ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ފްރާންސްގެ ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އިން ސްޕެއިންގެ ރެއާލް މެޑްރިޑް ބަލިކޮށްފި އެވެ.

ޕީއެސްޖީން ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ބަލިކޮށްފައިވަނީ މިރޭ ޕާކް ޑެ ޕްރިންސްގައި ކުޅުނު މެޗުގައި 3-0ގެ ނަތީޖާއަކުންނެވެ. ޖެހިޖެހިގެން ތިންފަހަރު ކޯޗެއްގެ ހައިސިއްޔަތުން ރެއާލް އާއެކު ޗެމްޕިއަންސް ލީގު ތަށި އުފުލާލި ޒައިނިދީން ޒިދާންގެ އިރުޝާދުގެ ދަށުން މިރޭ ރެއާލް ނުކުތީ ނިމިގެންދިޔަ ޓްރާންސްފާ ބާޒާރުގައި ޗެލްސީ އިން ގަތް ބެލްޖިއަމްގެ ފޯވަޑް އެޑެން ހަޒާޑް ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ.

ނޭމާ އާއި އެމްބާއްޕެގެ އިތުރުން ކަވާނީ ފަދަ މުހިއްމު ގިނަ ކުޅުންތެރިން ނުލައި ޕީއެސްޖީން މިރޭގެ މެޗު ކާމިޔާބުކުރިއިރު އެޓީމުން ޖެހި ފުރަތަމަ ދެ ލަނޑު ކާމިޔާބުކޮށްފައިވަނީ އާޖެންޓީނާގެ ފޯވަޑް އެންހެލް ޑިމާރިއާ އެވެ. ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި މައުރޯ އިކާޑީ އާއި ހުއާން ބަރްނާޓް ވެގެން އުފެއްދި ހަމަލާއެއްގައި ޑިމާރިއާ ތިރިތިރިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

ޑިމާރިއާގެ ލަނޑުން ޕީއެސްޖީން މެޗުގައި ލީޑުނެގިފަހުން ރެއާލްގެ ހަޒާޑު އާއި ބޭލްގެ ދެ ހަމަލާއެއް ފެނިގެންދިޔަ ނަމަވެސް އެ ބޯޅަތައް ގޯލާއި އަމާޒުވާގޮތެއް ނުވި އެވެ. ޕީއެސްޖީގެ ދެވަނަ ލަނޑު 33 ވަނަ މިނެޓުގައި ޑިމާރިއާ ކާމިޔާބުކުރީ އިދްރީސާ ގިއާ ދިން ބޯޅައެއްގަ އެވެ. ރެއާލްގެ ޕެނަލްޓީ އޭރިއާ އަރިމަތީގައި ހުރެ ޑިމާރިއާ ފޮނުވާލި ބޯޅަ އެއްވެސް އުނދަގުލަކާއި ނުލައި ކޯޓުއާގެ ގޯލު ފޫއަޅޫވާލި އެވެ.

ފުރަތަމަ ހާފުގެ ފަހު ވަގުތުކޮޅުގައި ރެއާލުން އުފެއްދި ހަމަލާއެއްގައި ބޭލް ޕީއެސްޖީގެ ގޯލުގެ ތެރެއަށް ހިތްގައިމު ގޮތަކަށް ބޯޅަ ވައްދާލި ނަަމަވެސް ވީއޭއާރުން އެ ލަނޑު ކެންސަލް ކުރި އެވެ.

ދެވަނަ ހާފުގައިވެސް ރެއާލް އަށް މެޗުގެ ތެރެއަށް ވަދެގަތުމުގައި އުނދަގޫތަކަކާއި ކުރިމަތިވިއިރު ޕީއެސްޖީން ދިޔައީ އެޓީމުގެ ތިންވަނަ ލަނޑާއި ކައިރިވަމުންނެވެ. އެގޮތުން 60 ވަނަ މިނެޓުގައި ޑިމާރިއާ ފޮނުވާލި ބާރު ހަމަލާއެއް ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.

މެޗުގެ ފަހު ފަނަރަ މިނެޓު ތެރޭގައި ޕީއެސްޖީގެ ބްރެޒިލް ޑިފެންޑަރު މާކުއިނޯސް އަށް އަނިޔާވެ އޭނާ ބަދަލުކުރި އެވެ. ޕީއެސްޖީގެ ފަހަތުގައި މުހިއްމު ރޯލެއް އަދާކުރާ މާކުއިނޮސް ބަދަލުކުރިތަނާހެން މިރޭގެ މެޗުގައި ރެއާލްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ބެންޒެމާ ބޮލުން ޕީއެސްޖީގެ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލި ނަމަވެސް ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގަ އެވެ.

މެޗުގައި ޕީއެސްޖީގެ ތިންވަނަ ލަނޑު އިތުރު ވަގުތުގައި ޑިފެންޑަރު މުނިއާ ކާމިޔާބުކުރީ އެޓީމުން އުފެއްދި ހިތްގައިމު ކައުންޓާ ހަމަލާއެއްގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ާައަސްލަމް

    ޕެރޭޒް ބުނީ ރޮނާޑޯ ނެތްތަން ފޫބައްދާނޭ ބޭލް އެކަމަކު ބޭލް އަށް ނުޖެހޭ ސީޒަނެއްގަ 10 ގޯލްވެސް

  2. ާައަސްލަމް

    ރޮނާޑޯ ނެތްތަން ފޫ ބައްދަނީ ކާކު؟ ރޮނާޑޯ ޖަހާނެ ސީޒަނެއްގަ 40 ނޫނީ 50 ގޯލް

    6
    2
  3. Juhaa

    އަސްލަމޫ. ރޮނާޑޯ އެއީ ކާކު؟ ކުރިން އެ ޓީމުގައި އުޅުނީ ރޮނާލްޑޯ ކިޔާ މީހެކޯ.

  4. ޕޮގުބާ

    ދެރަނުވެ. ދިވެހިން ކިޔަނީ ރޮނާޑޯ