ކްރިސްޓިއާނޯ ރޮނާލްޑޯގެ ހަތަރު ލަނޑާއެކު ޕޯޗުގަލް އިން ޔޫރޯ 2020 ކޮލިފިކޭޝަންގައި ލިތުއޭނިއާ ކޮޅަށް ލަނޑު ގޯންޏެއް ޖަހާލައިފި އެވެ.

ލިތުއޭނިއާގެ ދަނޑުގައި ހޯދި ތިން ޕޮއިންޓާއެކު އަންނަ އަހަރު އޮންނަ ޔޫރަޕްގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށް ޕޯޗުގަލް އިން ކުރަމުން އަންނަ މަސަތްކަތަށް އިތުރު އުއްމީދުތަކެއް ލިބިގެންގޮސްފައިވާއިރު ރޭ ކުޅުނު މެޗުގައި އެގައުމުގެ ފުޓްބޯޅަ ތަރި ރޮނާލްޑޯ ކާމިޔާބުކުރި ހަތަރު ލަނޑާއެކު ގައުމީ ޖާޒީގައި އޭނާ ޖަހާފައިވާ ލަނޑުގެ އަދަދު ވަނީ 93 އަށް އަރާފަ އެވެ. ރޮނާލްޑޯ އަކީ ޔޫރަޕްގައި 90 ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިއާއެވެ.

އުމުރުން މިހާރު 34 އަހަރުގެ ރޮނާލްޑޯގެ 53 ވަނަ ހެޓްރިކް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ލަނޑު އޭނާ ކާމިޔާބުކުރީ މެޗު ފެށިގެން މާގިނައިރުތަކެއް ނުވެ ލިތުއޭނިއާ ޕެނަލްޓީ ތެރެއިން ޕޯޗުގަލްގެ އުއްމީދީ ފޯވަޑް ޖޮއާއޮ ފެލިކްސް ވައްޓާލުމުން ލިބުނު ޕެނަލްޓީއެއްގަ އެވެ.

ޕޯޗުގަލްގެ ލަނޑަށްފަހު އެޓީމުން އިތުރު ލަނޑުތަކެއް ޖެހޭތޯ މަސަތްކަތްކުރި އެވެ. އެގޮތުން ކެޕްޓަން ރޮނާލްޑޯ އާއި ޑިފެންޑަރު ހޯސޭ ފޮންޓޭ ފޮނުވާލި ހަމަލާތައް ލިތުއޭނިއާ ކީޕަރުވަނީ މަތަކޮށްފަ އެވެ. ޕޯޗުގަލް އަށް ލިބެމުންދިޔަ ފުރުސަތުތަކުގެ ބޭނުން ނުހިފި ދަނިކޮށް މެޗުގެ 27 ވަނަ މިނެޓުގައި ލިތުއޭނިއާ އަށް ލިބުނު ކޯނަރެއްގައި އަންދްރެއަސްކެވިޝިއަސް ވަނީ ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ވައްދާ މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

ފުރަތަމަ ހާފު 1-1ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިގެންދިޔަ އިރު ލިތުއޭނިއާ އިން ވަނީ މެޗުގެ ފުރަތަމަ 60 މިނެޓު ތެރޭގައި ކޮންމެވެސް ވަރަކަށް ޕޯޗުގަލް އާއި ރޮނާލްޑޯ ހިފަހައްޓާފަ އެވެ. ނަމަވެސް ރޮނާލްޑޯ ވަނީ އޭނާ އާއްމުކޮށް ކަންތައްކުރާ ގޮތަށް ޓީމަށް އޭނާގެ ބޭނުން އެންމެ ޖެހޭ ވަގުތު ޑެލިވަރކޮށް ލަނޑުޖަހާފަ އެވެ. 61 ވަނަ މިނެޓުގައި ލިތުއޭނިއާގެ އޭރިއާ އަރިމަތިން ރޮނާލްޑޯ ފޮނުވާލި ބާރު ބޯޅަ ގޯލަށް ވަދެ ރޮނާލްޑޯގެ އޭނާގެ ދެވަނަ ލަނޑު ޖެހިއިރު އޭގެ އިރުކޮޅެއްފަހުން ބަރްނާޑޯ ސިލްވާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ލަނޑު ޖަހައި ރޮނާލްޑޯ އޭނާގެ ހެޓްރިކް ފުރިހަމަ ކުރިއެވެ.

މެޗުގައި ރޮނާލްޑޯގެ ހަތަރުވަނަ ލަނޑު 76 ވަނަ މިނެޓުގައި ފެނުނު އިރު ވިލިއަމް ކަރްވާޅޯ ވަނީ އިތުރު ވަގުތުގައި އެގައުމުގެ ފަސްވަނަ ލަނޑު ޖަހައި ސްކޯ ޝީޓުން ޖާގަ ހޯދާފަ އެވެ.

މި މޮޅާއެކު ޕޯޗުގަލް އަށް ހަތަރު މެޗުން އަށް ޕޮއިންޓް ލިބިފައިވާއިރު ގްރޫޕްގެ އެއްވަނައިގައި އޮތް ޔުކްރެއިން އަށް ވަނީ ތޭރަ ޕޮއިންޓް ލިބިފަ އެވެ. މި ގްރޫޕްގެ ތިންވަނައިގައި ޕޯޗުގަލް އަށްވުރެ އިތުރަށް އެއް މެޗު ކުޅެގެން ހަތް ޕޮއިންޓާއެކު ސާބިއާ އޮތްއިރު ފުލުގައި އޮތީ މިހާތަނަށް ކުޅުނު ފަސް މެޗުން އެންމެ ޕޮއިންޓެއް ލިބިގެން ލިތުއޭނިއާ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދަންސޫރަ

    ރޮނާޑޯ އާދޭސްކޮއްފަމިބުނީ އާޖެންޓީނާގެ މެސީއަށް ގައުމީޓީމަށް ގޯލްޖަހަންޖެހޭގޮތް ކިޔައިދީބަލަ ހޮޔޮނުވާނެ ތިހެން ހަދާކަށް

    19
    7
    • ހަހަހަ

      ލޮލް

      1
      1
  2. ފޭން

    ކަމޯންކިންގް އަލީ ދާއީގެ ރެކޯޑް މުގުރާލާޔޫކޭން ޑޫއިޓް