އަވައްޓެރި އިންޑިއާ އަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ފުޓްބޯޅައިގައި އެންމެ އަވަސް ސްޕީޑެއްގައި ކުރިއަރަމުން އަންނަ ގައުމެވެ. މިކަމާއި މެދު ދެބަސްވާނެ މީހަކު ނުހުންނާނެ އެެވެ.

ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ސުޒުކީ ކަޕް ރެކޯޑު ހަތް ފަހަރު ކާމިޔާބުކޮށްފައިވާ އިންޑިއާ އިން ވަނީ 2008 ވަނަ އަހަރު ބޭއްވި އޭއެފްސީ ޗެލެންޖް ކަޕް ވެސް އުފުލާލާފަ އެވެ.

އިންޑިއާގެ ފުޓްބޯޅަ އަށް ބޮޑު އިންގިލާބެއް އަންނަން ފެށީ އެތައް އަހަރެއް ފަހުން 2011 ވަނަ އަަހަރުގެ އޭޝިއަން ކަޕުން އެގައުމަށް ޖާގަ ލިބުނު ފަހުންނެވެ. ޗެލެންޖް ކަޕް ކާމިޔާބުކުރުމުން އޮޓޮމެޓިކުން އިންޑިއާ އަށް އޭޝިއަން ކަޕުން ފުރުސަތު ލިބުނު އިރު އޭގެ ފަހުން އިންޑިއާގެ ފެޑެރޭޝަނުން އަންނަނީ އެގައުމުގެ ފުޓްބޯޅަ އާރާސްތު ކުރުމަށް ބޮޑެތި މަސަތްކަތްތަކެއް ކުރަމުންނެވެ.

އިންޑިއާގެ ފުޓްބޯޅަ ހަލުވި ދުވެލީގައި ކުރިއަރަމުން އަންނައިރު އެގައުމުން އަންނަނީ އޭޝިއާގެ ފުޓްބޯޅައިގެ ގަދަ ބާރުތަކާއި ފައި ހަމަކުރަމުންނެވެ. ސަރައްހައްދީ ފުޓްބޯޅަ ހަނދާނުން ނައްތާލައި އިންޑިއާގެ އަމާޒު ހުރީ އޭޝިއާ ބައްރުގެ ވަރުގަދަ ޓީމުތަކާއި ފައި ހަމަކުރުމަށެވެ. އެގައުމުގެ އެފްއޭއިން ޑޮމެސްޓިކް ލީގު ކުރިއެރުވުމަށްޓަކައި ކުރަމުން އަންނަ މަސަތްކަތްތަކަށް އެކަނި ބަލާފައިވެސް އިންޑިއާ އިން އަންނަނީ ފުޓްބޯޅައިގައި ބޮޑެތި ހުވަފެންތައް ދެކެމުންކަން ހާމަވެގެންދެ އެވެ.

މިހާރު ކުރިއަށްދާ ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ކޮލިފިކޭޝަންގައި އިންޑިއާ މިހާތަނަށް ކުޅެފައިވަނީ ދެ މެޗެވެ. އޭގެ ތެރެއިން ފުރަތަމަ މެޗުގައި އޮމާން އާއި ވާދަކުރި މެޗުގެ 88 އަށްވަނަ މިނެޓާއި ހަމައަށް ދިޔައިރުވެސް އެގައުމު އޮތީ 1-0ގެ ނަތީޖާއަކުން ކުރީގަ އެވެ. ނަމަވެސް ފަހު ވަގުތު އޮމާނުން ޖެހި ދެ ލަނޑާއެކު ހިތްދަތި ގޮތަކަށް އިންޑިއާ ބަލިވެގެން ދިޔަކަމުގައި ވިޔަސް އެ މެޗުގައި އިންޑިއާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމަށް ގިނަބައެއްގެ ތައުރީފު އޮހުނެވެ.

