ޔޫރޮޕާ ލީގުގެ ސެމީފައިނަލާއި ގާތަށް އާސެނަލް އާއި އެތްލެޓިކޯ މެޑްރިޑް ޖެހިލައިފިއެވެ.

މުބާރާތުގެ ސެމީއާ ގާތަށް އާސެނަލް ޖެހިލީ ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ރަޝިޔާގެ ސީއެސްކޭއޭ މޮސްކޯއާ ބައްދަލުކުރި މެޗު 1-4 އިން ކާމިޔާބުކޮށްގެންނެވެ.

އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް މި މެޗުގައި ފެނިގެންދިޔައިރު ބެލެރިން ދިން ޕާހަކުން މެޗުގެ ނުވަ ވަނަ މިނެޓްގައި އާރޮން ރަމްސީ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. މި ގޯލަށްފަހު ވެސް އާސެނަލް އިން ރަނގަޅަށް ކުޅެމުން ދަނިކޮށް މެޗުގެ 15 ވަނަ މިނެޓްގައި ސީއެސްކޭއޭ އިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ސީއެސްކޭއޭ އަށް ލިބުނު ހިލޭޖެހުމަކުން މި ގޯލު ކާމިޔާބުކޮށްދިނީ ގޮލޮވިންއެވެ.

ނަމަވެސް އާސެނަލް އަށް ލިބުނު ޕެނަލްޓީ އަކުން މެޗުގެ 23 ވަނަ މިނެޓްގައި ލަކަޒެޓް ވަނީ އެޓީމަށް ދެވަނަ ފަހަރަށް ލީޑު ނަގާދީފައެވެ. އަދި އޭގެ ފަސް މިނެޓްފަހުން އާސެނަލްގެ ތިންވަނަ ގޯލު ރަމްސީ ކާމިޔާބުކޮށްދިން އިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން ލަކަޒެޓް ވަނީ އާސެނަލްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

މެޗުގެ ދެވަނަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މި ހާފުގައި ވެސް އާސެނަލް އިން ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

އާސެނަލް އާއި ސީއެސްކޭއޭ ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރެއެވެ.

އެތްލެޓިކޯ މެޑްރިޑް މުބާރާތުގެ ސެމީއާ ގާތަށް ޖެހިލީ ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ޕޯޗުގަލްގެ ސްޕޯޓިން ލިސްބަންގެ މައްޗަށް 0-2 އިން ކުރި ހޯދައިގެންނެވެ. އެތްލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗުގެ 23 ވަނަ ސިކުންތުގެ ތެރޭގައި ކޮކޭ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. ކޮކޭގެ މި ގޯލަކީ ޔޫރޮޕާ ލީގުގައި މިހާތަނަށް ކާމިޔާބުކުރި އެންމެ އަވަސް ގޯލެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން އެތްލެޓިކޯގެ ދެވަނަ ގޯލު ގްރިޒްމަން ކާމިޔާބުކޮށްދިންއިރު ދެވަނަ ހާފްގައި ޑިއޭގޯ ކޮސްޓާ އަށް ވަނީ އެތްލެޓިކޯގެ ލީޑު ފުޅާކޮށްލަން ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

ޔޫރޮޕާ ލީގު މީގެކުރިން ދެ ފަހަރެއްގެ މަތިން (2010 އަދި 2012 ވަނަ އަހަރު) އެތްލެޓިކޯ އިން ކާމިޔާބުކޮށްފައިވާއިރު އެޓީމަކީ މިފަހަރުގެ މުބާރާތުގެ ފެވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމެކެވެ.

ޔޫރޮޕާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ރެޑްބުލް ލީޕްޒިގް އިން ވަނީ 0-1 އިން މާސޭގެ މައްޗަށް ކުރި ހޯދާފައެވެ. އަދި ރެޑްބުލް ސަލްޒްބާގްގެ މައްޗަށް ލާޒިޔޯ އިން ވަނީ 2-4 އިން ކުރި ހޯދާފައެވެ.