ސްޕެއިންގެ ރެއާލް މެޑްރިޑްގައި އޭނާގެ މަގާމާމެދު ސުވާލު އުފައްދާނަމަ، އަމިއްލައަށް އިސްތިއުފާ ދޭނެ ކަމަށް އެ ކުލަބުގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ދުނިޔޭގެ އެންމެ ކާމިޔާބު ފުޓްބޯޅަ ކްލަބް ރެއާލް މެޑްރިޑަށް ވަނީ ފައިތުވެދިޔަ ދުވަސްތަކުގައި މީޑިއާގެ ޕްރެޝަރާއި ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ. އެގޮތުން ޗެމްޕިއަންސް ލީގްގެ އާ ސީޒަންގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މިދިޔަ ހަފުތާގައި ޕީއެސްޖީ އާ ދެކޮޅަށް ކުޅުނު މެޗުން 3-0 ން ރެއާލް ބަލިވުމުން އެ ޓީމުގެ ފެންވަރާ މެދު ސުވާލު އުފައްދައި ސްޕެއިންގެ މީޑިއާތަކުން ވަނީ ޒިދާންގެ މަގާމާމެދު ސުވާލު އުފެދިފައިވާ ކަމަށް ބުނެ ޒިދާންގެ ބަދަލުގައި ރެއާލްއަށް ކޯޗު ކަމަށް ގެންނަން ޝޯޓްލިސްޓް ކުރި ކޯޗުންގެ ނަންތަކެއް ވެސް އާންމު ކޮށްފަ އެވެ.

ޒިދާން އަށް އަމާޒުވަމުންދާ ފާޑުކިއުންތަކަށް ރައްދު ދެމުން އޭނާ ބުނީ މިދިޔަ ބުދަ ދުވަހުގެ ރޭ ބޮޑު ތަފާތަކުން ޕީއެސްޖީ އަތުން މެޑްރިޑް ބަލިވި ނަމަވެސް އެއީ އަދި ހާސްވާން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށާއި ފުޓުބޯޅައިގައި ބަލިވުން އެއީ އޮންނަ ކަމެއް ކަމަށެވެ. ޒިދާން ބުނީ ރެއާލްގެ އެއްވެސް މީހަކު އޭނާގެ މަގާމާމެދު ސުވާލު އުފެދިގެން ނޫޅޭ ކަމަށާއި މަގާމާމެދު ސުވާލު އުފައްދާނަމަ އޭނާ އަމިއްލައަށް ޓީމުން ވަކި ވާނެ ކަމަށެވެ.

"އަހަރެންގެ މަގާމާއި މެދު ކްލަބުގެ އެއްވެސް ފަރާތަކުން ސުވާލު އުފައްދައިގެން އުޅޭތަނެއް ނުފެނޭ. އެކަހަލަ ހާލަތަކަށް ގޮސްފިނަމަ އަހަރެން އަމިއްލަ އަށް ދޭނަން. ޕީއެސްޖީ މެޗުން ބަލިވި ކަމުގައިވިޔަސް އަދި ނުވޭ ހާސްވާންޖެހޭ ވަރުގެ ކަމެއް. ކޮންމެ ކްލަބަކަށްވެސް އަންނާނެ ނަތީޖާ ދަށް ދުވަސްތަކާއި ރަނގަޅު ދުވަސްތައް. ދަށްކޮށް ދާ ދުވަސްކޮޅު ހިތްވަރާއެކު މަސަތްކަތްކޮށް އެ އަނދަވަޅުން އަރައިގަންނަން ވީ އެންމެން އެކީގައި. މީގެ ކުރިންވެސް އަހަރެން އެބަހުރި ކްލަބުގެ ހާލަތު ބަދަލު ކޮށްފައި، " ޒިދާން ބުންޏެވެ.

ރެއާލް މެޑްރިޑަކީ ޔޫރަޕްގެ އެންމެ ކާމިޔާބު ކްލަބެވެ. ވިލާތުގެ އެންމެ ބޮޑު އަދި އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ރެކޯޑު 13 ފަހަރަށް ކާމިޔާބުކޮށްފައިވާ އެ ޓީމުން ވަނީ ވޭތުވެ ދިޔަ ހަ އަހަރުގެ ތެރޭގައި ހަތަރު ފަހަރަށް އެ މުބާރާތް ކާމިޔާބު ކޮށްފައެވެ. އޭގެން ތިން ފަހަރު އެ މުބާރާތް ކާމިޔާބުކުރި އިރު ކޯޗަކަށް ހުރި ޒިދާން އަކީ ޖެހިޖެހިގެން ތިން ތަށި އުފުލުމާލުމުގެ ޝަރަފް އޮތް ހަމައެކަނި ކޯޗު އެވެ.

މިރޭ ރެއާލް ނުކުންނާނީ އެ ޓީމުގެ ކުރީގެ ކޯޗް ހުލެން ލޮޕެޓެގީ މިހާރު ކޯޗް ކޮށްދެމުން ގެންދާ ކުލަބު ސެވިއްޔާ އާ ދެކޮޅަށެވެ. ލަލީގާ ތާވަލުގެ ދެވަނައިގައި ދިހަ ޕޮއިންޓާއެކު އޮތް ސެވިއްޔާ އާއި ދެކޮޅަށް މިރޭ ނުކުންނަ މެޗަކި ރެއާލް އަށް ވަރަށް މުހިއްމު މެޗެކެވެ. ސަބަބަކީ ރޭ ގްރަނާޑާ އަތުން ވާދަވެރި ބާސެލޯނާ ބަލިވެފައި ވުުމުން މިރޭ ސެވިއްޔާ އަތުން މޮޅެއް ލިބިއްޖެނަމަ ރެއާލް އާއި ބާސާގެ ދެމެދުގައި އޮތް ފަރަގު ހަތަރު ޕޮއިންޓަށް ބޮޑު ވެގެންދާނެ އެވެ. މިވަގުތު ތާވަލުގެ ފަސް ވަނައިގައި އަށް ޕޮއިންޓާއެކު ރެއާލް އޮތްއިރު ބާސާ އޮތީ ހަތް ޕޮއިންޓް ލިބިގެން ނުވަ ވަނަ މަގާމުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޕޮގުބާ

    ބަލިވާނީ

    1
    1
  2. މުހަންމަދު

    ތިން ތަށި އުފުއްލާލި އިރު ޓީމުގަ ސުޕާ ސުޓާރެއް ހުޓޭ އޭނަ ޓީމް ވޯކު ދަމަހައްޓަން މަސައްކަތް ކުރި މިހާރު ޓީމް ހީވަނީ ރޫޅިފަ އޮތް ޓީމެއްހެން

    2
    2