ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބު ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ކޯޗުކަމުން މުޙައްމަދު އާދަމް އިސްތިޢުފާ ދީފި އެވެ.

ދިރާގު ދިވެހި ޕްރެމިއަރ ލީގުގެ ފުލުގައި މިވަގުތު އޮތް ވިކްޓްރީގެ ކޯޗުކަމުން މުޙައްމަދު އާދަމް އިސްތިޢުފާ ދިން ސަބަބާއި ގުޅޭގޮތުން އޭނާ ބުނީ ކްލަބުގެ ހާލަތު އޮތީ ވަރަށް ދެރަކޮށް ކަމަށެވެ. އެގޮތުން ވިކްޓްރީގެ ސްކޮޑުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އެޓީމަށް ބިދޭސީ ކުޅުންތެރިންގެ އިތުރުން ތަޖުރިބާކާރު ދިވެހި ދެތިން ކުޅުންތެރިއެއް ގެންނާނެ ކަމަށް ކްލަބުގެ މެނޭޖުމެންޓުން އޭނާގެ ގާތުގައި ބުނެފައިވީ ނަމަވެސް ސީޒަން ފެށިގެން ކުރިއަށްދާއިރުވެސް އެކަމުގެ އިޝާރާތެއްވެސް މެނޭޖްމަންޓުގެ ފަރާތުން ފެނިފައިނުވާ ކަމަށެވެ.

މީގެ އިތުރުން މި އަހަރުގެ ސީޒަން ފެށުނުއިރުވެސް މުސާރައިގެ މައްސަލަތައް ކުރިމަތިވެފައިވާ ވިކްޓްރީގައި ކުޅުންތެރިންނަށް މުސާރަ ނުދެވުމުގެ އިތުރަށް ކެއުމަށް ދޭން ޖެހޭ ކޮއްތު ފައިސާވެސް ޓީމުގެ ކުޅުންތެރިންނަށް ގަވާއިދުން ދިނުމުގައި ކްލަބުން ގެންގުޅޭ ލޮނުމަޑު ސިޔާސަތުތަކަށް މުހައްމަދު ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

ކޯޗުގެ އިސްތިޢުފާ އާއެކު ވިކްޓްރީ މިވަގުތު ބޮޑު އަނދަވަޅެއްގެ ތެރޭގައި އޮތްއިރު އެޓީމު ވަނީ ދިވެހި ލީގުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ވެސް ބަލިވެފަ އެވެ. ޖުމްލަ ހަ މެޗުން 33 ލަނޑު ވިކްޓްރީ ކޮޅަށް ވަދެފައިވާއިރު އެޓީމަށް ކާމިޔާބުކުރެވިފައިވަނީ އެންމެ ލަނޑުކަން ފާހަގަކޮށްލެ އެވެ. މިސީޒަން ފެށުނު އިރުވެސް ރަނގަޅު ސްކޮޑެއް ޓީމުގައި ނެތުމުން އެޓީމަށް ލީގުގައި ބާކީ ތިިބި ގިނަ ޓީމުތަކާއި ވާދަކުރުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތައް ދަނީ ކުރިމަތިވަމުންނެވެ.

ވިކްޓްރީގެ ކުރީގެ ކޯޗު މުހައްމަދު އާދަމް ވަނީ މީގެ ކުރިންވެސް ކްލަބުގައި އޮތް ސްކޮޑާއިމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެގޮތުން އެ ކްލަބުގެ މެނޭޖްމަންޓުން ގެންގުޅޭ ދޯދިޔާ ސިޔާސަތުތަކުގެ ސަބަބުން ކްލަބުގެ ކުޅުންތެރިން ގަވާއިދުން ފަރިތަކުރުންތަކުގައި ބައިވެރިނުވުމާއި މެޗަށް ހާޒިރުނުވުން ފަދަ ކަންކަން އޭނާ ވަނީ މީގެ ކުރިން ފާހަގަކޮށްފަ އެވެ.

މުޙައްމަދު އާދަމް އިސްތިޢުފާ ދިނުމުން ވިކްޓްރީގެ ކޯޗުކަމުގެ ޒިންމާއާ ވަގުތީގޮތުން ހަވާލުވެފައިވަނީ ކުރިން ނިއު ރޭޑިއަންޓާއި ވެލެންސިއާއަށް ކުޅުނު ޤައުމީ ޓީމުގެ ކުރީގެ ފޯވަޑް އާދަމް ޢަބްދުއްލަޠީފް (ލައްޗޭ)އެވެ. ނަމަވެސް އޭނާއަކީ އޭ ލައިސަންސް ކޯޗަކަށް ނުވާތީ، އެ ފެންވަރުގެ ކޯޗަކު ހޯދުމަށް ވިކްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ.

ދިިވެހި ޕްރިމިއާ ލީގުގައި ހިމެނޭ ޓީމުތަކުގެ ތެރެއިން އެންމެ ޒުވާން ސްކޮޑެއް އޮތް ޓީމަކީ ވިކްޓްރީ އެވެ. އެ ކްލަބުގައި މިހާރު ތިބި ގިނަ ކުޅުންތެރިންނަކީ 22 އަހަރުން ދަށުގެ ކުޅުންތެރިންނެވެ. ވިކްޓްރީ އަކީ ދިވެހި ފުޓްބޯޅައިގެ ތާރީހުގައިވެސް ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުލަބު ނަމަވެސް ފަހަކަށް އައިސް އެ ކުލަބު ހިންގުމުގައިވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.