ހުޅުމާލޭގައި ކުރިއަށްދާ ދިރާގު މޯލްޑިވްސް ރޯހުގެ ފިރިހެނުންގެ 10 ކިލޯމީޓަރު ރޭހުގެ އެއް ވަނަ، 34:25 މިނެޓުން ދުވެ ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) މިއަދު ދިފާއުކޮށްފި އެވެ.

މިއަދު ހެނދުނު ކުރިއަށްދިޔަ 10 ކިލޯމީޓާރުގެ ފިރިހެން ބައިގެ ރޭސް ފަޒީލް ކާމިޔާބުކޮށްފައިވަނީ މުހައްމަދު ރަޝީދު (މޯޑް) އާއި ޝިފާޒު މުހައްމަދު ފަހަތަށް ޖައްސާލުމަށްފަހު އެވެ. ފަސޭހަކަމާއެކު ފަަޒީލް އެއްވަނަ ހޯދިނަމަވެސް ދެ ވަނަ ހޯދި މޯޑާއި ތިން ވަނަ ހޯދި ޝިފާޒު ވަނީ ރޭހުގެ ދެވަނަ އަށް ވަރަށް ވާދަވެރިކޮށް ދުވެފަ އެެވެ.

މޯޑް ދެ ވަނަ ހޯދީ 35 މިނެޓު 12.6 ސިކުންތުން ދުވެގެންނެވެ. ޝިފާޒު ރޭސް ނިންމާފައިވަނީ 35 މިނެޓު 12.7 ސިކުންތެވެ. އިލެކްޓްރޯނިކް ޓައިމިން ޗިޕުން ޓައިމިން ދިނުމާ ހަމަޔަށް ވެސް ދެ ދުވުންތެރިންގެ ތެރެއިން ކުރިން ނިންމީ ކާކުކަން ކަށަވަރެއް ނުވިއިރު ދެ ދުވުންތެރިންގެ ފަރަގަކީ ސިކުންތެއްގެ ބައިކުޅަ ބައިގެ ފަރަގެކެވެ.

ދިރާގު ރޯޑް ރޭސް - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

ދިރާގު ރޯޑް ރޭހުގެ މިދިޔަ އަހަރުގެ ދުވުމުގެ 10 ކިލޯމީޓަރުންވެސް އެއްވަނަ ހޯދީ ފަޒީލް އެވެ. މިއަދުގެ ކާމިޔާބީއަށްފަހު މިއަދު ހަވީރު ފަޒީލް ނުކުންނާނީ ފަސް ކިލޯމީޓަރު ދުވުން ކާމިޔާބުކުރާށެވެ. އޭނާ ވަނީ އެ ދެ އިވެންޓުގެ ޓްރެކް ރޭސް ކަމަށްވާ 1000 މީޓަރާއި 5000 މީޓަރުގެ ގައުމީ ޗެމްޕިއަންކަން މީގެ ދެ ހަފުތާ ކުރިން ހޯދައިފަ އެވެ.

ދިރާގު ރޯޑް ރޭސް - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

މާބޮޑު ވާދަވެރިކަމެއް ނެތުމުގެ އިތުރުން ފަޒީލު މިއަދުގެ ރޭސް ނިންމާފައިވަނީ އޭނާގެ އެންމެ ބާރު ދުވެލީގައިގަ އެއް ނޫނެވެ. އެކަމުގެ ސަބަބުތަކުގެ ތެރޭގައި މިއަދު ހަވީރު ފަސް ކިލޯމީޓަރުގެ ރޭސް އޮތުމާއި އަދި ކުރިއަށް މުބާރާތްތަކެއް ހުރުމާ އެކުއެވެ. އެގޮތުން ދިރާގު ރޯޑް ރޭހަށްފަހު އޭނާ އަށް ދެން އޮންނާނީ އަންނަ މަހު އޮންނަ ނެޝަނަލް ގްރޯން ޕްރީ އެވެ.

މިދިޔަ ޖުލައި މަހު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބައިވެރިވެ ލިބުނު އަނިޔާއަކަށް ފަރުވާ ހޯދިތާ މާގިނަ ދުވަހެއް ނުވަނީސް ފަޒީލް ވަނީ ގައުމީ މުބާރާތުގައި ދުވެ ރަން ވަނަ ތަކެއް ހާސިލްކޮށްފަ އެވެ. އެގޮތުން އޭނާ ވަނީ ގައުމީ މުބާރާތުގެ 5000 މީޓަރާއި 10000 މީޓަރާއި 1500 މީޓަރު ދުވުން ކާމިޔާބުކޮށްފަ އެވެ.

ދިރާގު ރޯޑް ރޭސް - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

ހުޅުމާލޭގައި މިއަދު 617 ދުވުންތެރިން ވާދަކުރި ރޭހުގެ 10 ކިލޯމީޓަރުގެ އަންހެން ބައިން އެއް ވަނަ ހޯދީ 43:52 މިނެޓުން ދުވި ޒުވާން ދުވުންތެރިޔާ އައިމިނަތު ޖާއިޝާ ޖުނީޒެވެ. މިދިޔަ އަހަރުގެ މި ކެޓެގަރީން އެއްވަނަ ހޯދި މަރްޔަމް އަބްދުލްކަރީމް (މަރީ) މިފަަހަރު ދެވަނަ އަށް ދިޔައިރު އޭނާ ރޭސް ނިންމާފައިވަނީ 44:03 މިނެޓުންނެވެ. މިއަދުގެ ރޭހުގެ ތިން ވަނަ އަކީ 47:01 މިނެޓުން ދުވި ސްރީ ލަންކާގެ ޕެޓްރީޝިއާ ޑޮރީން ގޯމޭޒެވެ.

ރޭހުގެ އަންހެނުންގެ 10 ކިލޯމީޓަރު އެއް ވަނަ ހޯދި ޖާއިޝާ އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ އުއްމީދީ އަންހެން މިޑްލް ޑިސްޓެންސް ދުވުންތެރިޔާ އެވެ. މިދިޔަ ހަތަރު ވަރަކަށް އަހަރު ރާއްޖޭގެ މިޑްލް އަދި ލޯންގް ޑިސްޓެންސް ދުވުންތަކުގައި ފިޔަޖަހަމުން އައި މަރީގެ މައްޗަށް ޖާއިޝާ ވަނީ ނިމިގެން ދިޔަ ގައުމީ މުބާރާތުގެ 1500 މީޓަރު ރޭހުން ވެސް ކުރި ހޯދައިފަ އެވެ.

ދިރާގު ރޯޑް ރޭސް - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

މިއަދު ހަވީރު އޮންނަ ފަސް ކިލޯމީޓަރު ރޭހުގެ އެއް ވަނަ އަށް ވެސް ވާދަކުރާނީ އެ ދެ ދުވުންތެރިންނެވެ. މިދިޔަ އަހަރު އެ ރޭސް ޖާއިޝާ ކާމިޔާބުކުރިއިރު މަރީ އަކީ ގައުމީ މުބާރާތުގެ 5000 މީޓަރު ދުވުމުގެ އެންމެ ފަހުގެ އެއް ވަނަ އެވެ. މިދިޔަ އަަހަރުގެ ރޯޑް ރޭހުގައި އެއް ވަގުތެއްގައި ދެ ރޭސް އޮތުމުން މަރީ އިހުތިޔާރުކުރީ 10 ކިލޯމީޓަރުގެ ރޭހެވެ.