އިޓާލިއަން ސެރިއާ އޭގައި ރޭ ޗެމްޕިއަން ޔުވެންޓަސް އާއި ވެރޯނާ ބައްދަލުކުރި މެޗު ޔުވެންޓަސް ކާމިޔާބުކޮށްފި އެވެ.

އިޓަލީ ލީގުގައި ރޭ ވެރޯނާ އާއި ދެކޮޅަށް ކުޅުނު މެޗުން ޔުވެންޓަސް މޮޅުވެފައިވަނީ ފަހަތުން އަރައި 2-1ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ވެރޯނާ އަށް ލީޑު ނަގައިދިނީ ފުރަތަމަ ހާފުގެ ވިހި ވަނަ މިނެޓުގައި ޕޯޗުގަލްގެ ތަޖުރިބާކާރު މިޑްފީލްޑަރު މިގުއެލް ވެލޯސޯ އެވެ.

އުމުރުން މިހާރު 33 އަަހަރުގެ ވެލޯސޯގެ ލަނޑުން ވެރޯނާ އިން ކުރިހޯދި ނަމަވެސް އެޓީމަށް އެ ލީޑުގައި ހިފަހައްޓާލެވުނީ ދިހަ ވަރަކަށް މިނެޓު ވަންދެންނެވެ. ވެރޯނާގެ ލަނޑާއެކު ޔުވެންޓަސް އިން ގޭމްގެ ޓެމްޕޯ އަވަސްކޮށް ގިނަ ހަމަލާތަކެއް އުފައްދަން މަސަތްކަތް ކުރި އެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން 31 ވަނަ މިނެޓުގައި އިދިކޮޅު ޓީމުގެ ގޯލު އޭރިއާ ބޭރުން އެއަރޮން ރަމްސީ ފޮނުވާލި ބާރު ބޯޅަ ގޯލު ތެރެއަށް ވަދެ ޔުވެންޓަސް އިން މެޗު ކާމިޔާބު ކުރުމުގެ އުއްމީދު އާކުރި އެވެ. ރޭގެ މެޗަކީ ނިމިގެންދިޔަ ޓްރާންސްފާ ބާޒާރުގައި އިޓަލީ އަށް ބަދަލުވުމަށްފަހު ފުރަތަމަ އެގާރައިގައި ހިމެނިގެން ޔުވެންޓަސްގެ ޖާޒީގައި ރަމްސީ ފެނިގެންދިޔަ ފުރަތަމަ މެޗުކަން ފާހަގަކޮށްލެވެ އެވެ.

ރާމްސީގެ ލަނޑަށްފަހު ވެސް ޔުވެންޓަސް އިން އިތުރު ލަނޑެއް ޖެހުމަށް މަސަތްކަތް ކުރި އެވެ. އެގޮތުން ފުރަތަމަ ހާފުގެ ފަހު ދިހަ ވަރަކަށް މިނެޓުގައި ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލަނޑު ޖަހަން ދެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ. ނަމަވެސް 34 އަހަރުގެ ރޮނާލްޑޯ ވަނީ އޭނާ ބޭކާރު ކުރި ފުރުސަތުތަކުގެ ބަދަލުގައި ދެވަނަ ހާފުގެ ކުރީކޮޅު ޔުވެންޓަސް އަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް އެޓީމަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ހޯދައިދީފަ އެވެ. މި ލަނޑަކީ ރޮނާލްޑޯ މި ސީޒަންގެ ލީގުގައި ކާމިޔާބުކުރި ދެވަނަ ލަނޑެވެ.

ރޮނާލްޑޯގެ ލަނޑުން ޔުވެންޓަސް އިން ލީޑު ނެގުމާއި ހަމައަށް މެޗު ޑޮމިނޭޓްކޮށްގެން ކުޅުނީ އެޓީމުންނެވެ. ނަމަވެސް އޭގެ ފަހުން މެޗުގެ ނިމުން ކައިރިވަމުންދިޔަ ވަރަކަށް ވެރޯނާ އިން މެޗުން ޕޮއިންޓެއް ހޯދުމުގެ އުއްމީދުގައި ޔުވެންޓަސްގެ ގޯލަށް ބާރު ބޮޑުކުރަން ފެށި އެވެ.

އެގޮތުން ވެރޯނާ ކުޅުންތެރިން އުފެއްދި ހަމަލާތައް ހުއްޓުވުމުގައި އަވަދިނެތި އުޅުނު ބުފޮން އަށް އެންމެ ނުރައްކާތެރި ބޯޅަތައް ކުރިމަތިވީ މެޗުގެ ފަހު ދިހަ މިނެޓު ތެރޭގަ އެވެ. ޔުވެންޓަސްގެ ޑިިފެންސް ލައިން އޮޅުން ބޮޅުންވި ގަޑީގައި މިޑްފީލްޑަރު މަޓިއާ ޒަކަގްނީ އާއި ފޯވަޑް ލަޒޮވިޗް އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާތައް ތަޖުރިބާކާރު ކީޕަރު ބުފޮން މަތަކުރީ ވަރަށް ހުޝިޔާރުކަމާއެކު އެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޔުވެންޓަސް ވަނީ ލީގު ތާވަލުގެ ދެވަނައިގައި ހަމަޖެހިލާފަ އެވެ. ޔުވެންޓަސް އަށްވުރެ ދެ ޕޮއިންޓް އިތުރަށް ލިބިގެން އެއްވަނައިގައި އަދިވެސް އިންޓަ މިލާން އޮތްއިރު އަންނަ އޮކްޓޫބަރު މަހުގެ ކުރީކޮޅު ލީގުގައި މިދެޓީމްގެ ކުރިމަތިލުމެއް އޮންނާނެ އެވެ.