އޮމާން މެޗައްފަހު ގިނަ ބައެއްގެ ސަމާލުކަން އިންޑިއާ އަށް ލިބިގެންދިޔައީ މީގެ އެއް ދުވަސް ކުރިން އޭޝިއާގެ ޗެމްޕިއަން ގަތަރުގެ ދަނޑުގައި ކުޅުނު ކޮލިފައިންގެ ދެވަނަ މެޗުގައި އެގައުމުން ވަރުގަދަ ގަތަރު ހިފެހެއްޓުމުންނެވެ. ގޯލްކީޕަރު ގުލްޕްރީތް ސިންގްގެ މޮޅު ކުޅުމާއެކު އިންޑިއާ ވެފައިވަނީ އޭޝިއާގެ ޗެމްޕިއަންކަން ގަތަރުން ހޯދުމަށްފަހު އެގައުމުގެ ދަނޑުގައި ބަލިނުވެ މެޗު ނިންމާލި ހަމައެކަނި ޓީމަށެވެ.

އޭޝިއާގެ ފުޓްބޯޅައިގެ ގަދަ ދެ ބާރު ކަމަށްވާ ގަތަރާއި އޮމާނާއި ދެކޮޅަށް އިންޑިއާ އިން ދެއްކި ފުރިހަމަ ކުޅުމުގެ އެންމެ މުހިއްމު ހިއްސާ އަދާކުރި އެކަކީ އެޓީމުގެ ކްރޮއޭޝިއާގެ ކޯޗު އިގޯ ސްޓިމާކް އެވެ.

''އަހަރެން އަބަދުވެސް ބަލަނީ އަހަރެންގެ ކުޅުންތެރިން އަމިއްލަ ނަފްސަށް އެ އޮންނަ އިތުބާރު ބޮޑުކުރެވޭތޯ. ގަތަރު މެޗަށް ނުކުތް އިރު އަހަރެމެންނަށް ގެއްލޭނެ އެއްޗެއް ނެތް. އިދިކޮޅަށް ނުކުތީ އޭޝިއާގެ ޗެމްޕިއަނުން. އެހެންކަމުން މުޅި އިންޑިއާ ޓީމް މަސަތްކަތްކުރީ އިދިކޮޅު ޓީމުގެ ފެންވަރަށް ނުބަލައި އަމިއްލަ ގާބިލިއްޔަތުކަމަށް އިތުބާރު ކޮށްގެން ކުޅެވޭތޯ. ވަރަށް ކޮންފިޑެންޓާއެކު މި ޓީމުން މިދިޔަ ދެ މެޗުގައިވެސް ކުޅުނީ. ހަގީގަތުގައި އަހަރެން ވަރަށް ފަހުރުވެރިވޭ މި ކުޅުންތެރިންނާއިމެދު، '' ގަތަރު މެޗައްފަހު މީޑިއާތަކާއި ވާހަކަ ދައްކަމުން ސްޓިމާކް ބުނެފައިވެ އެވެ.

ގަތަރުގެ ދަނޑުގައި އިންޑިއާ އިން ނެރުނު ނަތީޖާއަކީ ކޮލިފައިންގައި ކުރިއަށްދިއުމަށް އެޓީމަށް ލިބުނު ބޮޑު ހިތްވަރަކަށް ވެގެންދާނެ އެވެ. އަވައްޓެރި ބަންގްލަދޭޝް އާއި އަފްޢާނިސްތާނުވެސް ހިމެނޭ މި ގްރޫޕްގައި އިންޑިއާ ދެން ނުކުންނާނީ ބަންގްލަދޭޝް އާއި ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާހިރު

    ކުރިއަރުވަން މަސައްކަތް ކުރުމުން ކުރިއަރާގޮތް ނިކަން ދެކިބަލާށެވެ. މީގެ ދުވަސްކޮޅެއް ކުރިން އިންޑިއާއަކީ ރާއްޖެއާއި ދާދި ހަމަހަމަ ކުޅުމެއް ދެއްކި ޤައުމެކެވެ. އެކަމަކު ދެން އިންޑިއާ އާ ފުޓުބޯޅާގައިވެސް ދިވެހިންނަށް ވާދަކުރެވިދާނެއެކޭ ހިތެއްނުބުނެއެވެ. ކުޅިވަރުގައި އާބާދީ މުހިއްމު ނޫންކަން އައިސްލެންޑް ފަދަ ޤައުމުތަކުން އެވަނީ ހާމަކޮށްދީފައެވެ.