ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ލީޑަރޝިޕް ބަދަލުކުރަން މަސައްކަތްކުރެއްވި ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އެއްބަސްވެވަޑައިގެންފި އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމްގެ އިންތިހާބީ ލީޑަޝިޕް ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެ އިދާރާ އިން ސަރުކާރަށް އެންމެ ފުރަތަމަ އިނގިލި ދިއްކޮށްފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅު އެވެ.

އެފްއޭއެމްގެ ރަސްމީ ޓްވިޓާ އެކައުންޓް އިން ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ނެރުނު ޓްވީޓެއްގައި ބުނެފައިވަނީ އެ އިދާރާގެ އިންތިހާބީ ލީޑަޝިޕް ބަދަލުކުރުމަށް މިނިސްޓަރު މަހުލޫފް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި އެކަން ކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނަންފުޅު ބޭނުން ކުރައްވައިގެން ކުންފުނިތަކުން ކުލަބްތަކަށް ދޭ އެހީ ނުލިބޭނެ ކަމަށް ބުނެ ކުލަބްތަކާ ބައްދަލުކޮށްގެން ކަމަށް ބުނެ މަހުލޫފަށް ބޮޑެތި ތުހުމަތުތަކެއް ކުރި އެވެ.

އެފްއޭއެމްގެ ޓްވީޓަށްފަހު ދެން ފެނުނީ ރައްދުގައި މިނިސްޓަރު ޓްވީޓްކުރެއްވި ތަނެވެ. އެގޮތުން ދިވެހި ފުޓްބޯޅައަށް ގެއްލުންވާ އެތައް ކަމެއްކޮށް އަދި އެފްއޭއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ކަންކަން ކޮށްފައިވާތީ ކްލަބުތަކުން އެފްއޭއެމްގެ ނޯ ކޮންފިޑެންސް ސިޓީއެއް ލާން އުޅުނު ކަމަށް އެންމެ ފުރަތަމަ އިއުލާންވެގެން ދިޔައީ މަހުލޫފްގެ ޓްވިޓާއިންނެވެ.

ސަރުކާރުގެ ނުފޫޒް ރާއްޖޭގެ ފުޓްބޯޅައިގެ އިދާރާ އަށް ވަންނަ ކަމުގެ އަޑުގަދަވެގެން ގޮސް އެންމެ ފަހުން އެފްއޭއެމް އިން ބަޔާނެއް ނެރެ ސަރުކާރުގެ ނުފޫޒް އެ އިދާރާ އަށް ވަނުން ތަކުރާރުވާ ނަމަ އެ މައްސަލަ ފީފާގެ ކަމާ ބެހޭ ކޮމިޓީތަކަށް ހުށަހަޅާނެ ކަމަށް އެންގި އެވެ. އަދި އެހެންވެއްޖެ ނަމަ ރާއްޖެ ސަސްޕެންޑްކޮށްފާނެ ކަމުގެ އިންޒާރު ވެސް ފީފާ އިން ދީފައިވާ ކަމަށް އެފްއޭއެމުން ބުނެފައިވެ އެވެ.

"މި އިދާރާގެ މަސްލަހަތު ހިމެނޭ ކަންކަމުގެ ތެރެއަށް އިތުރު ފަރާތްތަކުން ވަނުމާއި ވަކިން ހާއްސަކޮށް އެފްއޭއެމް މެމްބަރު ކްލަބްތަކާއި އެފްއޭއެމް އާއި ފުޓްބޯޅަ މަސްލަހަތު ހިމެނޭ ފަރާތްތަކާ އެކު ދިވެހިރާއްޖޭގެ ކުޅިވަރު ވަޒީރު މުއާމަލާތު ކުރައްވަމުން ގެންދަވާ ގޮތާ ރިއާޔަތްކޮށް އެކަން ނުހުއްޓުވައިނަމަ ދިވެހިރާއްޖޭގެ މައްސަލަ ފީފާގެ ކަމާ ބެހޭ ކޮމިޓީތަކަށް ހުށަހަޅާނެ ކަމަށާއި މިކަމުގެ ސަބަބުން ދިވެހިރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ ބިރުވެރި އިންޒާރު ފީފާއިން ދީފައިވާކަން ނުހަނު ކަންބޮޑުވުމާ އެކު ފާހަގަކުރަމެވެ." އެފްއޭއެމުން މިދިޔަ ފެބްރުއަރީ މަހު ނެރުނު ބަޔާނުގައިވެ އެވެ.

