ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޓެކްނިކަލް ޑިރެކްޓަރ އިހުސާން އަބްދުލް ޣަނީ (ސާންތީ) އެ މަގާމުން އިސްތިއުފާ ދީފި އެވެ.

ކުރިން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބުގެ ތަކަށް ކޯޗުކަން ކޮށްދީފައިވާ ސާންތީ އިސްތިއުފާ ދީފައިވަނީ އަމިއްލަ ސަބަބަކާ ހުރެކަން ވަގުތު އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ސާންތި އިސްތިޢުފާދިން އަޑު ގަދަވެފައިވަނީ އޭނާއާ ބެހޭ ގޮތުން ގިނަ ކްލަބުތަކުން އެފްއޭއެމް އަށް ޝަކުވާތަކެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން ކޯޗުކަން ކުރި ދުވަސްވަރު ސާންތީ އިރުޝާދު ދިން ކްލަބު އީގަލްސްގެ ކުޅުންތެރިންނަށް ޤައުމީ ޓީމުން ފުރުސަތު ދިނުމުގައި ސާންތީ އިސްކަންދޭކަމަށް ތުހުމަތުކޮށް ދާދި ފަހުން ވަރަށް އަޑުއެރި އެވެ.

ފާއިތުވި ދެ އަހަރު އެފްއޭއެމްގައި މަސަތްކަތްކުރައްވަމުން ސާންތީ ވަނީ ދިވެހި ފުޓްބޯޅަ އަށް އާ ކަންތައްތަކެއް ނެރުއްވާފަ އެވެ. އެގޮތުން ސާންތީގެ އިސްނެންގެވުމުގެ މަތިން އެފްއޭއެމް އިން ވަނީ އަންހެން ފުޓްބޯޅަ އެކަޑަމީ އެއް ތަޢާރަފުކޮށް ޒުވާން ކުޅުންތެރިން އުފެއްދުމުގެ އަމާޒުގައި އެކި އުމުރުފުރާތަކަށް ބަހާލައިގެން ޔޫތު ލީގެއް ވެސް ފަށާފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ޑީ ލައިސަންސް ކޯޗިން ކޯސް ބޭއްވުމާއި ކޯޗާސް އިންސްޓްރަކްޓަރުން ތަމްރީނުކުރުންފަދަ ޕްރޮގްރާމްތައް ސާންތީގެ ބެލުމުގެ ދަށުން އެ ފުޓްބޯޅަ އިދާރާއިން ވަނީ ފަށާފަ އެވެ.

2008ވަނަ އަހަރުގެ ސާފު ޗެމްޕިއަންޝިޕް ރާއްޖެ އިން ކާމިޔާބު ކުރިއިރު ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ހުރި ސާންތީގެ ބެލުމުގެ ދަށުން އެފްއޭއެމްއިން ވަނީ ދުރު ރާސްތާ ޕްލޭނެއްގެ ދަށުން ދިވެހި ފުޓްބޯޅަ އަށް ފައިދާކުރާނޭހެން މުޅި ރާއްޖެއިން ހުނަރުވެރި ކުޅުންތެރިން ހޯދައި އެ ކުޅުންތެރިން ތަމްރީންކުރުމުގެ މަގްސަދުގައި "ޓުވާޑްސް ފިއުޗާ" ގެ ނަމުގައި ޕްރޮގްރާމް އެއް ވެސް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވިސްނޭ

    ވިކްޓްރީ ނޫނީ ޓީސީ ގެ ކޯޗުކަމާ ހަވާލުވަނީ....ގިނަ ލާރި ލިބެންޔާ ދާންވީ ހަމަ...އެފްއޭއެމް އިން ދޭ ވަރު މަދުވީ...

  2. އަޙްމަދު

    ދިވެހި ފުޓްބޯލައިން ގޭންގު މިނިސްޓަރުންނާއި، ވެރިންނާއި، ކުލަބުތަށް ދުރުވެގެން ނޫނީ ރަނގަޅެއް ނުވާނެ!