އަނިޔާގެ ސަބަބުން މި މަހުގެ 19 ވަނަ ދުވަހު ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަައުންޑާއި ދެކޮޅަށް ކުޅޭ މެޗުގައި ފޯވަޑް ލިއޮނެލް މެސީ އަށް ކުޅެވިދާނެ ކަމާއި މެދު ޝައްކު ކަމަށް އެ ޓީމުގެ ކޯޗު އެރްނެސްޓޯ ވަލްވާޑޭ ބުނެފި އެވެ.

މެސީގެ އަނިޔާ އާއި ބެހޭގޮތުން މީޑީއާތަކަށް މައުލޫމާތު ދެމުން ވަލްވާޑޭ ބުނީ މެސީގެ ފައިގައި ހުރި ފާރުގަނޑު އަދިވެސް އެއްކޮށް ނުހިކޭ ކަމަށާއި ޑޯޓްމައުންޑް މެޗަށް މެސީ މުޅިން ފިޓްވާނެ ކަމަށް ހީނުވާ ކަމަށެވެ.

''އަހަރެންނަކީ ޑޮކްޓަރެއް ނޫން. އެކަމަކު މެސީގެ ފައިގެ ހުރި ފާރުގަނޑު ވަނީ ފަޅައިގެން ގޮއްސަ އަނެއްކާ. އެހެންވުމާއެކު ޑޯޓްމައުންޑް މެޗުގައި މެސީ ފެނިދާނެ ކަމާއި މެދު ވަރަށް ބޮޑަށް ޝައްކު،'' ވަލްވާޑޭ ބުންޏެވެ.

ވަލްވާޑޭ އިތުރަށް ބުނީ މެސީ ނެތްތަން ވަރަށް ބޮޑަށް ދައްކާ ކަމަށާއި ނަމަވެސް ބާސެލޯނާގައި މެސީ ނެތަސް ނަތީޖާ ނެރެވޭފަދަ ކުޅުންތެރިން އެބަތިބި ކަމަށެވެ.

''މެސީ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާ. އޭނާ ނެތްތަން އަބަދުވެސް ޓީމަށް ދައްކާނެ. އޭގެ އަސަރުކުރާނެ. އެކަމަކު މި ޓީމުގައި އެބަތިބި މެސީ އާއި ނުލާވެސް ނަތީޖާ ނެރެވޭނެ ފެންވަރުގެ ކުޅުންތެރިން. މީގެ ކުރިން ކޮނޑަށް ލިބުނު އަނިޔާގެ ސަބަބުން މެސީ ދުރުގަ ހުރިއިރު ވެސް ޓީމުގެ ދެންތިބި ކުޅުންތެރިން ރެސްޕޯންޑް ކުރީ ވަރަށް ރަނގަޅަށް. އަނެއްކާ މިފަހަރު އަލަށް ގުޅުނު ކުޅުންތެރިންނާއެކު ބާސާ ފުދޭވަރަކަށް ވަރުގަދަ. ގްރީޒްމަންވެސް އެހެރީ. އޭނާ ވަނީ ތިން މެޗު ދެ ލަނޑު ވެސް ޖަހާފައި،'' ވަލްވާޑޭ ބުންޏެވެ.

އަނިޔާގެ ސަބަބުން މެސީ އަށް ވަނީ ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު ތިން މެޗުވެސް ގެއްލިފަ އެވެ. ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިއާ ނުލައި ބާސާ ކުޅޭ މެޗުތަކުން އެ ޓީމަށް އެހާ ރަނގަޅު ނަތީޖާތަކެއް ނެރެވޭ ގޮތެއް ނުވެ އެވެ. މި ސީޒަންގެ ފުރަތަމަ މެޗުގައި އެތްލެޓިކޯ ބިލްބާއޯ އަތުން އަވޭ ގައި ބާސާ ބަލިވި އިރު ތިންވަނަ މެޗުގައި އޮސަސޫނާ އާއި ވާދަކޮށް ފަރުޖައްސާލަން ޖެހުނީ ޕޮއިންޓަކުންނެވެ.

ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ބާސާ ލީގު ތާވަލުގެ އަށް ވަނައިގައި އޮތްއިރު އެޓީމުގެ ދިހަ ނަންބަރު މެސީ ކުޅުމުގެ ތެރެއަށް އެނބުރި އަންނަ ދުވަހަކަށް ބާސާގެ ސަޕޯޓަރުން އަންނަނީ ވަރަށް ބޮޑަށް އިންތިޒާރުކުރަމުންނެވެ.