އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީގެ ކުރީގެ ކެޕްޓަން އަދި ދާދި ފަހުން ކްލަބަށް އަލްވަދާޢުކި ބެލްޖިއަމްގެ ޑިފެންޑަރު ވިންސެންޓް ކޮމްޕެނީ އެ ކްލަބް ދޫކޮށްލުމުގެ ހަނދާނުގައި ކުޅުނު ވަދާއީ މެޗުގައި ސިޓީގެ ބައިލައްކަ ސަޕޯޓަރުން ބައިވެރިވެއްޖެ އެވެ.

ރޭ މެންޗެސްޓީ ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި އުމުރުން މިހާރު 33 އަހަރުގެ ކޮމްޕެނީގެ ޓެސްޓިމޯނިއަލް މެޗުގައި ބައްދަލުކުރީ ޕްރިމިއާ ލީގުގެ އޯލް ސްޓާ ޓީމަކާއި މެންޗެސްޓާ ސިޓީގެ ލެޖެންޑުން ހިމެނޭ ޓީމެކެވެ. 2-2 ގެ ނަތީޖާއަކުން މެޗު އެއްވަރު ވެގެން ނިމުނުއިރު މެޗު ބެލުމަށްޓަކައި ޖުމްލަ 52000 އެއްހާ ސަޕޯޓަރުން އެތިހާތަށް ޖަމާވި އެވެ. ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ކޮމްޕެނީ މެޗުގައި ކުޅެފަ އެއް ނުވެ އެވެ.

ރޭގެ މެޗުގައި ޕްރިމިއާ ލީގުގެ ސްޓާރުންގެ ޓީމަށް ކުޅުނު ކުޅުންތެރިންގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑް އަދި އާސެނަލް އަށް ކުޅުނު ރޮބިން ވެން ޕާސީ އާއި މެންޗެސްޓާ ޔުނައިޓެޑުގެ ލެޖެންޑަރީ ކުޅުންތެރިންތައް ކަމަށްވާ ޕައުލް ސްކޯލްސްގެ އިތުރުން މައިކަލް ކެރިކް ހިމެނެ އެވެ. ސިޓީގެ ޓީމުގައި ފާހަގަކޮށްލެވުނު ކުޅުންތެރިންގެ ތެރޭގައި ޑިޖޮންގްގެ އިތުރުން މާޓިން ޕެޓްރޯވް ހިމެނެ އެވެ.

މެޗުގެ ޓިކެޓު ވިއްކައިގެން ލިބުނު ލާރި ހަދިޔާކޮށްފައިވަނީ މެންޗެސްޓާގައި ދިރިއުޅޭނެ ތަނެއް ނެތި އުޅޭ މީހުންނަށް އެހީވުމުގެ ގޮތުން އުފައްދާފައިވާ ޖަމިއްޔާއަކަށެވެ.

ސިޓީގެ ޖާޒީގައި 11 އަހަރު ހޭދަކޮށް 10 ތަށި ކާމިޔާބުކޮށްފައިވާ ކޮމްޕެނީ ބުނީ އޭނާގެ ހަނދާނުގައި ކުޅުނު މެޗަށް އެހާ ގިނަ އަދަދެއްގެ ބަޔަކު އެތިހާދަށް ޖަމާވުމުން ވަރަށް އުފާވި ކަމަށާއި ސިޓީ އަކީ އޭނާގެ ހިތުގައި ހާއްސަ ޖާގައެއް ހޯދާފައިވާ ކްލަބެއް ކަމަށެވެ.

''އަހަރެން މިހިރީ ވަރަށް ވެސް އުފަލުން. ހިއެއް ނުކުރަން މިހާ ގިނަބަޔަކު ދަނޑަށް އަންނާނެ ކަމަކަށް. ބައިލައްކަ މީހުންނަކީ މިކަހަލަ މެޗަކާއި އަޅާބަލާއިރު ވަރަށް ގިނަ މީހުން. ސިޓީ އަކީ މިހާތަނަށްވެސް އަދި ކުރިއަށްއޮތްތާގައިވެސް އަހަރެންގެ ހިތުގައި ހާއްސަ ޖާގައެއް އޮންނާނެ ކްލަބެއް. މި ކްލަބްގެ ހުރިހާ ސަޕޯޓަރުންނަށް އަހަރެން ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،'' ކޮމްޕެނީ ބުންޏެވެ.

ބެލްޖިއަމްގެ ކެޕްޓަން ވެސް ކޮށްފައިވާ ކޮމްޕެނީ އަކީ ސިޓީން ޕްރިމިއާ ލީގުގެ ތަށި އެ ކްލަބުގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް އުފުލާލިއިރު އެޓީމުގައި މުހިއްމު ރޯލެއް އަދާކުރި ކުޅުންތެރިއެކެވެ. އެ ކްލަބުގައި އޭނާ ހޭދަކުރި 11 އަހަރުގެ ތެރެއިން ފުރަތަމަ 6 އަހަރުގެ ތެރޭގައި މޮޅަށް ކުޅެ އެއިރު ދުނިޔޭގެ އެންމެ މޮޅެތި ޑިފެންޑަރުންގެ ލިސްޓުން ޖާގަ ހޯދި އިރު ފާއިތުވެދިޔަ ދެތިން އަހަރު އަނިޔާގެ އެކިއެކި މައްސަލަތައް ދިމާވެ ކޮމްޕެނީ އަށް އެހާ ރަނގަޅު ކުޅުމެއް ދެއްކިފައިނުވެ އެވެ.