ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ދެކޮޅަށް ނުކުންނާނީ އެއީ ކޮން ފެންވަރެއްގެ ޓީމެއްކަން ދަނެގެން ކަމަށް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ ކޯޗު އިސްމާއިލް މަހުފޫޒް (އިންމަ) ބުނެފިއެވެ.

މިރޭ މިދެޓީމު ބައްދަލުކުރާ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެެރިން ބައްދަލުވުމުގައި ވާހަކަ ދައްކަމުން އިންމަ ބުނީ މާޒިޔާ އަކީ ފުރަތަމަ ޑިވިޝަންގެ ޓީމްތަކުގެ ތެރޭގައި ހިމެނޭ އެންމެ ފެންވަރު ރަނގަޅު ޓީމު ކަމަށާއި އެފަދަ ވަރުގަދަ ޓީމަކާއި ދެކޮޅަށް ނުކުންނައިރު ވިސްނަން ޖެހޭނެ ކަންތައްތަކެއް ހުންނާނެކަމަށެވެ.

އިންމަ ބުނީ މާޒިޔާ އަކީ ޤައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ކުޅުންތެރިން ހިމެނޭ ޓީމުކަމަށްވުމުން މެޗު އެއްވެސް ގޮތަކަށް ފަސޭހަވާނެ ކަމަށް ގަބޫލުނުކުރާ ކަމަަށެވެ. އަދި މިރޭގެ މެޗަށް ދަ ގްރާންޑޭ ނުކުންނާނީ މާޒިޔާ އަށް ފުރިހަމަ އަށް އިހުތިރާމްކުރަމުން ކަމަށްވެސް އިންމަ ބުންޏެވެ.

"މާޒިޔާއަކީ އެންމެނަށްވެސް އިނގޭނެ ފަދައިން ލީގުގައި މިހާރު އޮތް އެންމެ ވަރުގަދަ ޓީީމު. ޤައުމީ ޓީމަށް ބަލާލިޔަސް މާޒިޔާގެ ކުޅުންތެރިން އެންމެ ގިނައީ. އެހެންވީމަ، އަޅުގަނޑުމެން މި މެޗަށް ނުކުންނާނީ މާޒިޔާއަކީ ވަރުގަދަ ޓީމެއްކަން ދަނެގެން އެޓީމަށް ފުރިހަމަަ އަށް އިހުތިރާމްކުރަމުން. އެކަމަކުވެސް މިރޭގެ މެޗުގައި ދަ ގްރާންޑޭގެ ކުޅުންތެރިން ކުޅޭނީ އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް މެޗުން ތިން ޕޮއިންޓް ނެގޭތޯ.'' އިންމަ ބުންޏެވެ.

އިންމަ ބުނީ މާޒިޔާގައި އޭނާ ކުރިން އިރުޝާދު ދިން ކުޅުންތެރިން އެބަތިބި ކަމަށާއި ނަމަވެސް ކުޅުންތެރިން އެކަކު އަނެކަކު މާބޮޑަށް މިހާރު ދަސްކޮށްފައިވާތީ މިރޭގެ މެޗުގައި އެކަމުގެ ފައިދާއެއް މާ ބޮޑަކަށް ކުރާނެކަމަކަށް ގަބޫލުނުކުރާ ކަމަށެވެ.

ގިނަ ދުވަސްތަކަކަށް ލީގު މެދުކަނޑާލުމުން އެ ކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން އިންމަ ބުނީ ސީޒަން ފެށުމުގެ ކުރިން ދިވެހި ލީގަށްޓަކައި ޓީމު ވަރަށް ރަނގަޅަށް ތައްޔާރުވެގެން އައިސް ލީގުގައި ރަނގަޅު ކުޅުމެއް ދައްކައި ރަނގަޅު ޙާލަތެއްގައި އޮތް ދަނޑިވަޅުގައި ލީގު މެދުކަނޑާލަން ޖެހުމުން ކޮންމެ ކޯޗަކަށްވެސް އެ ކަމުގެ ނުތަނަވަސްކަން އަންނާނެކަމަށެވެ.

ފަހަކަށް އައިސް ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށް މާލީގޮތުން ދަތިތަކަކާއި ކުރިމަތިވެފައިވެ އެވެ. މިއަހަރު ފުރަތަމަ ޑިވިޝަނަށް އަލަށް ޕްރޮމޯޓްވި ދަ ގްރާންޑޭގެ ކޯޗު ބުނީ އެ ކުލަބުގެ މާލީ ހާލަތު މިހާރު ކުރިއަށްވުރެ ވަރަށް ބޮޑުތަން ރަނގަޅުވަމުން އަންނަކަމަށެވެ.

ވޯލްޑު ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނަށް ޤައުމީ ފުޓްބޯޅަ ޓީމަށް ވުގުތު ދިނުމުގެ ގޮތުން ދިވެހި ލީގު މެދުކަނޑާލުމަށްފަހު މިއަދު ލީގު އަލުން ފަށާއިރު ދަ ގްރާންޑޭ އޮތީ ލީގުގައި މިހާތަނަށް ކުޅުނު 6 މެޗުން ހޯދި 13 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. ލީގުގެ އެއްވަނައިގައި ދަ ގްރާންޑޭ އަށްވުރެ 1 މެޗު އިތުރަށް ކުޅެގެން މާޒިޔާ އޮތީ 17 ޕޮއިންޓާއެކުގައެވެ.