މީ ސީޒަންގައި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަމާއި ގާތަށް، ލީގު އެންމެ ގިނަައިން ކާމިޔާބުކޮށްފައިވާ މެންޗެސްޓާ ޔުނައިޓެޑަށް ދަތުރުކުރެވިދާނެ ކަމަށް ގަބޫލުނުކުރާ ކަމަށް ލެޖެންޑަރީ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އާސެނަލް އާއެކު ޕްރިމިއާޝިޕް ތިން ފަހަރު ކާމިޔާބުކޮށްފައިވާ ވެންގާ ބުނީ މިހާރު އޮތް މެންޗެސްޓާ ޔުނައިޓެޑުގެ ސްކޮޑުގައި މުސްތަގްބަލުގައި ކާމިޔާބީ ހޯދޭނެ ފެންވަރު އެބަހުރި ކަމަށާއި ނަމަވެސް މިވަގުތަށް ބަލާނަމަ އެޓީމުގެ ކުޅުންތެރިންގެ ކިބައިގައި ޕްރިމިއާ ލީގުގެ އެންމެ މަތީ ފަންތީގައި ވާދަކުރެވޭ ވަރުގެ މެންޓާލިޓީއެއް ނެތް ކަމަށެވެ.

''މިވަގުތު މިއޮތް ޔުނައިޓެޑުގެ ސްކޮޑަށް ބަލާލުމުން އެޓީމުގެ ކުޅުންތެރިންގެ ކިބައިގައި މުސްތަގްބަލުގައި ނަތީޖާ ނެރެވޭނެ ފެންވަރު ހުރިކަން އެބަ އިނގޭ. އެކަމަކު މިވަތުގަށް ބަލާނަމަ ލީގުގެ އެންމެ ޓޮޕް ލެވެލްގައި ނަތީޖާ ނެރެވޭ ކަަހަލަ މެންޓާލިޓީއެއް މި ކުޅުންތެރިންގެ ވިސްނުމުގައި ހުރިހެނެއް ހިއެއްނުވޭ. ޔުނައިޓެޑު ކުޅޭތަން ފެނުމުން ވަރަށް ސާފުކޮށް އިނގޭ މި ޓީމަކީ ލީގަށް ވާދަކުރާނެ ޓީމެއް ނޫންކަން. ޕްރިމިއާ ލީގޯ ހޯދަން ބޭނުން ނަމަ އެންމެ ފުރަތަމަ ވެސް ކުރަން ޖެހޭ ކަމަކީ ދަނޑުމަތީގައި ވިނިންގް މެންޓާލިޓީއެއްގައި މަސަތްކަތްކުރުން'' ވެންގާ ބުންޏެވެ.

ވެންގާ ބުނީ ޔުނައިޓެޑުގެ އެންމެ ކާމިޔާބު ކޯޗު އެލެކްސް ފާގަސަންގެ އިރުޝާދުގެ ދަށުން ޕައުލް ސްކޯލްސް އާއި ރަޔާން ގިގްސްގެ އިތުރުން ޑޭވިޑް ބެކަމް ފަދަ ކުޅުންތެރިން ޔުނައިޓެޑަށް ކުޅުނު އިރު އެޓީމު ކުޅުނު ގޮތް ހަނދާން އެބަހުރި ކަމަށާއި އެ ކުޅުން މިހާރު ތިބި ކުޅުންތެރިންގެ ފަރާތުން ފެންނާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

''އަހަރެން ހަނދާން އެބަހުރި ގިގްސް، ބެކަމް އަދި ސްކޯލްސް މެން ލައިގެން ޔުނައިޓެޑް ކުޅުނު ގޮތް. މިހާރު އޮތް ޓީމު ކުޅޭގޮތުން ކުރީގެ މެންޗެސްޓާ ޔުނައިޓެޑުގެ ކުޅުން ދުވަހަކުވެސް ފެންނާނެތަ؟ ޕާސަނަލީ ބުނާނަމަ އަހަރެންނަށް ހަމަ އެއްގޮތަކަށްވެސް ހިއެއްނުވޭ،'' ވެންގާ ބުންޏެވެ.

ފާގަސަން ޔުނައިޓެޑުގެ ކޯޗު ކަން ކުރިއިރު އެޓީމަކީ ގަވާއިދުން ޕްރިމިއާ ލީގު ޗެމްޕިއަންކަމަށް ވާދަކުރަމުން އައި ޓީމެކެވެ. އޭނާގެ ކޯޗިންގް ދައުރުގައި ޔުނައިޓެޑުން ރެކޯޑު 13 ފަހަރު ލީގު ހޯދިއިރު އެއިރު އެޓީމަކީ މުޅި ޔޫރަޕްގައިވެސް ފާހަގަކޮށްލެވޭ މޮޅު ޓީމެކެވެ. 2013 ވަނަ އަހަރު ފާގަސަން ޔުނައިޓެޑު ދޫކޮށްލިފަހުން އެޓީމަށް މިއަދާ ހަމައަށްވެސް ކުރީގެ ފެންވަރަށް ވާސިލްވެފައެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޚައްޤު

    ވެންގާ ބުންޏަސް ތެދެއް ވާނީ ތެދައް

  2. ޕޮގުބާ

    ވެންގާ އަށް ކީވެތަ އާސެނަލްއަށް 2004 ފަހުން ލީގު ހޯދާނުދެވުނި 12އަހަރު އާސެނަލް ގަ ތެޅިފަ ދިޔައީ ހުސް އަތާ

    6
    3
    • ލޮލް

      ދެން ޔުނައިޓެޑް އައް ކީއްވެޔޯ ސާާރ އެލެކްސް ދިޔަ ފަހުން ލީގް ނުލިބެނީ އަދި ގަދަ 4 އަކައް ނޭރިގެން އުޅެން ޖެހެނީީ ޕޮގީ ވެސް މިދިޔަ ސީޒަން ހުސް ޕެނަލްޓީ ޖެހީ އިތުރު ކަމެއް ނުވޭ މި ސީޒަންް ގަ ޕެނަލްޓީ އެއް ބޭކާރު ކޮއްލައިފި