އެފްއޭއެމް އިން އޭރު ކުރި އެ ތުހުމަތަށް މިނިސްޓަރު މަހުލޫފު އެއްބަސްވެވަޑައިގަތީ އިއްޔެ ކުރި ޓްވީޓެއްގަ އެވެ.

"އެފްއޭއެމްގެ ލީޑަރޝިޕް ބަދަލުކުރަން އަޅުގަނޑު ކުރި މަސައްކަތް ބައެއް ކްލަބްތަކާ ހެދި ކާމިޔާބެއް ނުވި. އެކަމާ ރުޅިހަދާފަ ހުރުމުގެ ބޭނުމެއް ނެތް. އަޅުގަނޑުގެ ހަމައެކަނި ބޭނުމަކީ އެފްއޭއެމްއާ ގުޅިގެން، ހީނަރުވަމުންދާ ފުޓްބޯޅައިގެ އަދި ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ގެންނަން މަސައްކަތްކުރުން،" މަހުލޫފު ކުރި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.

އެފްއޭއެމް އާއި ސަރުކާރާއި ދެމެދު އެތައް ދުވަހެއްވަންދެން އޮތް ކޯޅުންގަނޑަށްފަހު މަހުލޫފަށް ކުރެވުނު ތުހުމަތުތަކަށް މިނިސްޓަރު އިއްޔެ އެއްބަސްވެވަޑައިގަތުމުން ސަރުކާރުގެ ނުފޫޒް ދިވެހި ފުޓްބޯޅަ އިދާރާއަށް ވަން ކަމަށް މައްސަލަ އުފައްދައި އެފްއޭއެމް އިން ފީފާ އަށް އެކަން ހުށަހަޅާފާނެތޯ މިއީ މިހާރު އުފެދިފައިވާ ސުވާލެކެވެ.

ފުޓްބޯޅަ އިދާރާގެ ކަންތައްތަކަށް ތިންވަނަ ފަރާތަކުން ވަންނަ ނަމަ، ރާއްޖޭގެ ފުޓުބޯޅައަށް ހީނުކުރާހާވަރުގެ ސަސްޕެންޝަނެއް އައިސްދާނެ ކަމަށް ފީފާ އިން ކުރިންވެސް އިންޒާރު ދީފައިވާ އިރު މިނިސްޓަރުގެ މައްސަލަ އެފްއޭއެމް އިން ފީފާ އަށް ހުށަހަޅައިފިނަމަ ރާއްޖެ އަށް ބޮޑު އަދަބެއް އަންނާނެ އެވެ. އާއްމު އުސޫލެއްގެ ގޮތުން ވެސް، ފުޓްބޯޅަ އެސޯސިއޭޝަނެއްގެ މައްޗަށް ސަރުކާރަކަށް އެއްވެސް ނުފޫޒެއް ނުފޯރުވޭ އިރު އެފަދަ ކަމެއް ފެންމަތިވެއްޖެ ނަމަ އެ ގައުމެއް ސަސްޕެންޑްކުރާނެ އެވެ.

އެކަމަކު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި މިނިސްޓަރު މަހުލޫފުގެ ގުޅުން މިވަގުތު އޮތް ހާލަތަށް ބަލާއިރު އެ މައްސަލަ ހުށަހަޅާނެ ކަމަކަށް ނުބެލެވެ އެވެ. ލީޑަޝިޕް ބަދަލުކުރަން މަސައްކަތްކުރެއްވި ކަމަށް މަހުލޫފު އެއްބަސްވެޑައިގަތީ ވެސް އެފްއޭއެމުން އެކުލަވާލި ގައުމީ ޓީމުގެ ކޮމިޓީއަކަށް އޭނާ އައްޔަންކުރެއްވުމުން އެކަމަށް ކުރިމަތިވި ފާޑުކިޔުންތަކަށް ދިން ރައްދެއްގެ ގޮތުގައި ކަން ފާހަގަވެގެންދެ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ކަންތައްތަކުގައި އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީ އަށް ލަފާދިނުމަށް އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް އިސްވެ ހުންނަވައި މަހުލޫފު ހިމެނިވަޑައިގަންނަވާ ގޮތަށް ފަސް މެމްބަރުންގެ ކޮމިޓީއެއް އެފްއޭއެމް އިން އެކުލަވާލާފައިވަނީ އިހަކަށް ދުވަހު އެވެ.