު ވަނީ މިނިވަން ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުން ޕުރެސިޑެންޓްސް ކަޕްގައި ވެސް މީގެކުރިން ވާދަކޮށްފައެވެ.

އައްޑޫ ސިޓީ ބުރުގެ ޗެމްޕިއަންކަން ހޯދި ހިތަދޫ ދެން ވާދަކުރާނީ ޒޯން މުބާރާތުގައެވެ. އަށްވަނަ ޒޯންގައި އެޓީމާ ވާދަކުރާނީ ފުވައްމުލަކުގެ ޗެމްޕިއަން ދޫޑިގަމާއެވެ. މިދެޓީމު ބައްދަލު ކުރާ ފުރަތަމަ މެޗު އަންނަ ހޮނިހިރު ދުވަހު އޮންނާނީ ފުވައްމުލަކުގައެވެ.