ޖަޕާންގެ މިޔަޒާކީ ގައި މިހާރު ކުރިއަށްދާ ވޯލްޑް ސާފިންގް ގޭމްސްގައި ރާއްޖޭގެ ގައުމީ ސާފިންގް ޓީމްގައި ހިމެނޭ ހުސައިން އަރީފް (އިބޫ) އާއި އިސްމާއިލް ރަޝީދު (ސްމައިލީ) މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ސާފަރު އަދި ގައުމީ ޓީމްގެ ކެޕްޓަން އިބޫ ވަނީ އޭނާގެ ފުރަތަމަ ހީޓުން އެއްވަނަ ހޯދާފަ އެވެ. ހަތަރު ސާފަރުންނާއި ވާދަކޮށް އިބޫ ހީޓުގެ އެއްވަނަ ހޯދީ 9.3 ޕޮއިންޓާއެކު އެވެ. ދިވެހި ޓީމުގައި ހިމެނޭ އިސްމާއިލް ރަޝީދު (ސްމައިލީ) ދެވަނަ ބުރުން ޖާގަ ހޯދީ އޭނާ ވާދަކުރި ހީޓުގެ ދެވަނަ ހޯދައިގެންނެވެ. ސްމައިލީ ދެވަނަ ހޯދީ ހަތަރު ސާފަރުންނާއި ވާދަކޮށް 9.07 ޕޮއިންޓާއެކު އެވެ.

17 އަހަރަށްފަހު ވޯލްޑް ސާފިންގް ގޭމްސްގައި ބައިވެރިވި ރާއްޖޭގެ ގައުމީ ޓީމުގައި އިބޫ އާއި ސްމައިލީގެ އިތުރުން ހިމެނެނީ އަހުމަދު އާގިލް (އައްމަޑޭ) އާއި ހަސަން ނާސިހް (ޗިކާ) އެވެ. ގައުމީ ޓީމަށް ކުޅުންތެރިން ހޮވައިފައިވަނީ މިދިޔަ ޖޫން މަހު ބޭއްވި “ޓްރަޔަލްސް 2019” އަށްފަހު އެވެ.

އެ މުބާރާތް ގދ. ގައްދޫ އަށް އުފަން ސްމައިލީ ކާމިޔާބުކުރި އިރު ކ. ތުލުސްދޫ އަށް އުފަން ދެ ރާޅާ އެޅުންތެރިން ކަމަށްވާ އަހްމަދު އާގިލް އާއި ހަސަން ނާސިހްގެ އިތުރުން ރ. ރަސްމާދޫއަށް ނިސްބަތްވާ ހުސައިން އަރީފް އަކީ މުބާރާތުގެ ފައިނަލުގައި ސްމައިލީ އާއި ވާދަކުރި ހަތަރު ކުޅުންތެރިންނެވެ.

2002 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ދުނިޔޭގެ ރާޅާ އެޅުމުގެ މުބާރާތުގައި ރާއްޖެ އިން ބައިވެރިވިއިރު މި މުބާރާތުގައި ދިވެހި ސާފަރުން ވާދަކުރަމުންދަނީ ޝޯޓްބޯޑް ކެޓެގަރީގަ އެވެ.

ދިވެހި ޓީމުގެ ކުޅުންތެރިން ދެވަނަ ބުރަށް ދަތުރުކުރުމާއި ގުޅިގެން ޔޫތް މިނިސްޓަރު މަހްލޫފު ވަނީ މިއަދު އެ ކުޅުންތެރިންނަށް މަރުހަބާ ދަންނަވާފަ އެވެ. ފޭސްބުކްގައި ކުރި ޕޯސްޓެއްގައި މިނިސްޓަރު މަހްލޫފް ވިދާޅުވީ އިބޫ އާއި ސްމައިލީ ދުނިޔޭގެ ސާފިންގް ޗެމްޕިއަންޝިޕްގެ ދެވަނަ ބުރަށް ދަތުރުކުރުމަކީ ރާއްޖޭގެ ސާފިންގް އަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށާއި ދެވަނަ ރައުންޑްގައި އެ ދެ ސާފަރުންނަށް ކާމިޔާބަށް އެދޭ ކަމަށެވެ.

އިންޓަނޭޝަނަލް ސާފިންގް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ވޯލްޑް ސާފިންގް ޗެމްޕިއަންޝިޕުގައި ދުނިޔޭގެ އެކިކަންކޮޅުތަކުން މަޝްހޫރު އެތަކެއް ސާފަރުން ވާދަކުރެ އެވެ. މި މުބާރާތުގައި ކާމިޔާބީ ހޯދާ ރާޅާ އެޅުންތެރިންނަށް އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

2015 ވަނަ އަހަރަށްފަހު ސާފިންގް އަކީ އޮލިމްޕިކްސް ކުޅިވަރެއްގެ ގޮތުގައި ބަލައިގެންފައިވުމާ އެކު އަންނަ އަހަރު ޖަޕާންގައި އޮންނަ އޮލިމްޕިކް ގޭމްސްގެ ރާޅާ އެޅުމުގެ އިވެންޓްގައި ބައިވެރިވުމުގެ ފުރުސަތު ހޯދުމަކީ ސާފިންގް އެސޯސިއޭޝަންގެ ބޮޑު އަމާޒެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮސްބެ

    އަޅުގަނޑު ބެލި ބެލުމުން ރާއްޖޭގެ އެތުލީޓުން ވަނީ ފުރަތަމަ ބުރުން ކަޓާފަ، ކޮން ސައިޓެއް ބައްލަވާފަތޯ ތި ހަބަރު ލިޔުއްވަނީ

  2. އާދިލް

    ރެޕިޗެގް ހީޓަކީ ކޯއްޗެއްކަން އިނގޭބާ ލިޔުންތެރިޔާއަށް

  3. ާގައްދޫ

    ގައްދޫ އީސް ޕްރައުޑް އޮފް ޔޫ އިސްމާއިލް (ސްމައިލީ)..ގުޑް ލަކް❤️😁