އަންނަ އަހަރުގައި އޮންނަ އޭއެފްސީ ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަން މެޗުތަކަށް ރާއްޖޭގެ 16 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމު އީރާނަށް ފުރައިފި އެވެ.

އޭއެފްސީ 16 އަހަރުން ދަށުން ޗެމްޕިއަންޝިޕް އަށް ކޮލިފައިވުމަށް އީރާންގައި ކުރިއަށްދާ ކޮލިފިކޭޝަން މެޗުތައް ކުޅުމަށްޓަކައި ރާއްޖެ ޓީމުން ފުރާފައިވަނީ މިއަދު ހެނދުނު އެވެ.

އޭޝިއާގެ ފުޓްބޯޅަ މައި އިދާރާ އޭއެފްސީން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތަކީ ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ މުބާރާތެކެވެ. މުބާރާތުގެ ގަދަ ހަތަރު ޓީމަށް ޖެހިގެން އަންނަ ފީފާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ. މި މުބާރާތް އެންމެ ފަހުން ކާމިޔާބުކޮށްފައިވަނީ ޖަޕާނެވެ. ޖުމްލަ ތިން ތައްޓާއެކު ޖަޕާނަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުކަން ފާހަގަކޮށްލެވެ އެވެ.

އޭއެފްސީ މުބާރާތުގެ ކޮލިފިކޭޝަން މެޗުތައް މިއަދު ފެށުމަށް ހަމަޖެހިފައިވާއިރު ކޮލިފިކޭޝަންގައި އޭޝިއާގެ 47 ގައުމަކުން ވާދަކުރެ އެވެ. 47 ޓީމު ޖުމްލަ 11 ގްރޫޕަކަށް ބަހާލެވިގެން ކޮލިފިކޭޝަން ކުރިއަށްދާއިރު ރާއްޖެ ހިމެނޭ ގްރޫޕް ސީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އީރާންގަ އެވެ.

ސެޕްޓެމްބަރު 14 އިން 22 ވަަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ކޮލިފިކޭޝަން އަށްފަހު އަންނަ އަަހަރު އޮންނަ ޗެމްޕިއަންޝިޕުން ފުރުސަތު ލިބޭނީ ކޮލިފައިންގައި ކޮންމެ ގްރޫޕަކުން އެއްވަނަ ހޯދާ ޓީމުގެ އިތުރުން ދެވަނަ އަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމާއެކު ޖުމްލަ 16 ޓީމަކަށެވެ.

ރާއްޖޭގެ 16 އަަހަރުން ދަށުގެ ޓީމާއެކު ކޮލިފިކޭޝަންގެ ގްރޫޕް ސީގައި ހިމެނެނީ ފަލަސްތީނާއި، އީރާންގެ އިތުރުން އަފްޢާނިސްތާނުގެ 16 އަހަރުން ދަށުގެ ޓީމެވެ. ކޮލިފިކޭޝަންގައި ދިވެހި ޓީމުގެ ފުރަތަމަ މެޗުގައި މި މަހުގެ 18 ވަނަ ދުވަހު ނުކުންނާނީ އީރާން އާއި ދެކޮޅަށެވެ. އޭގެ ފަހުން މި މަހުގެ 22 ވަނަ ދުވަހު އަފްޢާނިސްތާނާއި ދެކޮޅަށް ކުޅުމަށްފަހު ގްރޫޕްގެ ފަހު މެޗުގައި ފަލަސްތީނާ ރާއްޖޭގެ ކުރިމަތިލުން އޮންނާނީ މި މަހުގެ 22 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބައްސާމް

    ހައްހައްހާ، އަނެއްކާވެސް.މެޅެން.އިންގޭތޯ

  2. ޣގގ

    ފުރަތަމަ މެޗުގައި މި މަހުގެ 18 ވަނަ ދުވަހު ނުކުންނާނީ އީރާން އާއި ދެކޮޅަށެވެ. އޭގެ ފަހުން މި މަހުގެ 22 ވަނަ ދުވަހު އަފްޢާނިސްތާނާއި ދެކޮޅަށް ކުޅުމަށްފަހު ގްރޫޕްގެ ފަހު މެޗުގައި ފަލަސްތީނާ ރާއްޖޭގެ ކުރިމަތިލުން އޮންނާނީ މި މަހުގެ 22 ވަނަ ދުވަހު އެވެ.

  3. ޣގހވ

    22 ގަ 2 މެޗް