އަންނަ އަހަރު ބާއްވާ އޭއެފްސީ 16 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ކޮލިފައިންގައި ރާއްޖެ ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެއްޖެ އެވެ.

އީރާންގައި މިހާރު ކުރިއަށްދާ ކޮލިފިކޭޝަންގައި ރާއްޖެ އާއި އަފްޣާނިސްތާނު ބައްދަލު ކުރި މެޗުން ދިވެހި ޒުވާން ޓީމު ބަލިވެފައިވަނީ 3-0ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި އަފްޣާނިސްތާނުން ޖެހި ތިން ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގަ އެވެ. ރޭގެ މެޗުން ރާއްޖެ ބަލިވިކަމުގައިވިޔަސް ޒުވާން ޓީމުގެ ކުޅުންތެރިންގެ ފަރާތުން މި މެޗުގައި ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އެވެ. ހާއްސަގޮތެއްގައި ރާއްޖެ ޓީމުން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ތަނަވަސްކޮށް ޓީމެއްގެ ގޮތުގައި ވަރަށް ހިތްވަރާއެކު މަސަތްކަތްކޮށްފަ އެވެ.

ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ގެ އިރުޝާދުގެ ދަށުން ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި އޭޝިއާގެ ފުޓްބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި ބެލެވިފައިވާ އީރާން އަތުން 13-0 ގެ ބޮޑު ތަފާތަކުން ވަނީ ބަލިވެފަ އެވެ.

ރާއްޖެ ހިމެނޭ ގްރޫޕް ސީގެ ތާވަލު މިހާރު އޮތްގޮތުން އެއްވަނައިގައި އޮތީ އީރާން އެވެ. ހަ ޕޮއިންޓާއެކު އީރާން އެއްވަނައިގައި އޮތްއިރު ދެވަނައިގައި އޮތީ ހަތަރު ޕޮއިންޓާއެކު އަފްޣާނިސްތާނެވެ. ތިންވަނައިގައި އެއް ޕޮއިންޓް ހޯދައިގެން ފަލަސްތީން އޮތްއިރު ރާއްޖެ އޮތީ ގްރޫޕްގެ ފުލުގަ އެވެ. ކޮލިފައިންގައި ރާއްޖެ ޓީމު ކުޅޭ ފަހު މެޗުގައި މި މަހުގެ 22 ވަނަ ދުވަހު ނުކުންނާނީ ފަލަސްތީނާއި ދެކޮޅަށެވެ.

އޭޝިއާގެ ފުޓްބޯޅަ މައި އިދާރާ އޭއެފްސީން އިންތިޒާމްކޮށްގެން ބާއްވާ އޭއެފްސީ ޗެމްޕިއަންޝިޕަކީ ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ މުބާރާތެކެވެ. މުބާރާތުގެ ގަދަ ހަތަރު ޓީމަށް ޖެހިގެން އަންނަ ފީފާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ. މި މުބާރާތް އެންމެ ފަހުން ކާމިޔާބުކޮށްފައިވަނީ ޖަޕާނެވެ. ޖުމްލަ ތިން ތައްޓާއެކު ޖަޕާނަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުކަން ފާހަގަކޮށްލެވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޕޮގުބާ

    މޮޅު ކުޅުން ދައްކައިގެންނެއްނޫން 3 ޕޮއިންޓް ލިބެނީ ތިކަމުން ލިބޭނެ އެއްޗެއްނެތް ދެމެޗްން 16 ގޯލް ބައިކޮޅަށް ވަދެއްޖެ. ވަރަށް ބޮޑު ކުރިއެރުމެއް ދިވެހި ފުޓްބޯޅަ 1970 ވެއްޓިއްޖެ.

  2. ާައަސްލަމް

    ދެމެޗުން 16 ގޯލް ބައިކޮޅަށް ވަރަށްބޮޑު ކުރިއެރުމެއް ބޭނުމީ 3 ޕޮއިން މޮޅަށްކުޅުނީ ކޮންބައެއްތޯ މީހަކު ނުބަލާނެ