ރާއްޖޭގެ ފުރަތަމަ ޑިވިޝަން ފުޓްބޯޅައިގައި ވާދަކުރަމުން އަންނަ ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗުގެ މަގާމުން މުޙައްމަދު އާތިފް (އާތީ) އިސްތިޢުފާ ދީފި އެވެ.

ޓީސީގެ ހެޑް ކޯޗުކަމުގެ މަޤާމުން އާތީ އިސްތިޢުފާ ދިނީ އިއްޔެ ކްލަބަށް ފޮނުވި ސިޓީއެއްގައެވެ. އެ ސިޓީގައި އާތީ ބުނެފައި ވަނީ، ކްލަބުގެ ކުޅުންތެރިންގެ ކަންބޮޑުވުންތަކާ ހެދި އެ ކުޅުންތެރިން ދަނޑުމަތީގައި ދައްކަމުން އަންނަ ޕާފޯމެންސަށް އަސަރު ކުރަމުން އަންނާތީ އެ މައްސަލަ ހައްލުކުރުމަށްޓަކައި ޓީސީގެ އިސްވެރިންނާއި އެ ވާހަކަ ދެއްކުމަށް އެކިފަހަރުމަތިން މަސައްކަތްކޮށް ކުރިއެރުމެއް ލިބިފައިނުވާ ކަމަށެވެ.

އަދި ޓީސީއާއި އޭނާ އާއި ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެމަތިން އޭނާއަށް ދޭން ޖެހޭ ފާއިތުވި 3 މަސް ދުވަހުގެ މުސާރަ އަދިވެސް ދީފައިނުވާކަން އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ. އާތީ ބުނީ އޭނާ ކޯޗުކަމުން އިސްތިއުފާ ދޭން ނިންމީ ޓީމުގެ މެނޭޖަރާއި އެސިސްޓެންޓް މެނޭޖަރާއި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

އާތީގެ އިސްތިޢުފާ ކުލަބުން ޤަބޫލުކޮށްފައިވާކަން ޓީސީގެ ފައުންޑަރ މެންބަރުކަމަށްވާ އަޙްމަދު ނާޝިދު (ޑޭވް) ވަނީ ކަށަވަރުކޮށްދީފަ އެވެ.

ޓީސީގެ ކުޅުންތެރިންނަށާއި ކޯޗު އާތީ އަށް ފާއިތުވި 3 މަސްދުވަހުގެ މުސާރަ ނުދެވުނީ ކްލަބުގެ މާލީ ޙާލަތު ވަރަށް ބޮޑަށް ދަށްވެގެންކަމަށް ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ޑޭވް ވަނީ ބުނެފަ އެވެ. ޑޭވް އިތުރަށް ބުނީ ރޭ ކްލަބުގެ ކުޅުންތެރިންނާއި ބައްދަލުކުރުމަށްފަހު، ކުލަބު ދޫކޮށްލަން ބޭނުންވާ ކުޅުންތެރިންނަށް އެކަމުގެ ޙުއްދަ މިހާރު ދީފައިވާނެކަމަށެވެ.

މިދިޔަ ސީޒަންގެ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ޓީސީ އަކީ މިވަގުތު ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ކުޅޭ މޮޅެތި ގިނަ ކުޅުންތެރިންތަކެއް ކުޅެމުން އަންނަ އެއް ޓީމެވެ. މި ސީޒަންގައި މިހާތަނަށް ކުޅުނު ހަތް މެޗުން ލިބުނު ބާރަ ޕޮއިންޓާއެކު ޓީސީ އޮތީ ދިވެހި ލީގުގެ ތާވަލުގެ ހަތަރުވަނައިގަ އެވެ.