އެމެރިކާގެ ނޭޝަނަލް އެސޯސިއޭޝަން ފޯ ސްޓޮކް ކާރ އޮޓޯ ރޭސިންގް (ނަސްކާ) ރޭސިންގްގެ މަޝްހޫރު ތަރި، މައިކް ސްޓެފާން ދަތުރުކުރި ފްލައިޓު ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް އޭނާ މަރުވެއްޖެއެވެ.

އެމެރިކާގެ މަސަޝޫސެޓްސް އަށް ނިސްބަތްވާ މައިކް މަރުވީ، އޭނާ ދަތުރުކޮށްފައި ދިޔަ އެއް އިންޖީނުލީ ކުޑަ ފްލައިޓެއްގައި އެކަނި ދަތުރުކޮށްފައި ދަނިކޮށް، ފްލައިޓަސް ދިމާވި މައްސަލައަކާއި ގުޅިގެން ކަނެކްޓިކަޓް-ރޯޑް އައިލޭންޑުގެ ބޯޑަރު ސަރަޙައްދަށް ފްލައިޓް ވެއްޓިގެން ލިބުނު އަނިޔާތަކަށްފަހު އެވެ. މި ހާދިސާ ހިނގާފައި ވަނީ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.

ރިޕޯޓްތައް ބުނާގޮތުގައި މައިކް މަރުވީ، އެ ހާދިސާއަށްފަހު ސީރިއަސް ހާލުގައި ފަރުވާދެމުން ދަނިކޮށް އެ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ ދަތުރުކުރި ފްލައިޓު ވެއްޓިފައި ވަނީ، ރޯޑް އައިލޭންޑުގައި އޮންނަ ރިކޮން އެއާޕޯޓަށް ޖައްސަން އުޅުނު ވަގުތު އެ ސަރަޙައްދުގައި ހުރި ގަސްތަކެއްގެ ތެރެއަށް ކަމަށް ވެއެވެ.

ނަސްކާރޭސިންގް ގައި ބޮޑު ކާމިޔާބީތަކެއް ހޯދާފައިވާ މައިކް ރޭސިންގް ހުއްޓާލާފައި ވަނީ 2014 ވަނަ އަހަރު އެވެ. އެ އަހަރު އޭނާ އެ ކުޅިވަރު ހުއްޓާލިއިރު 74 މުބާރާތަކުން ވަނަތައް ހާސިލްކޮށްފައި ވެއެވެ. އަދި 12 ފަހަރު ބުޝް ނޯތް ސީރީޒް އޭނާ ވަނީ ކާމިޔާބުކޮށްފައެވެ.

މިދިޔަ އާދީއްތަ ދުވަހު މައިކްއަށް ފަރުވާދެމުން ދަނިކޮށް އެނާ މަރުވިއިރު އޭނާގެ އުމުރަކީ 61 އަހަރެވެ. މި ހާދިސާ އާއި ގުޅިގެން މައިކްގެ ފޭނުންނާއި ނަސްކާގެ ތަރިން ދަނީ މީސްމީޑިއާގައި ހިތާމަވެރި ޝުޢޫރުތައް ފާޅުކުރަމުންނެވެ.

ފްލައިޓު ވެއްޓުނު ހާދިސާއެއްގައި މައިކް މަރުވިއިރު، ނަސްކާ ރޭސިންގްގެ ތަރި ޑޭލް އިއާންހާޓް ޖޫނިއާ އާއި އޭނާގެ އަނބިމީހާ އާއި އެއް އަހަރުގެ ތުއްތު ދަތިފުޅު ދަތުރުކުރި އެމީހުންގެ ޕްރައިވެޓް ޖެޓްވެސް މީގެ މަހެއްހާ ދުވަސް ކުރިން ވެއްޓިފައި ވެއެވެ. ނަމަވެސް އެ ހާދިސާގައި އެމީހުން ވަނީ ސަލާމަތްވެފައެވެ.