އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮރްވިޗް ސިޓީން ޗެމްޕިއަން މެންޗެސްޓާ ސިޓީ ސިއްސުވާލައި ތާވަލުގެ ބާރަ ވަނަ އަށް ޖެހިލައިފި އެވެ.

ޕްރިމިއާ ލީގުގައި ވަރުގަދަ މެންޗެސްޓީ ސިޓީގެ މައްޗަށް ނޮރްވިޗް ސިޓީން ކުރިހޯދީ ކެރޯ ރޯޑްގައި ކުޅުނު ފޯރިގަދަ މެޗު 3-2ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްގެން ޕްރިމިއާ ލީގަށް ކޮލިފައިވި ނޮރްވިޗް އަތުން ސިޓީ ރޭ ބަލިވި ބައްޔަކީ މި އަހަރުގެ ޖެނުއަރީ މަހަށް ފަހު ލީގުގައި އެޓީމު ބަލިވި ފުރަތަމަ މެޗެވެ. މި މެޗުގެ ކުރިން ސިޓީ އެންމެ ފަހުން ލީގުގައި ބަލިވެފައިވަނީ ނިއުކާސަލް ޔުނައިޓެޑު އަތުންނެވެ.

ނޮރްވިޗްގެ ކުޅުންތެރިންގެ ފަރާތުން ހިތްވަރުގަދަ ކުޅުމެއް ފެނިގެންދިޔަ މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހައި އެޓީމުން ޗެމްޕިއަން ސިޓީ ސިއްސުވާލިއިރު އެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ކެނީ މެކްލީން އާއި ޓޮޑް ކާންޓްވެލް އެވެ. ނޮރްވިޗް އިން ޖެހި ތިން ލަނޑު ވެސް ޖަހާފައިވަނީ ސިޓީގެ ޑިފެންޑަރުންނަށް ހެދުނު ގޯސްތަކަކުންނެވެ. އެގޮތުން ފުރަތަމަ ލަނޑުގައި އެމިލިއާނޯ ބުއެންޑިއާގެ ހިލޭ ޖެހުން އޭރިއާ ތެރެއަށް އައިއިރު އެޓީމުގެ ޑިފެންޑަރު މެކްލީން ހުރީ މުޅިން ހުސްކޮށެވެ. އެއްވެސް ޕްރެޝަރެއް ނެތި މެކްލީން ބޮލުން ފޮނުވާލި ބޯޅަ ވަނީ ގޯލުގެ އަރިމަތީ ކަނަށެވެ.

ނޮރްވިޗްގެ ދެވަނަ ލަނޑުގައިވެސް އެޓީމުގެ ކުޅުންތެރިން ސިޓީގެ ޑިފެންސް ފޫއަޅުވާލީ ވަރަށް ހުޝިޔާރު ޕާސްތަކަކުންނެވެ. ދަނޑުގެ މެދެއްހާ ހިސާބުން ޓީމު ޕުއްކީ އަށް ލިބުނު ބޯޅަ ކުރިއަށް ހިފައިގެން ގޮސް ޕެނަލްޓީ އޭރިއާ އަރިމަތިން އައި ކާންޓްވެލް އަށް ޖައްސާލުމުން ޒުވާން ކާންޓްވެލް ވަނީ ތިިރިތިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލާފަ އެވެ.

ދެ ލަނޑުގެ ލީޑަކާއެކު ނޮރްވިޗް މޮޅަށް ކުޅެމުންދަނިކޮށް ސިޓީ އަށް އުއްމީދު އާކޮށްދިނީ ފޯވަޑް ސާޖިއޯ އަގުއެރޯ އެވެ. މެޗުގެ 45 ވަނަ މިނެޓުގައި މިޑްފީލްޑަރު ބަރްނާޑޯ ސިލްވާ ނަގައިދިން ހިތްގައިމު ހުރަސް ބޮލުން ގޯލަށް ވައްދައިގެން އަގުއެރޯ މި ސީޒަންގައި އޭނާގެ ހަތްވަނަ ލަނޑު ކާމިޔާބުކުރިއިރު މެންޗެސްޓާ ސިޓީން ފުރަތަމަ ހާފު ފަރުޖައްސާލީ 2-1ން ފަހަތުގައި އޮވެ އެވެ.

