އެތައް މަސް ދުވަހަށް ދިގު ލައިގެން ދިޔަ މަޝްވަރާތަކަކަށްފަހު، އެންމެ ފަހުން މެންޗެސްޓާ ޔުނައިޓެޑުގައި މަޑުކުރުމަށް ޑޭވިޑް ޑެހެއާ އެއްބަސްވެއްޖެއެވެ.

ދުނިޔޭގެ ޓްރާންސްފާ ބާޒާރުގައި ފާއިތުވެދިޔަ ދޮޅު އަހަރުގެ ތެރޭގައި އެންމެ ބޮޑަށް އެނބުރުނު އެއް ވާހަކަ އަކީ ސްޕެއިންގެ ކީޕަރު ޑެހެއާ ކްލަބުގައި މަޑުކުރާނެތޯ ނޫނީ އެހެން ކްލަބަކަށް ބަދަލުވާނެތޯ ކުރެވުނު ސުވާލެވެ. އެތައް ދުވަހަކަށްފަހު މިކަމަށް މިހާރު ނިމުމެއް އައިސްފައިވާއިރު ޔުނައިޓެޑާއެކު ހެދި އައު އެއްބަސްވުމުގެ ދަށުން އެންމެ މަދުވެގެން 2023 ވަނަ އަހަރާ ހަމައަށް ޑެ ހެއާ އެ ކްލަބުގައި މަޑުކުރާނެ އެވެ.

އައު އެއްބަސްވުމުގައި ސޮއި ކުރުމުން، ސްޕެއިންގެ ގައުމީ ޓީމުގެ ކީޕަރަށް ދުނިޔޭގެ އެންމެ މުސާރަ ބޮޑު ކީޕަރުގެ ޝަރަފާއެކު ހަފުތާއަކު ގާތްގަނޑަކަށް 350،000 ޕައުންޑު ލިބޭނެއެވެ. މިއާއެކު ޑެހެއާ ވަނީ ޔުނައިޓެޑުގައި ވެސް އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ.

އައު ކޮންޓްރެކްޓުގައި ސޮއި ކުރުމަށްފަހު، 28 އަހަރުގެ ޑެ ހެއާ ބުނީ އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު ކުލަބަށް މިހާ ގިނަ މެޗު ކުޅެވޭނެކަމަށް ކުރިން އެއްވެސް ވަރަކަށް އުއްމީދު ނުކުރާކަމަށެވެ. އަދި މިހާރު އޭނާ ބޭނުންވަނީ ކްލަބާއެކު އިތުރު ކާމިޔާބީތަކެއް ހޯދުމަށް މަސަތްކަތް ކުރުން ކަމަށާއި ފާއިތުވި އަށް އަހަރު ދުވަހު ޔުނައިޓެޑުގެ ގޯލު ބަލަހައްޓަން ލިބުނު ފުރުޞަތަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމަށެވެ.

މެންޗެސްޓާ ޔުނައިޓެޑުން ދުނިޔޭގެ އެންމެ މޮޅެތި ކީޕަރުންގެ ތެރޭގައި ހިމެނޭ ޑެހެއާގެ ސޮއި އެންމެ ފުރަތަމަ ހޯދީ 2011 ވަނަ އަހަރުގެ ޖުލައި މަހުއެވެ. އޭގެ ފަހުން 2015 ވަނަ އަހަރު ޑެހެއާ ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވުމާ ވަރަށް ކައިރިއަށް ދިޔައެވެ. އެ ފަހަރު ޔުނައިޓެޑާއި ރެއާލް އާއި ދެމެދު އެއްބަސްވުމަކާ ހަމައަށް އާދެވުނު ނަމަވެސް ލިޔެކިއުންތައް ހަމަނުވުމުގެ ސަބަބުން ސްޕެއިން އަށް ދިއުމަށް ޑެހެއާ އެއިރު ކުރި މަސައްކަތް ނާކާމިޔާބުވެ އެ އަަހަރުގެ ސެޕްޓެމްބަރު މަހު އޭނާ ވަނީ 4 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ޔުނައިޓެޑާއެކު ސޮއިކޮށްފަ އެވެ.

ފާއިތުވި 8 އަހަރު ދުވަހުގެ ތެރޭގައި ހުނަރުވެރި ކީޕަރު ޑެ ހެއާ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގު ނޫން ހުރިހާ ތައްޓެއް ޔުނައިޓެޑްގެ ޖާޒީގައި ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއަރ ލީގާއި ޔުއެފާ ޔޫރޮޕާ ލީގު ހިމެނެއެވެ. މި މުއްދަތުގެ ތެރޭގައި އޭނާ ވަނީ ޔުނައިޓެޑުގެ މޮޅު ކުޅުންތެރިޔާގެ މަގާމު 4 ފަހަރު އަދި ޕްރިމިއަރ ލީގުން ހޮވާ އަހަރުގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައި 5 ފަހަރު ހިމެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު