ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަން (ސާފް)ގެ އަށާރަ އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގައި އިއްޔެ ހަވީރު ކުޅުނު ގްރޫޕް އޭގެ ފުރަތަމަ މެޗުގައި ނޭޕާލް އާއި ވާދަކޮށް ބަލިނުވެ ފަރުޖައްސާލެވުމުން ހިތްހަމަޖެހޭ ކަމަށް ޒުވާން ޓީމުގެ ކޯޗު ޝާޒްލީ މުހައްމަދު (ޝާޒް) ބުނެފި އެވެ.

ސާފްގެ މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖޭގެ އަށާރަ އަަހަރުން ދަށުގެ ޓީމާއި ނޭޕާލްގެ އަށާރަ އަހަރުން ދަށުގެ ޓީމު ވާދަކުރި މެޗު ނިމުނީ 1-1ން ދެޓީމު އެއްވަރުވެގެންނެވެ. ކެޕްޓަން ހަސަން ނަޒީމް (ޗޯޓު)ގެ ލަނޑުން ރާއްޖެ ޓީމުން މެޗުގެ 13 ވަނަ މިނެޓުގައި ލީޑު ނެގިނަމަވެސް ދެވަނަ ހާފުގައި ނޭޕާލުން ވަނީ ލަނޑު ޖަހައި މެޗުން ބަލިނުވެ ފަރުޖައްސާފަ އެވެ. މެޗު ނިމެން ފަނަރަ ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މަނީޝް ޑަންގީ އެވެ.

އިއްޔެގެ މެޗައްފަހު މީޑިއާތަކާއި ވާހަކަދައްކަމުން ޝާޒު ބުނީ ނޭޕާލްގެ ޒުވާން ޓީމަކީ ކިހާ ފެންވަރެއްގެ ޓީމެއް ކަން އިނގޭ ކަމަށާއި މިއަދުގެ މެޗަށް ނުކުތީ އެވަރު ދަނެގެން ކަމަށެވެ. އަދި މެޗުގެ ކުރިން ރާއްޖެ ޓީމުގެ އަމާޒަކަށްވީ ބަލިނުވެ މެޗު ނިިންމާލުން ކަމަށާއި އެކަން ހާސިލްވުމުން ހިތްހަމަޖެހޭ ކަމަށެވެ.

''ނޭޕާލް އަކީ ވަރުގަދަ ޓީމެއް. އެމއަހަރެމެން ނުކުތީ އެޓީމަކީ ކިހާ ފެންވަރެއްގެ ޓީމެއް ކަން ދަނެގެެން. އަހަރެމެންގެ ޓާގެޓަކަށްވީ މެޗުން ބަލިނުވުން. އެކަން ހާސިލްވުމުން ހިތްހަމަޖެހޭ. ވަރަށް ތައްޔާރުވެގެން މެޗަށް އަހަރެމެން ނުކުތީ ވެސް. ހަގީގަތަށް ބުނާނަމަ މިއަދުގެ މެޗުގައި ނަސީބު ވެސް އަހަރެމެން ކޮޅުގައި އޮތީ. އެކަމަކު ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު. ހާއްސަގޮތެއްގައި ކީޕަރު ހަސަން އަލީފުގެ ކުޅުމަށް ތައުރީފް ހައްގު'' ޝާޒު ބުންޏެވެ.

ޝާޒު ބުނީ އިއްޔެގެ މެޗުގައި ދަނޑުގެ ވިނަގަނޑުގެ މައްސަލަ ކޮންމެވެސް ވަރަކަށް ދިމާވި ކަމަށާއި ރާއްޖެ ކުޅުންތެރިން ފަރިތައީ ޓާފުގައި ކުޅެން ކަމަށެވެ.

''އަހަރެމެން ކުޅެނީ ޓާފުގައި. މި މުބާރާތް ކުޅެނީ ވިނަ ދަނޑުގައި ކަން އެނގުނީމަ މި ޓީމު ގަތަރުގައި ފަރިތަކުރި ވިނަ ދަނޑުގައި. އެކަމަކު އެތަނާއި މިތަން ވަރަށް ތަފާތު. އަހަރެމެންގެ ޓެކްޓިކެއް ނުން ކުޅުންތެރިން އަބަދު ވެއްޓިގަނެގެން ކުޅުން އެއީ. ވިނަގަނޑުގެ ސަބަބުން ކުޅުންތެރިންނަށް އަސަރުކުރި،'' ޝާޒު ބުންޏެވެ.

ނޭޕާލް އަކީ މި މުބާރާތުގައި އެންމެ ކާމިޔާބު ޓީމެވެ. ފާއިތުވެދިޔަ ދެ މުބާރާތުގެ ވެސް ޗެމްޕިއަންކަން އެގައުމުން ހޯދިއިރު 2015 ވަނަ އަހަރުގެ ތަށި އުފުލާފައިވަނީ އަވައްޓެރި އިންޑިއާ ޕެނަލްޓީގައި ބަލިކޮށްފައެވެ. އަދި އެންމެ ފަހުން 2017 ވަނަ އަހަރު ބޭއްވި މުބާރާތް ނޭޕާލުން ކާމިޔާބުކުރީ ބަންގްލަދޭޝްގެ މައްޗަށް ކުރިހޯދައިގެންނެވެ.

ރާއްޖެއަށް ދެން އޮންނާނީ ގްރޫޕްގެ ފަހު މެޗުގައި ބޫޓާން އާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. އެ މެޗަށް ރާއްޖެ ނުކުންނާނީ އެއްދުވަހުގެ ރެސްޓަކަށް ފަހު އެވެ. ކޮންމެ ގްރޫޕަކުންވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެޓީމު ސެމީ އަށްދާއިރު ގްރޫޕް ބީގައި ހިމެނެނީ ލަންކާ އާއި އިންޑިއާގެ އިތުރުން ބަންގްލަދޭޝް އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާަޕޮގުބާު

    އީރާންނުން 13 ލަނޑު ޖެހީމަވެސް ހިތްހަމަޖެހެ ދެމެޗްން 16 ގޯލްވަނީމަވެސް ހިތްހަމަޖެހެ މަސްނުބޭނުނީމަ ކަނޑު ތިޔަނުބައި ޓާފް ދަނޑެއްނޫން ބިއްލޫރި ސީޓެއްމަތީކުޅުނަސް ވާނީ ބަލި

  2. ހިހި

    ކަލޭމެން ހިންހަމަ ޖެހޭނެ ދުވަހަކު މޮޅު ނުވިޔަސް. ބޭރު ގަުމަކަށް ގޮސް އެތާ ދަނޑު ފެނުނަސް ހިންހަމަ ޖެހޭނެ. އެކަން އެނގޭ އަހަރުނެނަށް. އެހެންވެ ދިވެހި ފުޓުބޯޅަ މިހާ ކުރީގަ މިއޮތީ