ދިވެހި ޕްރިމިއާ ލީގްގައި، ރޭ ގްރީން ސްޓްރީޓާއި ވިކްޓަރީ ސްޕޯޓްސް ކުލަބު ކުޅެން ހަމަޖެހިފައި އޮތް މެޗަށް ވިކްޓަރީގެ ޓީމު ހާޒިރު ނުވުމުން، ގުރީން ސްޓްރީޓް މެޗުން މޮޅުވި ކަމަށް ނިންމައިފި އެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ކާމިޔާބު އެއް ކްލަބް ކަމަށްވާ ވިކްޓްރީ އަށް މާލީ މައްސަލަތައް ދިމާވެ އަދި އެނޫން ވެސް ސަބަބުތަކާ ހެދި ޓީމު ހަމަކުރެވެން ނެތުމުން، ރޭގެ މެޗަށް އެޓީމު ހާޒިރުވާނެ ކަމާމެދު ކުރިންވެސް އޮތީ ސުވާލު އުފެދިފަ އެވެ.

ރޭގެ މެޗަށް ވިކްޓްރީއިން ދަނޑަށް ހާޒިރުވީ ސްކޮޑުގައި ހިމެނޭ ތިން ކީޕަރުންނާއިއެކު ޖުމްލަ ދިހަ ކުޅުންތެރިންނެވެ. އަދި މެޗުގެ ކުރިން ވޯމްއަޕް އަށް ނުކުފައިވަނީ އެންމެ ތިން ކުޅުންތެރިންކަން ފާހަގަކޮށްލެވެ އެވެ.

ވިކްޓްރީގެ އެސިސްޓެންޓް ކޯޗް އާދަމް އަބްދު ލަތީފް (ލައްޗޭ) ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ބުނެފައި ވަނީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވަނީ ހައެއްކަ ކުޅުންތެރިން ކަމަށެވެ.

ގުރީން ސްޓްރީޓްސް ރޭގެ މެޗު ފަށަން ހަމަޖެހިފައިވާ ގަޑިއަށް ދަނޑަށް ނުކުތްއިރު، ނުވައެއް ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ މެޗު ފެށުމުގެ ފަހު ވަގުތުކޮޅަށް ބެލުމަށް ފަހު މެޗު ކޮމިޝަނަރު މުހައްމަދު ހާޝިމު ވަނީ، ވިކްޓަރީ ހާޒިރު ނުވުމުން މެޗުން ގުރީން ސްޓްރީޓް މޮޅުވި ކަމަށް ނިންމާފަ އެވެ. އެހެންކަމުން ރޭގެ މެޗުން ގްރީން ސްޓްރީޓަށް 2 ލަނޑާއި ތިން ޕޮއިންޓް ލިބޭނެ އެވެ.

ރޭ ލިބުނު ތިން ޕޮއިންޓާ އެކު ބާރަ ޕޮއިންޓް ހޯދައިގެން ގްރީންސްޓްރީޓްސް ވަނީ ދިވެހި ލީގު ތާވަލުގެ ހަތަރު ވަނަ އަށް އަރައިފަ އެވެ. ކުރިން އެ މަގާމުގައި އޮތް ޓީސީ ސްޕޯޓްސް ކްލަބް ވަނީ ފަހަކަށް ވެއްޓިފަ އެވެ. ތާވަލުގެ އެއް ވަނައިގައި 20 ޕޮއިންޓާ އެކު އޮތީ މާޒިޔާ އެވެ. ވިކްޓްރީ އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ.

ރޭގެ މެޗަށް ވިކްޓްރީ އިން ހާޒިރުނުވުމުން އެޓީމަށް ޖޫރިމަނާއެއް އަންނާނެ އެވެ. މިދިޔަ އަހަރުވެސް ވިކްޓަރީ ވަނީ މެޗަށް ހާޒިރުނުވުމުގެ ސަބަބުން ޖޫރިމަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޙްމަދު

    ދިވެހި ފުޓްބޯޅަ މިދަނީ މީގެ 20 އަހަރު ކުރިންވެސް ހަމަދާގޮތަށް. މީހާރު މިތިބަ ބައެއްކޯޗުންނަކީ ގޭންގްސްޓާރުން. އެމީހުން ލައިގެން ފުޓްބޯލް ޓިމެއް ނުހިންގޭނެ. ގޭންގެ ގުރޫއްޕެއް ހިންގޭނީ. އަދި މިހާރު މިކަމުގައި ސިޔާސީ ނުފޮރުއްޕާންވެސް ކުޑައެއްނޫން!

  2. ދަންސޫރަ

    ތީމާލޭގަ ފަތްބޯ ގުރޫޕްތަކެއް ހަދައިގެން އުޅޭ ކުލަބުތަކެއް ކުލަބް ތަކުގެ ކޯޗުންނަށްވެސް އުޅެނީ ފަތްބޯ މީހުން ތާއްޖޭގަ ފުޓްބޯޅަ 100 އަހަރު ދަށަށް ވެއްޓިއްޖެ.