ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ސްޕެއިންގެ އެފްސީ ބާސެލޯނާ އާއި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމައުންޑް ބައްދަލުކުރި މެޗު 0-0ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެން ނިމިއްޖެ އެވެ.

އާ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ބާސާ އާއި ޑޯޓްމައުންޑްގެ ކުރިމަތިލުން އެއްވަރުވި އިރު މި މެޗުގައި ޑޯޓްމައުންޑަށް ވަނީ ޕެނަލްޓީއެއް ވެސް ލިބި ބޭކާރު ވެފަ އެވެ. ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައި ބާސާގެ އޭރިއާ ތެރެއިން ޕޯޗުގަލްގެ ޑިފެންޑަރު ނެލްސަން ސެމެޑޯ ޑޯޓްމައުންޑްގެ ޒުވާން ކުޅުންތެރިއާ ޖޭޑަން ސާންޗޯ އަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ ކެޕްޓަން މާކޯ ރޮއިސް ކުރިއަށް ފޮނުވާލި ނަމަވެސް ކީޕަރު މާކް އަންދްރޭ ޓާސްޓެޖަން ވަނީ ވަރަށް ހުޝިޔާރުކަމާއެކު މަތަކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ވަރަށް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު ފުރަތަމަ ހަމަލާ ފޮނުވާލާފައިވަނީ ބާސާ އިންނެވެ. ފުރަތަމަ ހާފުގެ ތޭރަ ވަނަ މިނެޓުގައި ޖެރާޑް ޕީކޭ ފޮނުވާލި ބޯޅަ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް ދިޔަ އިރު އޭގެ އިރުކޮޅެއް ފަހުން ޑޯޓްމައުންޑްގެ ތޯގަން ހަޒާޑް އުފެއްދި ހަމަލާއެއްގައި ރޮއިސް ތިރިތިރިން ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ޓާސްޓެޖަން އެވެ.

ފުރަތަމަ ހާފު ނިމެން އިރުކޮޅަކަށްވެފައި ވަނިކޮށް ޑޯޓްމައުންޑަށް މެޗުން ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. 43 ވަނަ މިނެޓުގައި ޑޯޓްމައުންޑުން އުފެއްދި ކައުންޓާ ހަމަލާއެއްގައި ކުރިން ބާސާ އަށް ވެސް ކުޅުނު ފޯވަޑް ޕާކޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ސާންޗޯ ޕެނަލްޓީ އޭރިއާ ލައިން މަތީގައި ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ދިޔައީ ގޯލުމަތިން ބޭރަށެވެ.

ދެވަނަ ހާފުގައި ވެސް ޑޯޓްމައުންޑުން ބާސާގެ ގޯލަށް ނުރައްކާ ކުރި އެވެ. އެގޮތުން ސާންޗޯ އަށާއި ރޮއިސް އަށް ވަރަށް ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވެގެންގޮސްފައިވެ އެވެ. ރޮއިސް އާއި ސާންޗޯގެ ހަމަލާތައް ގޯލާއި އަމާޒު ނުވެ ބޭރަށްދިޔަ އިރު ޖަރުމަނުގެ ޒުވާން ކުޅުންތެރިއާ ބްރާންޑްޓް 30 ޔާޑު ދުރުން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މެޗުގެ 59 ވަނަ މިނެޓުގައި އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި ބާސާގެ ކެޕްޓަން ލިއޮނެލް މެސީ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާފަ އެވެ. މެސީ ދަނޑަށް އެރުމާއެކު ބާސާގެ އެޓޭކް ކުޑަ ތަންކޮޅެއް ރަނގަޅުވި ނަމަވެސް މެސީގެ ފަރާތުން އޭނާ އާއްމުކޮށް ދައްކާ ޖާދުލެއް ނުފެނެ އެވެ. މެސީ އަށް ބޯޅަ ލިބުނު ކޮންމެ ފަހަރަކުވެސް ޑޯޓްމައުންޑްގެ ކުޅުންތެރިންވަނީ ވަރަށް ހުޝިޔާރުކަމާއެކު އޭނާ އަތުން ބޯޅަ އަތުލައި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިއާ ހިފެހެއްޓުމުގައި މިރޭ ކާމިޔާބު ހޯދާފަ އެވެ.