ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު ފޯރިގަދަ މެޗުގައި ތިން ލަނޑު ފަހަތުގައި އޮތް ޔުނައިޓެޑު ވިކްޓްރީ އިން ފަހަތުން އަރައި ކްލަބް އީގަލްސް އާއި އެއްވަރުކޮށް މެޗުން ޕޮއިންޓެއް ހޯދައިފި އެވެ.

ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަންއަށް ދިވެހި ލީގު މެދުކަނޑާލުމަށްފަހު މިއަދު ފެށިއިރު ފުރަތަމަ މެޗުގައި އީގަލްސް އާއި ޔުނައިޓެޑު ވިކްޓްރީ ބައްދަލުކުރި މެޗު އެއްވަރުވީ 4-4 އިންނެވެ.

އީގަލްސް އިން މެޗުގެ ފުރަތަމަ ހާފު ނިންމާލީ ތިން ލަނޑުގެ ލީޑަކާއެކު އެވެ. އެގޮތުން އެޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖާޒީ ނަންބަރު 11 އަހުމަދު ރިޒުވާން (ރިޒޭ) އެވެ. ރިޒޭގެ ލަނޑަށްފަހު ކައިރިކައިރީގައި އީގަލްސް އިން އިތުރު ދެ ލަނޑު ޖެހިއިރު އޭގެތެރެއިން ފުރަތަމަ ލަނޑު 24 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލީ ފާސިރު(ސެންޓޭ) އެވެ.

މި ދެ ކުޅުންތެރިންނަކީ ނިމިގެންދިޔަ ކޮލިފިކޭޝަންގައި ގުއާމް އާއި ދެކޮޅަށް ނެގި ގައުމީ ސްކޮޑުގައި ހިމެނި ޓީމާއެކު ދަތުރުނުކުރުމުގެ ސަބަބުން އެފްއޭއެމް އިން ޖޫރިމަނާ ކުރި ދެ ކުޅުންތެރިންނެވެ. ނަމަވެސް މިއަދުގެ މެޗުގެ ކުރިން އީގަލްސް އިން އެފްއޭއެމް އަށް ޖޫރިމަނާ ދެއްކުމުގެ ސަބަބުން ރިޒޭ އާއި ސެންޓޭ އަށް ވެސް މެޗުގައި ކުޅުމުގެ ފުރުސަތު ލިބުނެވެ.

ސެންޓޭގެ ލަނޑުން އީގަލްސް ދެ ލަނޑުގެ ކުރީގައި އޮއްވާ އެޓީމަށް ފަރަގު ބޮޑުކޮށްދިނީ އަނެއްކާވެސް ރިޒޭ އެވެ. ފަހަކަށް އައިސް ގަލޮޅު ދަނޑުގައި ގޯލާއި އެންމެ ރައްޓެހި ފޯވަޑްގެ ގޮތުގައި ފާހަގަކުރެވިފައިވާ ރިޒޭގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 29 ވަނަ މިނެޓުގަ އެވެ. ރިޒޭ ވަނީ މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމުވެސް ހޯދާފަ އެވެ.

އީގަލްސް އިން ތިން ލަނޑުގެ ލީޑަކާއެކު ފުރަތަމަ ހާފު ނިންމާލި ނަމަވެސް ޔުނައިޓެޑު ވިކްޓްރީ އިންވަނީ ދެވަނަ ހާފުގައި ކުޅުން ރަނގަޅު ކޮށް މެޗުގެ ފަރަގު ކުޑަކޮށްލާފަ އެވެ. އެގޮތުން ޔޫވީގެ ޖާޒީ ނަންބަރު ނުވައެއް ސިލިޗް ވަނީ މެޗުގެ 50 ވަނަ މިނެޓުގައްޔާއި 58 ވަނަ މިނެޓުގައި ލަނޑު ޖަހައި ނަތީޖާ 2-3 އަށް ބަދަލުކޮށްފަ އެވެ. ސިލިޗްގެ ދެ ލަނޑާއެކު ޔޫވީ އަށް ބޮޑު އުއްމީދެއް ލިބިގެންދިޔަތާ މިނެޓުކޮޅެއް ތެރޭގައި އީގަލްސްގެ ޖާޒީ ނަންބަރު ހަތެއް މުހައްމަދު ނާއިމް ވަނީ ލަނޑެއް ޖަހައި 4-2 އަށް މެޗުގެ ނަތީޖާ ބަދަލުކޮށްފަ އެވެ.

އެ ނަތީޖާގައި އޮވެ އީގަލްސް މެޗުން މޮޅުވަމުން ދަނިކޮށް ފަހު ވިހި މިނެޓު ތެރޭގައި ޔޫވީ އަށް މެޗުން ޕޮއިންޓެއް ކަށަވަރުކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު ތޭރަ މިރާހް މުހައްމަދު އެވެ. އޭނާ ލަނޑުތައް ކާމިޔާބުކޮށްދިނީ 71 ވަނަ މިނެޓުގައްޔާއި 78 ވަނަ މިނެޓުގަ އެވެ.

މިއަދުގެ މެޗުން ލިބުނު ޕޮއިންޓާއެކު އީގަލްސް އަށް ވަގުތީ ގޮތުން ތާވަލުގެ ދެވަނަ ލިބެނީ ތޭރަ ޕޮއިންޓާއެކު އެވެ. ފައިދާ ލަނޑުގެ ތަފާތުން އެޓީމަށް ކުރިލިބޭއިރު ކުރިން ތާވަލުގެ ދެވަނައިގައި ބާރަ ޕޮއިންޓާއެކު އޮތް ދަ ގްރާންޑޭ މިރޭ މާޒިޔާ އާއި ދެކޮޅަށް ގަލޮޅު ދަނޑުގައި ނުކުންނާނެ އެވެ. މިހާތަނަށް ކުޅުނު ހަތް މެޗުން ހަތް ޕޮއިންޓް ލިބިގެން ޔުނައިޓެޑު ވިކްޓްރީ އޮތީ ތާވަލުގެ ހަތްވަނައިގަ އެވެ.