މާލޭގައި ކުރިއަށްދާ ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ފިއުޗާ ސީރީސްގެ އަންހެން ސިންގަލްސްގެ ދެވަނަ ބުރުން ރާއްޖޭގެ ތިން ކުޅުންތެރިންވެސް ކަޓައިފި އެވެ.

އަންހެން ސިންގަލްސްގައި ރޭ ކުޅުނު މެޗުތަކަށް ބަލާއިރު ދިވެހި ކުޅުންތެރިއާ މައިސާ ފަތުހުﷲ އަށް މުބާރާތް ނިމިގެންދިޔައީ ސްރީލަންކާގެ ތިލީނީ ޕްރަމޯދިކާ އާއި ވާދަކުރި މެޗުން ސީދާ ދެ ސެޓުން ބަލިވުމުންނެވެ. މެޗުގެ ސެޓުތަށް ތިލީނީ ގެންދިޔައީ 21-6 އަދި 21-9އިންނެވެ. ސްރީލަންކާގެ ކަޑިވި ސިރިމަނާގް އާއި ވާދަކޮށް ރާއްޖޭގެ އައިމިނަތު ޝަހުރުނާޒު ބަލިވީ ވެސް ދެ ސެޓުންނެވެ. ލަންކާ ކުޅުންތެރިއާ ސެޓުތައް ކާމިޔާބުކުރީ ފަސޭހަކަމާއެކު 21-4 އަދި 21-5އިންނެވެ.

ރާއްޖޭގެ އުއްމީދީ ކުޅުންތެރިއާ ނަބީހާ އަބްދުލްރައްޒާގު ސިންގަލްސް އިވެންޓުން ކަޓާފައިވަނީ އިންޑިއާގެ 18 އަހަރުން ދަށުގެ ޗެމްޕިއަން މަލްވީކާ ބަންޑޯސް އާއި ވާދަކުރި މެޗުން ސީދާ ދެ ސެޓުން ބަލިވެގެންނެވެ. މިމެޗުގެ ސެޓުތައް މަލްވީކާ ގެންދިޔައީ 21-11 އަދި 21-6އިންނެވެ.

މުބާރާތުގައި ރޭވަނީ ފިރިހެން ޑަބަލްސްގެ މެޗުތަށްވެސް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިބައިގައި ވާދަކުރި ރާއްޖޭގެ ހަތަރު ޕެއާވެސް ވަނީ ކުޅުނު މެޗުތަކުން ބަލިވެ މުބާރާތުން ކަޓާފައެވެ. އިންޑިއާގެ ގޮވިންދަރާޖަން އާއި ރާޖް ކުމާރްގެ ޕެއާއާއި ރާއްޖޭގެ މުހައްމަދު ހިޝާމް ލަތީފް އާއި ހަސަން އަފްޝީން ޝަހީމްގެ ޕެއާ ވާދަކުރި މެޗުގެ ސެޓުތައް އިންޑިއާގެ ޕެއާއިން ގެންދިޔައީ 21-11 އަދި 21-13އިންނެވެ.

އިންޑިއާގެ ވައިބްހާވް އާއި ޕްރަކާޝް ރާޖްގެ ޕެއާ އާއި ރާއްޖޭގެ ހުސައިން ޒަޔާން ޝަހީދް އާއި މުޙައްމަދު ލުޤްމާންގެ ޕެއާ ވާދަކުރި މެޗުގެ ސެޓުތަށް އިންޑިއާގެ ޕެއާއިން ގެންދިޔައީ 21-12 އަދި 21-5އިންނެވެ. އަދި ތައިލޭންޑްގެ ޕައްކަޕޮމް އާއި ޕަނިތްޗަޕޮންގެ ޕެއާ އާއި ރާއްޖޭގެ ތޯއިފް އަހުމަދާއި ރިޝްވާން ޝިޔާމްގެ ޕެއާ ވާދަކުރި މެޗުގެ ސެޓުތައް ތައިލޭންޑްގެ ޕެއާއިން ގެންދިޔައީ 21-9 އަދި 21-9އިންނެވެ.

މީގެއިތުރުން މެލޭޝިއާގެ ގްހަޖަތީސްވަރް އާއި ކިރަންގެ ޕެއާ އާއި ރާއްޖޭގެ އިބްރާހިމް ރާޝިހު އާއި އައްފާން އަލީގެ ޕެއާ ވާދަކުރި މެޗުގެ ސެޓުތައް މެލޭޝިއާގެ ޕެއާއިން ގެންދިޔައީ 21-10 އަދި 21-5އިންނެވެ.

ކުޅިވަރު އެކުވެނީގެ ބެޑްމިންޓަން ހޯލުގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވަނީ މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތަކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަބޭ

    އައިއޯ އައިޖީ ނިމުނުފަހުން އެއްވެސް ކުޅުންތެރިޔަކައް ރަނގަޅު ޕްރެކްޓިހެއް ނުލި ބޭ ކޯޗްއެއްނެއް ބޮޑުހަރަދުކޮއްގެން މަރާމާތުކުރި އިންޑޯ އައް ވާރެވެހޭތީ ތުވާލިފަތުރައިގެން މެޗްނުކުޅެ ތި ބެން އެ ބަޖެހޭ މިކަމުގަވެސް މިވަނޫ ޖީ ބައް ލާރިތައްއަޅާ މަސްއްކަތައް މަކަރުހަދާފަ

    5
    1
  2. އަޙްމަދް

    الحمدالله

  3. ޕޮގުބާ

    ތީ ވަރަށްބޮޑް ކުރިއެރުމެއް ތިކަމުގެ އުފަލުގަ މުޅިގައުމު ބައިވެރިވާން ޖެހޭހެ

  4. Anonymous

    ކެމްޕެއިން ޙަރަކާތްތައް ބާރަށް ކުރިއަށް