ގަލޮޅު ރަސްމީ ދަނޑުގައި މިރޭ ކުޅުނު ކޮލިފައިންގް މެޗަށް ނުކުތީ ރާއްޖޭގެ ފުޓްބޯޅަ ޓީމަށް ފުރިހަމަ އަށް އިޙުތިރާމް ކުރަމުން ކަމަށާއި މިގައުމުގެ ފުޓްބޯޅަ ކުރިއަރުވަން ބޭނުންނަމަ ދިވެހި ލީގުގެ ފެންވަރު މިހާރަށްވުރެ މަތި ކުރަން ޖެހޭ ޗައިނާގެ ކޯޗު މާސެލޯ ލިއްޕީ ބުނެފި އެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ތަޖުރިބާކާރު ކޯޗު ލިއްޕީ ބުނީ އޭނާގެ ޓީމުން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށެވެ. އަދި ވަކި ވަކި ކުޅުންތެރިންގެ ނަން ނުހިމެނި ކަމުގައި ވިޔަސް ޖުމްލަކޮށް ޗައިނާ ޓީމުގެ ފަރާތުން ވަރަށް އޯގަނައިޒްޑް ކުޅުމެއް ފެނިގެންދިޔަ ކަމަށެވެ.

"ޖުމްލަކޮށް ބުންނަންޏާ މިރޭ އަހަރެންގެ ޓީމުން ދެއްކީ ވަރަށް ފުރިހަމަ ކުޅުމެއް. އަހަރެން ކުރިންވެސް ބުނި ގޮތަށް ޓީމުން ކުޅުނީ މޮޅުވުމުގެ ރޫހުގައި. ލިބުނު ފުރުސަތުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފީމަ ބޮޑު މޮޅެއް މި ލިބުނީ، މެޗުން ވަރަށް ގިނަ ޕޮޒިޓިވްސް ތައް ލިބިގެންދިޔަ،" ލިއްޕީ ބުންޏެވެ.

އިޓަލީ އާއެކު 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް އުފުލާލީ ލިއްޕީ ބުނީ މިރޭގެ މެޗުގެ ކުރިން ރާއްޖޭގެ ފުޓްބޯޅައިގެ ފެންވަރު ހުރީ ކިހާހިސާބެއްގައި ކަމެއް ނޭނގޭ ކަމާއި މެޗަށް ނުކުތީ ރާއްޖޭގެ ޓީމަށް ފުރިހަމައަށް އިހުތިރާމު ކުރަމުންކަމަށެވެ. އަދި ފުޓްބޯޅައިގައި އޮންނާނީ މޮޅުވުމާއި ބަލިވުން ކަމަށާއި ވަރުގަދަ ގައުމުތަކާ ދެކޮޅަށް ކުޅޭ މެޗުތަކުގައި ނަތީޖާ ނެރުމަށް އެންމެ މުހިންމު ކަމަކީ ގައުމުގެ ޑޮމެސްޓިކް ލީގުގެ ލެވެލް މަތިކުރުން ކަމަށެވެ.

'' ރާއްޖޭގެ ލީގަކީ ކިހާ ފެންވަރެއްގެ ލީގެއް ކަމެއް އަހަރެންނަކަށް ނޭނގޭ. އެކަމަކު ދިވެހި ޓީމު މަތީ ހަރުފަތަކަށް ގެންދަން ވަރަށް މަސަތްކަތް ކުރަން އެބަޖެހޭ. ފުޓްބޯޅައިގައި ބޮޑެތި ވަރުގަދަ ޓީމުތަކާއި ދެކޮޅަށް ރަނގަޅު ނަތީޖާއެއް ބޭނުންނަމަ އަމިއްލަ ގައުމުގެ ލީގުގެ ފެންވަރު މަތިކުރަން ޖެހޭ. އެއީ ކުޅުންތެރިންގެ ފެންވަރު އަވަހަށް އިމްޕްރޫވް ކޮށްދޭނެ ކަމެއް. އެގޮތަށް ކަންތައް ކޮށްފިއްޔާ ރާއްޖެ އަށް ވެސް ކުރިއަށްް އޮތްތާގައި މިއަށްވުރެ ފޮނި ނަތީޖާތަކެއް ނެރެވިދާނެ، " މިރޭ މެޗަށްފަހު ވާހަކަދައްކަމުން ލިއްޕީ ބުންޏެވެ.

މިރޭ ވޯލްޑްކަޕުގެ ކޮލިފައިންގައި ރާއްޖެއާއި ޗައިނާ ބައްދަލުކުރި މެޗުގައި ޗައިނާ އިން ވަނީ ރާއްޖެ ކޮޅަށް ފަސް ލަނޑު ޖަހާފަ އެވެ. ޗައިނާ އާއި ދެކޮޅަށް ރާއްޖެ އިން މިހާރު ފަސް ފަހަރު ކުޅެފައިވާއިރު ރާއްޖެ އަށް މޮޅެއް ލިބިފައިނުވެ އެވެ. މިރޭގެ މެޗުގެ ކުރިން ރަޝިޔާ ވޯލްޑް ކަޕް ކޮލިފައިންގައިވެސް މިދެޓީމު އެއް ގްރޫޕެއްގައި ލައްވާލައި ބައްދަލުކޮށްފައިވާއިރު އެފަހަރު ޗައިނާ އިން މެޗުތައް ކާމިޔާބުކުރީ 3-0 އަދި 4-0ގެ ނަތީޖާތަކަކުންނެވެ.

