އަނިޔާގެ ސަބަބުން މި ސީޒަންގައި އަދި ފެނިފައިނުވާ ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ޗެމްޕިއަންސް ލީގުގައި މިރޭ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ މެޗަށް ފިޓްވެއްޖެ އެވެ.

ފައިގެ ކުޑަ ކަޅުވާއަށް ލިބުނު އަނިޔާއަކާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރުމަށް ފަހު ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ އެނބުރި ބާސާގެ ފަރިތަކުރުންތަކުގައި މިހާރު ބައިވެރިވާން ފަށާފައިވާ އިރު އޭނާ ވަނީ މިރޭ ޑޮޓްމަންޑާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑަށް ނަގައިފަ އެވެ. ނަމަވެސް ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށް ފަހު މިފަދަ ބޮޑު މެޗެއްގައި މެސީ ބޭނުންކުރުމާ މެދު އަދި ގޮތެއް ނުނިންމާކަމަށް ބާސެލޯނާގެ ކޯޗު ވަލްވާޑޭ ވަނީ ބުނެފަ އެވެ.

"މީގެ ހަފްތާއެއްހާ ދުވަސް ކުރިން އޭނާ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވި ނަމަ މިރޭގެ މެޗުގައި ޔަގީނުންވެސް ކުޅޭނެ. އަދި ދެދުވަހެއް ވަރު މިވިީ މެސީ އަހަރެމެންނާއެކު ފަރިތަކުރަމުން އަންނަތާ. އެހެންކަމުން މިރޭގެ މެޗުން އޭނާ ފެނުމާ މެދު ގޮތެއް އަދި ނުނިންމަން،" ވަލްވާޑޭ ބުންޏެވެ.

އުމުރުން 32 އަހަރުގެ މެސީ އަށް ޑޯޓްމަންޑާ ދެކޮޅަށް ކުޅެވޭނެކަން ޔަގީންވުމަކީ ބާސެލޯނާ އަށް ލިބޭނެ ހިތްހަމަ ޖެހުމެކެވެ. ބާސެލޯނާ އާއި ޑޯޓްމަންޑްގެ އިތުރުން އިންޓަ މިލާން ވެސް ހިމެނޭ މި ގްރޫޕް އަކީ މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ހިމެނޭ އެންމެ ވާދަވެރިވާނެ ކަމަށް ބެލެވޭ ގްރޫޕެވެ. މި ގްރޫޕްގައި ދެން އޮތީ ޗެކް ރިޕަބްލިކްގެ ސްލާވިއާ ޕްރާގް އެވެ.

މެޗައްވުރެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޑޯޓްމަންޑްގެ ތަރި މާކޯ ރޮއިސް ބުނީ މި މެޗުގައި މެސީ ކުޅުނު ކަމުގައި ވިޔަސް ޑޯޓްމަންޑް އަކީ ބާސެލޯނާ ބަލިކުރުމުގެ ފެންވަރު ހުރި ޓީމެއް ކަމަށާއި މެޗާއި ކުރިމަތިލާނީވެސް މޮޅުވުމުގެ އަޒުމުގައި ކަމަށެވެ.

"އަހަރެމެން ވިސްނަން ޖެހޭނީ އަމިއްލަ ޓީމާ މެދު. އަހަރެމެންގެ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި މި ދަނޑުގައި އަހަރެމެންނަށް ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެ. އެ ފެންވަރު ޑޯޓްމައުންޑްގެ ކިބައިގައި އެބަހުރި،" މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރޮއިސް ބުންޏެވެ.

"އަހަރެން އެދެނީ މި މެޗުގައި މެސީ ކުޅުން. އެއީ މެޗެއް ފުރިހަމަވާނީ ދެ ޓީމުގައި ވެސް ހިމެނޭ މޮޅެތި ކުޅުންތެރިންތަކެއް ކުޅެގެން. މެސީ އަކީ އާދަޔާހިލާފު މޮޅު ކުޅުންތެރިއެއް. އޭނާ ކިބައިގައި އެހެން ކުޅުންތެރިންގެ ނެތް އެތައް ހުނަރެއް އެބަހުރި. އެކަމަކު ޑޯޓްމައުންޑް އިން ވަކި މެސީ އަކަށް ނުބަލާނެ. އަހަރެމެން ކުޅޭނީ ޓީމެއްގެ ގޮތުގައި " ރޮއިސް ބުންޏެވެ.

ބާސެލޯނާއާއި ޑޯޓްމައުންޑް ބައްދަލު ކުރާ މެޗު ފަށާނީ މިރޭ 12:00 އިރު އެވެ. އެ މެޗު ކުޅޭނީ ޖަރުމަނުގެ ސިގްނަލް އިޑޫނާ ޕާކުގަ އެވެ.