ފުރަތަމަ ހާފުގައި ފެނުނު ގޮތަށް ދެވަނަ ހާފުގައިވެސް ނޮރްވިޗް ސިޓީގެ ކުޅުންތެރިންް ދިޔައީ ސިޓީގެ ޑިފެންސަށް އެކިގޮތްގޮތުން ބާރުބޮޑު ކުރަމުންނެވެ. އެގޮތުން 48 ވަނަ މިނެޓުގައި ފޯވަޑް ޕުއްކީ އަށް ސިޓީގެ ގޯލުގެ އަރިމަތިން ފުރުސަތެއް ލިބި ބޯޅަ ފޮނުވާލި ނަމަވެސް ގޯލާއި އަމާޒުވާގޮތެއް ނުވި އެވެ. ނަމަވެސް އެއާ ވިދިގެން އައި ގޯލްކިކްގައި ސިޓީގެ އާޖެންޓީނާ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ބުއެންޑިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕުއްކީ ވަނީ އޭނާގެ ލަނޑު ލިސްޓަށް އަނެއްކާވެސް އިތުުރު ލަނޑެއް އިތުުރުކޮށްފަ އެވެ.

ނޮރްވިޗްގެ ތިންވަނަ ލަނޑާއެކު ސިޓީގެ ޕްރެޝަރު ބޮޑުވެ ކޯޗު ގާޑިއޯލާ ވަނީ ޓީމުގެ އެޓޭކް ރަނގަޅު ކުރުމަށްޓަކައި މަހްރޭޒް އާއި ކެވިންޑެ ބްރައިންގެ އިތުުރުން އަނިޔާގައި ހުރުމަށްފަހު އެނބުރި އައި ގެބްރިއަލް ޖެސުސް ކުޅެން އަރުވާފަ އެވެ. މިޑްފީލްޑަރު ޑެބްރައިން އެރުވި ފަހުން ސިޓީން މެޗުގެ ތެރެއަށް އެނބުރި ވަންނަން ކުރި މަސަތްކަތަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބުނު ނަމަވެސް އެޓީމުން ޖަހަން ބޭނުންވި ލަނޑު ފެނުނީ ވަގުތު ފާއިތުވި ފަހުންނެވެ. މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް މިޑްފީލްޑަރު ރޮޑްރީ ހާނަންޑޭޒް އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅަ ޓިމް ކްރުލްގެ ގޯލު ފޫއަޅުވާލި ނަމަވެސް ސިޓީން މެޗު ނިންމާލީ ހިތްދަތި ބައްޔަކާއެކު އެވެ.

މިރޭގެ މެޗުން ބަލިވުމުން ޗެމްޕިއަން ސިޓީ އާއި ލީގު ތާވަލުގެ އެންމެ ކުރީގައި އޮތް ލިވަޕޫލާއި ދެމެދު އޮތް ފަރަގު ވަނީ ފަސް ޕޮއިންޓަށް ބޮޑުވެފަ އެވެ. ސިޓީ އަށް ފަސް މެޗުން ދިހަ ޕޮއިންޓް ލިބުނު އިރު ލިވަޕޫލް ވަނީ އެޓީމު ކުޅުނު ފަސް މެޗުވެސް ކާމިޔާބުކޮށް ޖުމްލަ ފަނަރަ ޕޮއިންޓް ހޯދާފަ އެވެ. މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ނޮރްވިޗް ވަނީ ތާވަލުގެ ބާރަ ވަނަ އަށް ޖެހިލާފަ އެވެ.