ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ކޮލިފިކޭޝަންގައި އަވައްޓެރި އިންޑިއާ އިން އޭޝިއާގެ ޗެމްޕިއަން ގަތަރު ހިފަހައްޓާލައިފި އެވެ.

ގަތަރުގައި މިރޭ ކުޅުނު ކޮލިފައިންގް މެޗާއި އިންޑިއާ އިން ކުރިމަތިލީ މީގެ ތިން ވަރަކަށް ދުވަސްކުރިން އޮމާން އަތުން ހިތްދަތިގޮތަކަށް ފަހު ވަގުތު ބަލިވުމަށްފަހު އެވެ. އިންޑިއާގައި ކުޅުނު ކޮލިފައިންގެ ފުރަތަމަ މެޗުގައި އޮމާން އަތުން އިންޑިއާ ބަލިވީ 88 އަށްވަނަ މިނެޓާއި ހަމައަށް ދިޔައިރުވެސް މޮޅުވެފައި އޮއްވާ ފަހު ވަގުތު އޮމާނުން ޖެހި ދެ ލަނޑުންނެވެ.

މިރޭގެ މެޗަށް އިންޑީއާ އިން ނުކުތީ އެޓީމުގެ މުހިއްމު ފަސް ކުޅުންތެރިންނާއި ނުލަ އެވެ. އަނިޔާގެ ސަބަބުން ތަޖުރިބާކާރު ފޯވަޑް އަދި އެގައުމުގެ ކެޕްޓަން ސުނިލް ޗެތުރީ އާއި ސުބާޝިޝް ބޯޝޭގެ އިތުރުން ބްރާންޑަން ފާނަންޑޭޒްގެ ބަދަލުގައި ޒުވާން ކުޅުންތެރިންތަކެއް އަރުވައިގެން ކުޅުނު އިންޑިއާ ޓީމަށް މުޅި މެޗުތެރޭގައި ވެސް ގަތަރުގެ ސަޕޯޓަރުންގެ ޕްރެޝަރާއި ވަރަށް ބޮޑަށް ކުރިމަތިވެގެންދިޔަ އެވެ.

އެންމެން ހީކުރި ގޮތަށް އިންޑިއާ އިން މެޗު ފެށީވެސް ޑިފެންސިވްކޮށެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު ގަތަރުގެ އަބްދުލް އަޒީޒް އިންޑިއާގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ނުރައްކާތެރި ދެ ހަމަލާވެސް އިންޑިއާގެ ކީޕަރު ވަނީ ހުޝިޔާރުކަމާއެެކު މަތަކޮށްފަ އެވެ. ސިންގްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މެޗުގައި ގަތަރަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުތައް ލިބުނީ 20 ވަނަ މިނެޓުގަ އެވެ. އެޓީމުގެ ކުޅުންތެރިންގެ ވަރަށް ފުރިހަމަ އެޓޭކެއްގައި އަޒީޒް ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ އަނެއްކާވެސް ކީޕަރު ގުރްޕްރީތް ސިންގްއެވެ.

މެޗުގެ ދެވަނަ ހާފާއި އިންޑިއާ އިން ކުރިމަތިލީ މާބޮޑަށް ތައްޔާރުވެގެންނެވެ. މިރޭގެ މެޗުގައި އެޓީމުން އެންމެ ރަނގަޅަށް ކުޅުނު އެއް ކުޅުންތެރިއާ ކަމަށްވާ ސަހަލް އަބްދުލް ސަމަދު ގަތަރުގެ ގޯލަށް ދެތިން ބޯޅައެއް ފޮނުވާލި ނަމަވެސް ގަތަރުގެ ކީޕަރު ވަނީ އެ ހަމަލާތައް މަތަކޮށްފަ އެވެ.

ގަތަރު ކައިރިން މިރޭ ލިބުނު ޕޮއިންޓަކީ ކޮލިފައިންގައި ކުރިއަށްދިއުމަށް އިންޑިއާ އަށް ލިބުނު މުހިއްމު ޕޮއިންޓެކެވެ. އަދި އަމިއްލަ ދަނޑުގައި އިންޑިއާ އަތުން މޮޅެއް ނުލިބުމުން އޭޝިއާގެ ޗެމްޕިއަން ގަތަރަށް ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއް އަންނާނެ އެވެ. ގަތަރަކީ ފަހަކަށް އައިސް އޭޝިއާ ބައްރުގެ ފުޓްބޯޅައިގައި އެންމެ އަވަސް ސްޕީޑެއްގައި ކުރިއަރަމުން އަންނަ ގައުމެވެ. އެހެންކަމުން މިރޭ އެގައުމުގެ ދަނޑުގައި މޮޅަށް ކުޅެ ޕޮއިންޓެއް ހޯދުމުން އިންޑިއާ ޓީމުގެ ވަރުގަދަ ކަން ފާހަގަވެގެންދެ އެވެ.