މެންޗެސްޓަރ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެޔާގެ މުސާރަ ބޮޑުކުރަން އެ ކްލަބުން މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިނގިރޭސިވިލާތުގެ މީޑިޔާ ރިޕޯޓުތައް ބުނާގޮތުން ޔުނައިޓެޑުން ޑެހެޔާ އަށް ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ހުށަހެޅުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އާ ކޮންޓްރެކްޓާ އެކު މުސާރައިގެ ގޮތުގައި ހަފްތާ އަކު 350،000 ޕައުންޑް ޑެހެޔާ އަށް ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޑެހެޔާ ޔުނައިޓެޑާ އެކު މިހާރު ހަދާފައިވާ ކޮންޓްރެކްޓް 2019 ގައި ހަމަވާނެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން މިއަހަރުގެ ޖޫން މަހު ބާއްވާ ވޯލްޑް ކަޕްގެ ކުރިން ޑެހެޔާ ޔުނައިޓެޑްގެ ކޮންޓްރެކްޓް އާކުރާނެއެވެ.
ޑެހެޔާ ކޮންޓްރެކްޓް އާކޮށްފިނަމަ ޔުނައިޓެޑުގައި މިހާރު އެންމެ ރަނގަޅަށް ކުޅެމުން އަންނަ އެއް ކުޅުންތެރިއެއް ކަމަށްވާ އެލެކްސިސް ސަންޗޭޒް އަށް ފަހު އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިޔާ އަށް ޑެހެޔާ ވެގެން ދާނެއެވެ.
ސްޕެއިން ގެ އެތުލެޓިކޯ މެޑްރިޑުން 2011 ވަނަ އަހަރު ޔުނައިޓެޑާ ގުޅުނުފަހުން މެދުކެނޑުމެއް ނެތި ޑެހެޔާ ހޯދުމަށް ރެއާލް މެޑްރިޑުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެގޮތުން 2015 ވަނަ އަހަރުގެ ޓްރާންސްފާ މާކެޓުގައި މިކަން ކާމިޔާބުވުމާއި ވަރަށް ގާތަށް ވެސް ދިޔައެވެ. ނަމަވެސް ޑެހެޔާ ގެންދަން ރެއާލް އިން ކުރި މަސައްކަތް އެންމެފަހު ވަގުތު ވަނީ ނާކާމިޔާބުވެފައެވެ.
މިދިޔަ ހަފުތާގައި ޑެހެޔާ "ގޯލް" އިން ދީފައިވާ އިންޓަވިއުގައި ބުނެފައިވަނީ އިނގިރޭސިވިލާތުގައި އޭނާ އަށް ލިބޭ ލޯތްބާއި އިޙްތިރާމު އޭނާ އަށް ސްޕެއިންގައި ނުލިބޭކަމަށެވެ.
ޔުނައިޓެޑުން އަންނަނީ ޑެހެޔާ އެ ކްލަބުގައި ބެހެއްޓުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންނެވެ.
ޖަވާބުދޭނޫ