މާލޭގައި ކުރިއަށްދާ ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ފިއުޗާ ސީރީސްގެ ފިރިހެން ސިންގަލްސް ބައިގެ ދެ ވަނަ ބުރުން ރާއްޖޭގެ އެންމެ މޮޅު ދެ ފިރިހެން ކުޅުންތެރިން ކަމަށްވާ މުހައްމަދު އަޖުފާން ރަޝީދު އާއި ޒަޔާން ޒަކީ ކަޓައިފި އެވެ.

ކުޅިވަރު އެކުވެނީ ބެޑްމިންޓަން ކޯޓުގައި އިއްޔެ އަޖުފާން ބަލިވީ އިންޑިއާގެ މަނިގަންޑަން ރާޖޭސަކަރަންއާ އަތުން 21-18، 21-10 އިންނެވެ. ފުރަތަމަ ސެޓުގެ ކުރީކޮޅު އަޖުފާންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ރާޖޭސަކަރަން ވަނީ ފަހު ވަގުތު ކުރިއަރައި ސެޓު ކާމިޔާބުކޮށްފަ އެވެ. މެޗުގެ ދެވަނަ ސެޓުގައި އަޖުފާން އަށް ރަނގަޅަށް ގޭމްގެ ތެރެއަށް ނުވަދެވުމުގެ ނަތީޖާއަކަށްވީ އެ ސެޓު ފަސޭހަކަމާއެކު އިންޑިއާ ކުޅުންތެރިއާ ކާމިޔާބުކުރުމެވެ.

ރާއްޖޭގެ ޒަޔާން ޒަކީ ބަލިވީ މެލޭޝިއާގެ ބްރަޔާން ލުންއާ ވާދަކޮށް ފޯރިގަދަ މެޗަކަށް ފަހު 21-17، 21-16 އިންނެވެ. ފުރަތަމަ ސެޓުގައި ދެ ކުޅުންތެރިންގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު ޒަޔާން އަތުން ސެޓު ގެއްލިގެންދިޔައީ ފަހު ކޮޅުގައި ހެދުނު ގޯސްތަކަކުންނެވެ. ދެ ވަނަ ސެޓުގައި ވެސް ބްރަޔާން އަށް ޒަޔާންގެ ފަރާތުން އުނދަގޫތަކެއް ދިމާވެގެންދިޔަ އިރު ޒަޔާން ވަނީ ތިން ފަހަރެއްގެ މަތިން ނަތީޖާ އެއްވަރުވެސް ކޮށްފަ އެވެ. ނަމަވެސް ފަހު ކޮޅުގައި ހިފަހައްޓައިނުލެވުމުގެ ފައިދާ ނަގައި ބްރަޔާން ވަނީ ސެޓު ކާމިޔާބުކޮށްފަ އެވެ.

އަންހެން ސިންގަލްސްގައި ރާއްޖޭގެ ފާތިމަތު ނަބާހާ ކުޅުނު ފުރަތަމަ މެޗުން ބަލިވެ މުބާރާތުން ކަޓާފައިވާއިރު އެ މެޗުގައި ނަބާހާގެ މައްޗަށް ލިމް ޕެއީ ކުރިހޯދީ 27-25، 21-15 އިންނެވެ. އިއްޔެގެ މެޗުގައި ނަބާހާ ވަނީ ރަނގަޅު ކުޅުމެއް ދެއްކާފަ އެވެ. ހާއްސަކޮށް ފުރަތަމަ ސެޓުގެ ކުރީކޮޅު ލީޑު ކުރަމުންދިޔައީ ނަބާހާ އެވެ. ނަމަވެސް އެންމެ ފަހު ވަގުތު ހިފަހައްޓާނުލެވި އޭގެ ފައިދާ ނަަގައި ލިމް ސެޓު ނެގި އެވެ. ދެވަނަ ސެޓު ލިމް ކާމިޔާބުކުރީ މާބޮޑު އުނދަގުލަކާއިނުލަ އެވެ.

އަންހެން ސިންގަލްސް ބައިގެ ދެ ވަނަ ބުރުގައި މިއަދު ރާއްޖޭގެ ތިން ކުޅުންތެރިން ވާދަކުރާނެ އެވެ. އެއީ އިއްޔެ ކުޅުނު މެޗުން މޮޅުވި އައިމިނަތު ޝަހުރުނާޒް މޫސާ އާއި ދެ ވަނަ ބުރުން ފުރުސަތު ލިބުނު އައިމިނަތު ނަބީހާ އާއި މައިސާ ފަތުހުﷲ އެވެ.

އިއްޔެ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އަންހެން ސިންގަލްސްގެ ފުރަތަމަ ބުރުގައި ރާއްޖޭގެ ނީލާ ނަޖީބާއި މާޝާ ރަޝީދު ކުޅުނު މެޗުތަކުން ވަނީ ބަލިވެފަ އެވެ. ލަންކާގެ ސުލާރާ ޖަޔަސޫރިއާ އަތުން މާޝާ ބަލިވީ 21-09، 21-05 އިންނެވެ. އަދި ނީލާގެ މައްޗަށް ތައިލެންޑުގެ ސިލްޕްރަބޮކް އަތުންނެވެ. އޭނާ ސެޓުތައް ގެންދިޔައީ 21-06، 21-08 އިންނެވެ.