ޗައިނާގެ ގައުމީ ލީގު ކަމަށްވާ ޗައިނީސް ސުޕަ ލީގަކީ މިހާރު ދުނިޔޭގައި ވެސް އޮތް އެންމެ އަގުބޮޑު ލީގެވެ. ފަހަކަށް އައިސް ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން ކުޅުންތެރިން ޗައިނާ ލީގަށް ބަދަލުވަމުން އަންނަ އިރު އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން އަންނަނީ ސުޕާލީގު ކުރިއެރުވުމަށްޓަކައި ވަރަށް ގިނަ ގުނަ މަސަތްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ދަންސޫރަ

  ޅަބަކަށްޓަކުން ކިރުފެލޭތަ ނެތްފެންވަރެއް ނިކުމޭތަ

  23
  1
 2. ބާޝާ ބާއީ

  ވަރައް ރަނގަޅު ވާހަކަ އެއް

  28
  2
 3. ނަސޭހަތް

  ބޭބޭ މިތާނގަ މަތިވާނި ސިޔާސީ މީހުންގެ ދިރިއުޅުމުގެ ފެންވަރާ އެމީހުންގެ ޖީބުތައް.. ތިޔަ ކަހަލަ ނަސޭހަތެއް ދިނަސް އަޑެއް ނާހާނެ..

  15
 4. ހައި

  މި ވަރަށް ރަނގަޅު ވާހަކައެއް، މި ރިއަލައިޒް ނުވާނެ ކުޅޭ މީހުންނަށްވެސް. ހޮބީއަކަށް ކުރާ ކަމެއް ވިއްުޔާ މިއީ. ފިޓްނަސް އަކަށް އެއްގޮތަށްވެސް ނުވިސްނާ.

  14
 5. ސީނު

  ރަނގަޅު ވާހަކައެއް. ދިވެހި ފުޓުބޯޅަ ކުރިއަރުވަން ވަރަށް ގިނަ މަސައްކަތް ތަކެއް ކުރެވޭ އެންމެ ގްރާސްރޫޓްލެވެލްގަ އެކަމަކު. ވަކިހިސާ1ބަކުން އަޅާނުލެވޭ އޭޖަކަށްއާދޭ. އެހިސާބުން ފެންވަރު ވެއްޓޭކަމަށް ވެދާނެ

  7
  1
 6. ޒާ

  މީހުންގެ ފެންވަރެއްނެތް. ގިނައިންތިބީ މެޗުތެރެއިންވެސް ލިބޭ ހުސްވަގުތުގައި ސިނގިރޭޓް ދަމާ މީހުން. މޮޅީ އަނގައިން. މިހާރު އޮތް ސަގާފަތް ދޫކޮށްލައިގެން ނޫނީ އެއްވެސް ކުޅިވަރަކަށް ކުރިއެރުމެއް ނުލިބޭނެ.

  12
 7. ލަދޭ

  ކޯޗުގެ ވާހަކައިން އިނގޭ ޗައިނާ ޓީމު މިވަރުން ދަންޏާ ކޮލިފައިން ކުޅެން ފީފާ މެދުވެރިކޮށް ބޮޑެތި ގައުމުތަކާ ކުޅެން ނުޖެހޭ ސިސްޓަމެއް ގާއިމް ކޮށްފާނެ ކަމަށް. އެހާވެސް ބަލިކައްޓޭ ދިވެހި ފުޓްބޯޅަ. ދެރަވަރު. މިއޮތްހާ ދުވަހު ކުރި މަސައްކަތެއްވެސް ނެތް ދިވެހި ފުޓްބޯޅައިން ފެންނަން ކޯޗަށް. ކިހާ ދެރަ. އިރެއްގަ ސަރަހައްދުގައި ޗެމްޕިއަނެކޭ ބުންޏަސް މީހަކު ގަބޫލް ކުރާނެތަ. ވަރަށް ދެރަ. މިހާބަލިކަށި ކުޅުމެއް ދެއްކި ޓީމު ހަމަ ދެރައީ. ގަބޫލް ކުރޭ. ދެން ރަނގަޅުކުރަން ހުރި ކަންކަން ރަނގަޅުކުރޭ އެކަން ގަބޫލް ކޮށްފައި.

 8. ނުރަބޯ

  ރާއްޖެ ފުޓްބޯޅަ ކުރިއެއް ނާރާނެ ފުލްޓައިމް ކުޅުންތެރިން ޓީމްތަކަށް ކުޅެގެންނޫނީ. ރާއްޖޭގަ ނޯވޭ ފުޓްބޯޅައަށް އެކަނި ޑިޕެންޑްވެގެން ނޯވޭ މާލޭގަ އުޅެވޭކަށް. އެހެންވީމަ ކޮންމެ މީހަކުވެސް ކުޅުންބަލަނީ ޕާރޓްޓައިމް ވަޒީފާއަކަށް.

 9. ރާޅުގަނޑު

  މޮޅުމީހުން ބުނާނީ ރީތިކޮށް. އެއޮތީ ރީތިބަހުން ބުނެފަ ކަލޭމެންގެ ފުޓުބޯޅައިގަ ފެންވަރެއް ނެތޭ.