ޔޫރޯ ކޮލިފިކޭޝަންގައި ރޭ ޔޫރަޕްގެ ގަދަބާރުތަކުން ކުޅުނު އިރު އެންމެ ފޯރިގަދަކޮށް ދިޔައީ އިންގްލަންޑާއި ކޮސޯވޯ ބައްދަލުކުރި މެޗެވެ.

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ޒުވާން ތަރި ރަހީމް ސްޓާލިންގެ ފުރިހަމަ ކުޅުމެއް ފެނިގެންދިޔަ މެޗު އިންގްލަންޑުން ކާމިޔާބުކުރީ 5-3 އިންނެވެ.

މެޗުގެ ފުރަތަމަ މިނެޓު ތެރޭގައި ކޮސޯވޯގެ ވެލޮން ބެރިޝާގެ ލަނޑުން ސެއިންޓް މެރީސް ސްޓޭޑިއަމްގައި ތިބި އިނގިރޭސި ސަޕޯޓަރުން ސިއްސުވާލި ނަމަވެސް ސްޓާލިންގް ވަނީ އަށްވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގެ ނެތީޖާ 1-1 އަށް ބަދަލުކޮށްފަ އެވެ.

ސްޓާލިންގެ ފަރާތުން ތިން އެސިސްޓް ފެނިގެންދިޔަ މެޗުގައި އިންގްލަންޑުން ޖެހި ދެވަނަ ލަނޑު 19 ވަނަ މިނެޓުގައި ސްޓާލިން ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ހެރީ ކޭން އެވެ. ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް އިންގްލަންޑުން ކައިރި ކައިރީގައި ތިން ލަނޑު ޖެހި އިރު އޭގެނެ ފުރަތަމަ ލަނޑަކީ 38 ވަނަ މިނެޓުގައި ކޮސޯވޯ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އިންގްލަންޑުން ތިން ލަނޑުގެ ލީޑެއް ނެގިތާ ދެތިން މިނެޓު ފަހުން އަނެއްކާވެސް ސްޓާލިން ތަނަވަސްކޮށްދިން ފުރުސަތުތަކެއްގައި ޒުވާން ކުޅުންތެރިއާ ޖާޑޮން ސާންޗޯ ވަނީ ވަނީ ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ 5-1 އަށް ބަދަލުކޮށްފަ އެވެ.

އިންގްލަންޑުން ވަަރަށް ފުރިހަމަ ކުޅުމަކަށްފަހު ފުރަތަމަ ހާފު ނިންމާލިނަމަވެސް ދެވަނަ ހާފުގައި އެ ފެންވަރުގެ ކުޅުމެއް އެޓީމަށް ނުދެއްކުނެވެ. އޭގެ ބަދަލުގައި ދެވަނަ ހާފުގައި މޮަޅަށް ކުޅެ ހަމަލާތައް އުފައްދައި އިދިކޮޅު ގޯލަށް ނުރައްކާ ކުރީ ކޮސޯވޯ އިންނެވެ. ދެވަނަ ހާފު ފެށުމާއެކު ޕްރެސްކުރަން ފެށި ކޮސޯވޯ ޓީމް އިން 49 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ފަރަގު ކުޑަކުރި އެވެ. އެ ލަނޑު އެޓީމަށް ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ވެލޮން ބެރިޝާ އެވެ.

ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި ކޮސޯވޯ އިން ޖެހި އެޓީމުގެ ތިންވަނަ ލަނޑު ޖެހީ މުރިކީ އެވެ. މުރިކީގެ ލަނޑު ޖެހީ އިންގްލަންޑްގެ އޭރިއާ ތެރެއިން ކޮސޯވޯ ކުޅުންތެރިއަކަށް ޑިފެންޑަރު ހެރީ މެގުއާ ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ އެއްގަ އެވެ. މުރިކީގެ ލަނޑަށް ފަހު އަނެއްކާވެސް ކޮސޯވޯ ޓީމުން ހަމަލާތަކެއް އުފައްދަން މަސަތްކަތްކުރި ނަމަވެސް އޭގެ ފަހުން އެޓީމަށް އިނގިރޭސި ގޯލު ފޫއަޅުވާލެވޭގޮތެއް ނުވި އެވެ.

ރޭގެ މޮޅާއެކު މިހާތަނަށް ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް ޖުމްލަ ބާރަ ޕޮއިންޓް ހޯދައިގެން އިންގްލަންޑް ގްރޫޕް އޭގެ އެއްވައިނައިގައި ހަމަޖެހިލިއިރު ދެވަނައިގައި އޮތީ ނުވަ ޕޮއިންޓާއެކު ޗެކް ރިޕަބްލިކް އެވެ.