ސްޕެނިޝް ލަލީގާގައި ރޭ ޗެމްޕިއަން ބާސެލޯނާ އިން ވެލެންސިއާ ބަލިކޮށް ތާވަލުގެ ކުރިއަށް ޖެހިލައިފި އެވެ.

ބާސާގެ ދަނޑުގައި ރޭ ކުޅުނު މެޗު 5-2ގެ ނަތީޖާއަކުން އެޓީމު ކާމިޔާބުކޮށްފައިވަނީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ އަދި ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ނުލާ އެޓީމުން ފަހަކަށް އައިސް ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން ކޯޗު އެރްނެސްޓޯ ވަލްވާޑޭ އަށް ސަޕޯޓަރުންގެ ޕްރެޝަރު ވަރަށް ބޮޑަށް ކުރިމަތިވަމުން އަންނަނިކޮށެވެ.

ރޭގެ މެޗާއި ބާސާއިން ކުރިމަތިލީ ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިންގެ މައްޗަށް ހިމެނޭ ބެލެންސްޑް ފުރަތަމަ އެގާރަ އަކާއެކު އެވެ. އުމުރުން އެންމެ 16 އަހަރުގެ ފޯވަޑް އަންސޫ ފަޓީގެ ހުނަރުވެރިކަން އަނެއްކާވެސް ފެނިގެންދިޔަ އެ މެޗުގައި ފުރަތަމަ ލަނޑު ޖެހީވެސް އޭނާ އެވެ.

މެޗު ފެށިގެން މާގިނައިރުތަކެއް ނުވަނީސް ހޮލަންޑުގެ މިޑްފީލްޑަރު ފްރެންކީ ޑިޔޮންގް ވެލެންސިއާގެ ޑިފެންސް ފޫއަޅުވާލައި ދިން ޕާހުގެ ބޭނުން ހިފައި އަންސޫ ލަނޑު ޖެހިއިރު އޭގެ އިރުކޮޅެއް ފަހުން އަންސޫގެ މޮޅު ކުޅުމާއެކު އުފެއްދި ހަމަލާއެއްގައި ޑިޔޮންގް ވަނީ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައި ބާސާ އަށް ފުރަތަމަ ހަތް މިނެޓު ތެރޭގައި ދެ ލަނޑުގެ ލީޑެއް ހޯދައިދީފަ އެވެ.

ބާސާ އިން ދެ ލަނޑުގެ ލީޑަކާއެކު މެޗު ކޮންޓްރޯލް ކޮށްގެން ކުޅެމުން ދަނިކޮށް ވެލެންސިއާ އަށް އުއްމީދު އާކޮށްދިނީ 27 ވަނަ މިނެޓުގައި ގަމެއިރޯ އެވެ. ބާސާގެ ކުޅުންތެރިން އޮފްސައިޑް އަށް އެޕީލްކުރި އެ ހަމަލާ ގަމެރިއޯ ލަނޑަކަށް ބަދަލުކޮށް ފަރަގު ކުޑަ ކުރިނަވެސް ޑިފެންޑަރު ޖެރާޑް ޕީކޭ ވަނީ 51 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ބާސާ އަށް އަނެއްކާވެސް ފަރަގު ބޮޑުކޮށްދީފަ އެވެ.

ޕީކޭގެ ލަނޑާއެކު ވެލެންސިއާގެ ކުޅުންތެރިންގެ ފަރާތުން ކޮންމެވެސް ވަރަކަށް ވަރުބަލިކަން ފެނިގެންދިޔަ އެވެ. އޭގެ ފައިދާ ނަގައި ބާސާގެ ފުލް ބެކް ނެލްސަން ސެމެޑޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ފޯވަޑް ލުއިސް ސުއަރޭޒް ވަނީ ލަނޑެއް ޖަހާފަ އެވެ. އަނިޔާގައި ހުރުމަށްފަހު އެނބުރި އައިސް ޓީމާއި ގުޅުނު ސުއަރޭޒް ވަނީ ރޭގެ މެޗުގައި ދެ ލަނޑު ޖަހާފަ އެވެ. ސުއަރޭޒްގެ ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 88 ވަނަ މިނެޓުގައެވެ.

5-1ގެ ބޮޑު ތަފާތަކުން ބާސާ މޮޅުވަމުންދަނިކޮށް މެޗުގެ އިތުރު ވަގުތުގައި ވެލެންސިއާގެ ގޯމޭޒް ވަނީ ސްކޯ ޝީޓުން ޖާގަ ހޯދައި އެޓީމަށް ފަރަގު ކުޑަކޮށްދީފ އެވެ.

ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ބާސެލޯނާ ވަނީ ސްޕެނިޝް ލީގުގެ ތާވަލުގެ ހަތަރުވަނަ އަށް ޖެހިލާފަ އެވެ. ހަތަރު މެޗުން ހަތް ޕޮއިންޓް ބާސާ އިން ހޯދާފައިވާއިރު އަދިވެސް ތާވަލުގެ އެންމެ ކުރީގައި އޮތީ ނުވަ ޕޮއިންޓާއެކު އެތްލެޓިކޯ މެޑްރިޑެވެ. ރޭގެ މެޗުން ބަލިވުމުން ވެލެންސިއާ ވަނީ ތާވަލުގެ ސާދަ ވަނަ އަށް ވެއްޓިފަ އެވެ. މިހާތަނަށް ކުޅުނު ހަތަރު މެޗުން އެޓީމަށް ލިބިފައިވަނީ އެންމެ ހަތަރު ޕޮއިންޓެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ށީ

    އަނަސް އަކައްނޭގޭނެ ދުނިޔޭގެ މޮޅުކުޅުނަތެރިޔަކީ ކާކުކަމެއް. ރޮނާލްޑޯ އަކީ އެންމެ މޮޅު މީހަކީ

    6
    9
    • ކަލޭ ސަންދޯއް

      ސަޅި ޖޯކެއް...