ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަން (ސާފް) ގެ ނަވާރަ އަހަރުން ދަށުގެ ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

މިއަދު ހަވީރު ރާއްޖޭގެ ޒުވާން ޓީމު އެއްވަރުވީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ނޭޕާލް އާއި ވާދަކޮށް 1-1ގެ ނަތީޖާއަކުންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ރާއްޖެ ޓީމުންނެވެ. އެ ލަނޑު ވިހި ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދިވެހި ޒުވާން ޓީމުގެ ކެޕްޓަން ހަސަން ނަޒީމު (ޗޯޓު) އެވެ. އޭނާ ވަނީ ދާދި ފަހުން ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރަށުން ބޭރުގައި ގުއާމްއާ ދެކޮޅަށް ކުޅުނު މެޗުގައި މޮޅަށް ކުޅެފަ އެވެ.

ރާއްޖެ މެޗުގެ ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑު ކުރީގައި އޮވެގެންނެވެ. ނަމަވެސް މެޗުގެ ފަހު ފަނަރަ މިނެޓު ތެރޭގައި ނޭޕާލުން ވަނީ ލަނޑެއް ޖަހައި މެޗުން ޕޮއިންޓެއް ކަށަވަރުކޮށްފަ އެެވެ.

ނޭޕާލް އަކީ އެންމެ ފަހުގެ ދެ މުބާރާތުގެ ވެސް ޗެމްޕިއަނުންނެވެ. 2015 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލުގައި އިންޑިއާގެ މައްޗަށް ޕެނަލްޓީގައި އެޓީމު ކުރިހޯދިއިރު އެންމެ ފަހުން ބޭއްވި މުބާރާތް ނޭޕާލުން އުފުލާލީ ފައިނަލުގައި ބަންގަލަދޭޝްގެ މައްޗަށް 2-0ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ

މިފަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނެނީ މުބާރާތް ބާއްވާ ގައުމު ނޭޕާލް އާއި ބޫޓާން ހިމެނޭ ގްރޫޕް އޭގަ އެވެ. ގްރޫޕް ބީގައި ހިމެނެނީ ބަންގްލަދޭޝް، އިންޑިއާ އަދި ސްރީލަންކާ އެވެ. ކޮންމެ ގްރޫޕަކުންވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެޓީމު ސެމީ އަށްދާއިރު ސެމީގެ މެޗުތައް ކުޅުމަށް ހަަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހު އެވެ.

18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް މި މަހުގެ 20 އިން 29 އަށް ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ކުރިއަށްދާއިރު މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެ ޓީމުން ވަނީ ގަތަރުގައި އެއް ހަފްތާގެ މުއްދަތަކަށް ކޭމްޕުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާައަސްލަމް

    ވަރަށްބޮޑު ކުރިއެރުމެއް އުފާފާޅު ކުރަން 15 ދުވަސްވަންދެން ސަރުކާރު ބަންދު ކުރަން ވީ

    6
    2
  2. އަލީ

    ޔާހޫ ލައިކް ކުންގްފޫ