މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ ދެވަނަ ޑިވިޝަންގެ އަންހެން ފައިނަލުން މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޒެފްރޯލް ފުރުސަތު ހޯދައިފި އެވެ.

މުބާރާތުގެ ފައިނަލް މެޗުގައި ޒެފްރޯލްއާ ދެކޮޅަށް ނުކުންނާނީ ޕޮލިސް ކްލަބެވެ. ޒެފްރޯލް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ގުރޫޕް ސްޓޭޖްގެ އެއްވެސް މެޗަކުން ބަލިނުވެ ސެމީފައިނަލް އަށް ދަތުރުކޮށް ކީންސް އަތުން 22-6ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

ފައިނަލްގައި ޒެފްރޯލްއާ ބައްދަލުކުރާ އަނެއް ޓީމު ޕޮލިސް ކްލަބް ފައިނަލަށް ދިޔައީ ސެމީފައިނަލުގައި 8-6 ގެ ނަތީޖާއަކުން ޒެނިތުގެ މައްޗަށް ކުރިހޯދައިގެންނެވެ.

ހަތްވަނަ ގައުމީ ހޭންޑުބޯލް މުބާރާތުގެ ދެވަނަ ޑިވިޝަންގެ ފިރިހެންބައިން ފައިނަލަށް ގޮސްފައިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ލަޔަންސްއެވެ. އެޓީމާ ދެކޮޅަށް ފައިނަލްގައި ނިކުންނާނީ ފުލިދޫ އެފްސީ އެވެ. ފުލިދޫ ފައިނަލަށް ދިޔައީ ސެމީފައިނަލްގައި ޒެފްރޯލް 30-29ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

ޖުމްލަ 20 ޓީމާއެކު މިފަހަރަކީ މިހާތަނަށް ގައުމީ މުބާރާތުގައި އެންމެ ގިނަ ޓީމް ވާދަކުރި ފަހަރެވެ. އެއީ ފުރަތަމަ ޑިވިޝަންގެ ފިރިހެން 3 ޓީމާއި އަންހެން 3 ޓީމުގެ އިތުރުން ދެވަނަ ޑިވިޝަންގެ ފިރިހެން 4 ޓީމާއި އަންހެން 10 ޓީމެވެ. މި މުބާރާތުގެ ފައިނަލް މެޗުތައް ކުޅުުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 އަދި 23 ގައެވެ.