ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފައިންގައި ސިންގަޕޫރުން ފަލަސްތީނުގެ މައްޗަށް ކުރިހޯދައި ގްރޫޕް ޑީގެ އެއްވަނަ އަށް ޖެހިލައިިފި އެވެ.

މިރޭ ކުޅުނު މެޗުގައި ފަލަސްތީނުގެ މައްޗަށް ސިންގަޕޫރުން ކުރިހޯދީ 2-1ގެ ނަތީޖާއަކުންނެވެ. މެޗުގެ ވަރަށް ކުރީކޮޅު ސިންގަޕޫރުން ވަނީ ލަނޑު ޖަހައި ލީޑުު ހޯދާފަ އެވެ. ފުރަތަމަ ހާފުގެ ތިންވަނަ މިނެޓުގައި އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޝާކިރު ހަމްޒާ އެވެ.

ފަލަސްތީނުގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ސިންގަޕޫރުން ލީޑު ނެގި ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން ފަލަސްތީނުގެ ޔާސިރު ހާމިދު ވަނީ ލަނޑެއް ޖަހައި އެޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ސިންގަޕޫރުގެ ޕެނަލްޓީ އޭރިއާ ބޭރުން ޔާސިރު ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ކަނަށެވެ.

މެޗުގެ ކުރީކޮޅު ދެޓީމުގެ ފަރާތުން ވެސް ފެނުނު ދެ ލަނޑަށްފަހު މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނީ ސިންގަޕޫރުންނެވެ. ފުރަތަމަ ހާފުގެ ފަހު ދިހަ މިނެޓު ތެރޭގައި އެގައުމުން ކައިރި ކައިރީގައި ދެތިން ހަމަލާއެއް އުފެއްދި އިރު 39 ވަނަ މިނެޓުގައި ސޮފްވާން ބަހާރުއްދީން ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވެ ސިންގަޕޫރުން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގި އެވެ.

ދެވަނަ ހާފުގައި ފަލަސްތީން ޓީމުން ކުރިއަށް ޖެހިލައި ސިންގަޕޫރުގެ ގޯލަށް ނުރައްކާ ކުރެވޭތޯ މަސަތްކަތްކުރި އެވެ. ނަމަވެސް މިރޭގެ މެޗުގައި ސިންގަޕޫރުގެ ޑިފެންޑަރުންގެ ފަރާތުން ފެނުނީ ހުޝިޔާރު މޮޅު ކުޅުމެކެވެ.

މިރޭ ލިބުނު މޮޅާއެކު ކޮލިފައިންގައި މިހާތަނަށް ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ސިންގަޕޫރު ގްރޫޕް ޑީގެ އެންމެ ކުރީގައި ހަމަޖެހިލިއިރު ދެވަނައިގައި ތިން ޕޮއިންޓާއެކު އޮތީ ފަލަސްތީނެވެ. ފަލަސްތީނުން މުބާރާތުގެ ފުރަތަމަ މެޗުގައި އުޒްބެކިސްތާނު އާއި ބައްދަލުކޮށް މޮޅުވެފަ އެވެ.