ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ އިނގިރޭސިވިލާތުގެ އާސެނަލް ކުޅުނު މެޗުން އެ ޓީމު މޮޅުވެއްޖެ އެވެ.

ޗެމްޕިއަންސް ލީގުގެ ފަހަަތުން ޔޫރަޕްގައި ކުޅޭވޭ ދެވަނަ އަށް އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔުއެފާ ޔުރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އާސެނަލް ނުކުތީ ޖަރުމަނުގެ ފްރެންފާޓް އާއި ދެކޮޅަށެވެ.

ގްރޫޕް ސްޓޭޖުގައި އާސެނަލްއަށް ކުރިމަތިވާނެ އެންމެ އުނދަގޫ ޓެސްޓުގެ ގޮތުގައި ބެލެވުނު ފްރޭންފާޓް އަތުން 3-0ގެ ނަތީޖާއަކުން އާސެނަލް މޮޅުވިއިރު ރޭގެ މެޗުގައި އާސެނަލްގެ ޒުވާން ކުޅުންތެރިންގެ ފަރާތުން އާދަޔާ ހިލާފު ހުނަރުވެރި ކުޅުމެއް ފެނިގެންދިޔަކަން ފާހަގަކޮށްލެވެ އެވެ.

ފްރޭންކްފާޓްގައި ރޭ ކުޅުނު މެޗުގެ ކުރީކޮޅު އާސެނަލްގެ މިޑްފީލްޑަރު ލޫކަސް ޓޮރެއިރާ އަށް ވަނީ ލަނޑު ޖަހަން ވަރަށް ހުސް ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އާސެނަލް އިން މެޗުގައި ޖެހި ފުރަތަމަ ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފު ނިމެން ފަސް ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ. އާސެނަލް ހާފު ތެރެއިން ބުކާޔޯ ސާކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ޖޮއޭ ވިލޮކް އެވެ.

އާސެނަލް އިން އެޓީމުގެ ދެވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ ފަހު ފަނަރަ މިނެޓު ތެރޭގަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބުކާޔޯ ސާކާ އެވެ. 18 ޔާޑު ދުރުން ސާކާ ފޮނުވާލި ބާރު ބޯޅަ ސީދާ ގޯލުގެ ތެރެއަށް ވަންއިރު އޭގެ ދެ މިނެޓު ފަހުން ފޯވަޑް ޕިއެރޭ އެމެރިކް އައުބަމެޔާންގް ވަނީ ސްކޯ ޝީޓުން ޖާގަ ހޯދާފަ އެވެ. އައުބާ އަށް ވަނީ އޭގެ ކުރިންވެސް ލަނޑުޖަހަން ހުސް ފުރުސަތުތަކެއް ލިބިފަ އެވެ. ނަމަވެސް ގެބޯންގެ ފޯވަޑް ފޮނުވާލި ހަމަލާތައް ފްރޭންކްފާޓްގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ.

މެޗައްފަހު ވާހަކަދައްކަމުން އާސެނަލްގެ މިޑްފީލްޑަރު ގްރާނިޓް ޒާކާ ބުނީ މިދިޔަ ހަފުތާގެ ޕްރިމިއާ ލީގުގައި ވެޓްފޯޑް އާއި ކުޅެ ދެ ލަނޑުގެ ލީޑުން މޮޅުވެފައި އޮތްވައި ޕޮއިންޓަކުން އާސެނަލް ފަރުޖައްސާލަން ޖެހުމުން ޓީމަށް ކޮންމެވެސް ވަރެއްގެ ނޭދެވޭ އަސަރުތަކެއް ކުރި ނަމަވެސް ރޭގެ މެޗުގައި ފްރޭންފާޓް އަތުން 3-0ގެ ބޮޑު ލީޑަކުން މޮޅެއް ލިބުމުން ކުޅުންތެރިންގެ އިތުބާރު ބޮޑުވެފައިވާ ކަމަށެވެ.