ގައުމީ ޓެނިސް ޗެމްޕިއަންޝިޕްގެ ސްޕޮންސަރަކަށް، ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފި އެވެ.

ބީއެމްއެލްއިން ވަނީ، އިއްޔެ ގައުމީ ޓެނިސް މުބާރާތުގެ ސްޕޮންސަރަކަށް ވުމަށް ޓެނިސް އެސޯސިއޭޝަނާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރއެވެ. އަދި ޓެނިސް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އަހުމަދު ނަޒީރު އެވެ.

އިއްޔެ އޮތް ރަސްމިއްޔާތުގައި ބީއެމްއެލްގެ ފަރާތުން ވާހަކަދައްކަވަމުން ޓިމް ސޯޔާ ވިދާޅުވީ ރާއްޖޭގެ ތާރީހުގައިވެސް ބޭއްވޭ އެންމެ ގިނަ ދުވަސްވީ ޓެނިސް ހަރަކާތުގެ ސްޕޮންސަރްޝިޕަކީ އެ ބޭންކަށް ވަރަށް މުހިންމު އަދި ޚާއްސަ ސްޕޮންސަރޝިޕެއްކަމަށާއި މި އަހަރަކީ ޤައުމީ ޓެނިސް ޗެންޕިއަންޝިޕު ބާއްވަމުން އަންނަތާ 50 އަހަރު ފުރޭ އަހަރުކަމުން، މި ސްޕޮންސަޝިޕު އިތުރަށް ޚާއްސަ ވެގެންދާނެކަމަށެވެ.

''ޓެނިސް އަންނަނީ ދުވަހެއް ދުވަހަކަށް ކުރިއަރައި ޒުވާނުންގެ މެދުގައި މަގުބޫލުކަން ހޯދަމުން. ރާއްޖޭގެ ޓެނިސް އެސޯސިއޭޝަނުން ތަމްރީނު ކުރަމުންމިދަނީ ޒުވާން މޮޅެތި ކުޅުންތެރިންކަން ފާހަގަކޮށްލެވޭ. އެހެން ކަމުން އެފަދަ ކުޅުންތެރިން އިތުރަށް ތަމްރީންކޮށް ކުރިއެރުވުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،'' ސޯޔާ ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ވާހަކަދައްކަވަމުން ޓެނިސް އެސޯސިއޭޝަނުގެ ރައީސް އަޙްމަދު ނަޒީރު ބުނީ ގައުމީ ޓެނިސް މުބާރާތަށް 50 އަހަރު ފުރުން މި އަހަރު ކުލަގަދަކޮށް ފާހަގަކުރުމަށް އެ އެސޯސިއޭޝަނުން މަސައްކަތް ކުރަމުން އަންނައިރު، ބީއެމްއެލުން މުބާރާތް ރަސްމީކޮށް ސްޕޮންސަރ ކުރުމުން ޓެނިސް އެސޯސިއޭޝަނަށް ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި ފަސޭހައެއް ލިބިގެން ހިނގައްޖެ ކަމަށެވެ.

ގައުމީ ފުޓްބޯޅަ ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރު ބީއެމްއެލްއިން ދަނީ ފަހަކަށް އައިސް ރާއްޖޭގެ ކުޅިވަރުގެ ހަރަކާތްތައް ތަރައްގީކޮށް ކުރިއެރުވުމަށް އެކި ގޮތްގޮތުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. ބީއެމްއެލް އަކީ ބާސްކެޓްބޯޅަ އެސޯސިއޭޝަން ގެ ޔޫތު ޑިވެލޮޕްމަންޓް ޕާޓްނަރގެ އިތުރުން ސްވިމިންގް އެސޯސިއޭޝަންގެ ނޭޝަން ވައިޑް ޕާޓްނަރެވެ.