ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ފުލުގައި މިވަގުތު އޮތް ނިލަންދޫ ފުޓްބޯޅަ ޓީމް އޮތީ މާލީގޮތުން ރަނގަޅު ހާލަތެއްގައި ކަމަށް އެޓީމުގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.

މިއަދު ހަވީރު ދިވެހި ލީގުގައި ފޯކައިދޫ ޓީމާއި ދެކޮޅަށް ނުކުތުމުގެ ކުރިން ނޫސްވެރިންނާއި ވާހަކައްދަކަމުން ފެސްކޯ ބުނީ ދިވެހި ފުޓްބޯޅަ އަށް މާލީގޮތުން ނޭދެވޭ އަސަރުކުރުމަކީ އާ ކަމެއްނޫން ކަމަށާއި ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ގިނަ ކުލަބުތަކަަށް މާލީ ގޮތުން ބޮޑެތި ކަންބޮޑުވުންތަކާއި ކުރިމަތިލާންޖެހުނު ނަމަވެސް ނިލަންދޫ އޮތީ ރަނގަޅު ޙާލަތެއްގައި ކަމަށެވެ.

ފެސްކޯ މިހެން ބުނެފައިވަނީ ޓީމުގެ ހާލަތުތައް ދަށްވުމުގެ ސަބަބުން ވިކްޓްރީގެ ކޯޗު މުހައްމަދު އާދަމް އާއި ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުހައްމަދު އާތިފް (އާތީ) މަގާމުން އިސްތިޢުފާ ދީފައިވާ ދަނޑިވަޅެއްގައެވެ. މާލީ ޙާލަތު ގޯސްވުމުގެ ސަބަބުން ޓީސީގެ ކުޅުންތެރިން އެހެން ކުލަބުތަކަށް ބަދަލުވުމުގެ ޙުއްދަ އެ ކުލަބުން ވަނީ ކުޅުންތެރިންނަށް ދީފަ އެވެ.

''ދިވެހި ކްލަބުތަކަށް މާލީގޮތުން އަސަރުކުރުން މިއީ އާކަމެއް ނޫން. ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބުތަކަށް މާލީގޮތުން ބޮޑެތި ގެއްލުންތަކެއް ވަމުން އެބަދޭ. އެކަމަކު ނިލަންދޫ އޮތީ ރަނގަޅު ހާލަތެއްގައި. ޓީމުގެ ކުޅިންތެރިންގެ ޑިމާންޑުތައް މެނޭޖްމަންޓުން އަންނަނީ ހަމަޖައްސައިދެމުން. މިސީޒަނަށް ޓީމުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި މެނޭޖްމަންޓުގެ ފުރިހަމަ އެއްބާރުލުމާއެކު ތިން ބިދޭސީ ކުޅުންތެރިން ވެސް ވަނީ ގެނެވިފައި،'' ފެސްކޯ ބުންޏެވެ.

ފެސްކޯ ބުނީ ބިދޭސީ ތިން ކުޅުންތެރިން ޓީމާއި ގުޅުނު ކަމުގައިވިޔަސް އެ ކުޅުންތެރިންނާއެކު އެކަށީގެންވާ ގޮތެއްގައި ފަރިތަކުރުންތައް ކުރިއަށް ނުގެންދެވޭކަމަށެވެ.

މިއަދު ހަވީރު ފެށުމަށް ހަމަޖެހިފައިވާ މި މެޗުގައި ނިލަންދޫއާ ދެކޮޅަށް ނުކުންނަ ފޯކައިދޫ ޓީމަށް އަލިއަޅުވާލަމުން ފެސްކޯ ބުނީ ފޯކައިދޫ އަކީ އަބަދުވެސް މެޗުތަކަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެން ނުކުންނަ ޓީމެއް ކަމަށާއި ފަހަކަށް އައިސް އެޓީމުގެ ކުޅުން ވަރަށް ބޮޑުތަން ކުރިއަރައިގެންގޮސްފައިވާ ކަމަށެވެ.

ވޯލްޑުްކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަން މެޗުތަކަށް ދިވެހި ލީގު މެދުކަނޑާލިއިރު، ނިލަންދޫ އޮތީ ކުޅުނު ހުރިހާ މެޗަކުން ވެސް ބަލިވެ ލީގުގެ ފުލުގައި އެންމެ ޕޮއިންޓެއްވެސް ނުލިބި އެވެ. މިހާތަނަށް ކުޅުނު ހަ މެޗުން ލިބުނު އަށް ޕޮއިންޓާއެކު ފޯކައިދޫ ލީގު ތާވަލުގެ ހަވަނައިގައިި އޮތްއިރު މިއަދުގެ މެޗުން ތިން ޕޮއިންޓް ހޯދައިގެން ވަގުތީގޮތުން ތާވަލުގެ ފަސްވަނަ އަށް ޖެހިލުމުގެ ފުރުސަތު އެޓީމަށް އެބައޮތެވެެ.