2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕް ވެގެންދާނީ މިހާތަނަށް ބޭއްވޭ އެންމެ ފެންވަރު ރަނގަޅު ވޯލްޑް ކަޕް ކަމަށް ނަސީރު އަލް ޚާތިރު ބުނެފި އެވެ.

ނަސީރު އަލް ޚާތިރަކީ ގަތަރު ވޯލްޑްކަޕް ހިންގުމާއި ހަވާލުވެ ހުންނެވި އެންމެ އިސް ފަރާތެވެ. ގަތަރުގެ މީޑިއާތަކަށް މައުލޫމާތު ދެމުން ނަސީރު ބުނީ އެގައުމުގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތަކީ ތާރީހުގައި ލިޔެވިގެންދާނެ މުބާރާތަކަށް ވެގެންދާނެ ކަމަށާއި ވޯލްޑް ކަޕްގެ މެޗުތައް ބަލާލުމަށްޓަކައި އެގައުމަށް ޒިޔާރަތްކުރާ ފުޓްބޯޅަ ފޭނުންނަށް އެގައުމުން ވަރަށް ރަނގަޅު މެހުމާންދާރީ އެއް ލިބިގެންދާނެ ކަމަށެވެ.

'' ގަތަރު ވޯލްޑް ކަޕް ތަފާތު ވާނެ. މި މުބާރާތް ވެގެންދާނީ މިހާތަނަށް ބޭއްވޭ އެންމެ ފެންވަރު ރަނގަޅު ވޯލްޑް ކަޕަށް. ވޯލްޑް ކަޕަށް މިގައުމަށް ޒިޔާރަތްކުރާ މީހުންނަށް މިގައުމުން ވަރަށް ވެސް ތަފާތު އަދި އެހާމެ ހިތްގައިމު މެހުމާންދާރީއެއް ލިބޭނެ. މިކޮޅުގައި އެމީހުން ހޭދަކުރާ ދުވަސްތައް އެމީހުން ހޭދަކުރާނީ އުފަލުގައި. މެޗުތައް ބަލާލުމުގެ އިތުރުން ގަތަރުގެ ސަހަރާތަކަށް ދިއުމާއި ގަތަރުގެ އަމިއްލަ އުފެއްދުންތެރި ކެއުންތަކަށް އިންސާފުކުރުމާއި މި ގައުމުގެ ސަގާފީ އެތައް ކަމެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ. '' ނަސީރު ބުންޏެވެ.

ގަތަރު ވޯލްޑް ކަޕް ފެށެން ތިން އަހަރަށްވުރެ ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު މެޗުތައް ކުޅޭ ދަނޑުތަކުގެ ބޮޑުބައި މިހާރު ވަނީ ނިމިފަ އެވެ. މި ދަނޑުތަކަކީ މިހާތަނަށް ވޯލްޑް ކަޕެއްގައި ބޭނުންކުރެވޭ އެންމެ ޒަމާނީ ފެންވަރުގެ ދަނޑުތައް ކަމަށް މުބާރާތުގެ އޮފިޝަލުން އަންނަނީ ބުނަމުންނެވެ.

'' ދަނޑުތަކުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައި. ނިންމަން ޕްލޭން ކޮށްފައި އޮތް ތާރީހަށް ހުރިހާ ކަމެއްވެސް ނިމޭނެ. ގަތަރުން ދަނީ ފީފާ އާއެކު ވަރަށް ރަނގަޅު ސްޕީޑެއްގައި މި މުބާރާތަށް ތައްޔާރުވަމުން. ހުރިހާ ކަމެއް ޕްލޭނާ އެއްގޮތަށް ދާތީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި މިތިބީ، '' ގަތަރު ވޯލްޑް ކަޕްގެ އޯގަނައިޒިންގް ކޮމިޓީ މެންބަރަކު ގޯލް ޑޮޓްކޮމް އަށް މައުލޫމާތު ދެމުން ބުނެފައިވެ އެވެ.

މެދުއިރުމަތީގައި މިހާތަނަށް ބޭއްވޭ އެންމެ ފުރަތަމަ ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. މި މުބާރާތުގެ ލޯގޯ މި މަހުގެ ކުރީކޮޅު ދައްކާލާފައިވާއިރު އޭޝިއާ އާއި އެފްރިކާ ބައްރުގެ ވޯލްޑްކަޕް ކޮލިފިކޭޝަން މެޗުތައް މިހާރު ވަނީ ފަށާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުޅާ

    ދަނޑުގެ ވަށައިގެން ސިޑިބަރިހަދައި ނިމުނުއިރު ކެރޭނު އެއޮތީ އެތެރޭގަ، ނެރެވޭނެ ގޮތެއްނެތް.

    2
    9
  2. ކަލޯ

    ބަލަ ކަލޯ ! ކެރޭނެއް ރޫޅާލަން އެއީ ދެން އެހާ ބޮޑު ކަމެއްތަ؟ ބޮޑެތި ދަނޑުތައް ބިލިޔަނުން ޚަރަދުކޮށްގެން ހަދާލެވޭ ފެންވަރު ހުރިއިރު ކެރޭނެއް ރޫޅާލުން ވާނެތަ މާ ބޮޑުކަމަކަށް ؟