މާލޭގައި މިހާރު ކުރިއަށްދާ ބައިނަލްއަގުވާމީ ބެޑްމިންޓަން މުބާރާތް ކަމަށްވާ ލިނިންގް މޯލްޑިވްސް އިންޓަނޭޝަނަލް ފިއުޗަރ ސީރީސްގެ ފައިނަލް ތަކަށް ދަތުރުކުރި ކުޅުންތެރިން ކަށަވަރުވެއްޖެ އެވެ.

މުބާރާތުގެ ސެމީފައިނަލްގެ މެޗުތައް އިއްޔެ ނިމުނުއިރު، ފިރިހެން ސިންގަލްސް ކެޓެގަރީގެ ފައިނަލުން ޖާގަ ހޯދީ އިންޑިއާގެ ކެވިން އަރޯކިއާ ވޮލްޓަރ އާއި ތައިލޭންޑްގެ ކަންޓަވަޓް ލީލަވެޗަބުތްރުއެވެ. އިންޑިއާގެ ވޮލްޓަރ ފައިނަލުން ޖާގަހޯދީ ސެމީގައި އެގައުމުގެ ޝްރެޔަންސް ޖައިސްވަލްސް އާއި ވާދަކޮށް ސީދާ ދެގޭމުން މެޗް ކާމިޔާބުކޮށްގެންނެވެ. ތައިލޭންޑްގެ ލީލަވެޗަބުތްރު ފައިނަލުން ޖާގަހޯދީ ސެމީގައި ސްރީލަންކާގެ ރަންތުޝްކާ ސުސިންދު އާއި ވާދަކޮށް ދެ ގޭމުން މެޗް ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގެ އަންހެން ސިންގަލްސްގެ ފައިނަލުގައި ބައްދަލުކުރާނީ މިޔަންމާގެ ތެޓް ތަރް ތުޒާރް އާއި އިންޑިއާގެ މަލްވީކާ ބަންސޯދްއެވެ. ތުޒާރް ފައިނަލުން ޖާގަ ހޯދީ ސެމީގައި އިންޑިއާގެ ސުރުތީ މުންޑަޑާ އާއި ވާދަކޮށް ދެގޭމުން މެޗް ކާމިޔާބުކޮށްގެންނެވެ. އިންޑިއާގެ މަލްވީކާ ބަންސޯދް ފައިނަލުން ޖާގަ ހޯދީ ސެމީގައި ތައިލޭންޑްގެ ސުޕަޕިޗް ސިލްޕްރަކޯބްގެ މައްޗަށް ސީދާ ދެގޭމުން ކުރިހޯދައިގެންނެވެ.

މުބާރާތުގެ ފިރިހެން ޑަބަލްސްގެ ފައިނަލުން ޖާގަހޯދީ ތައިލޭންޑްގެ ޕައްކަޕޯމް އާއި ޕަނިޗްޕޯމްގެ ޕެއާ އާއި، އިންޑިއާގެ ވެއިބާވް އާއި ޕްރަކާޝް ރާގެ ޕެއާއެވެ. މީގެތެރެއިން ތައިލޭންޑްގެ ޕައްކަޕޯމް އާއި ޕަނިޗްޕޯމްގެ ޕެއާއިން ފައިނަލުގެ ޖާގައެއް ހޯދީ ސެމީގައި އެއްވަނަ ސީޑް އުޒުބަކިސްތާނުގެ ބަޚްޝުލައޭވް އާއި ސަވަތްޔޫގިންގެ ޕެއާ ސީދާ ދެގޭމުން ބަލިކޮށްގެންނެވެ. ފިރިހެން ޑަބަލްސްގެ ފައިނަލަށް ދެން ދަތުރު ކުރި އިންޑިއާގެ ވެއިބާވް އާއި ޕްރަކާޝްގެ ޕެއާ ސެމީގައި މެލޭޝިއާގެ ރޫބެންރާޖް އާއި ޝްޔަޒްމިލްގެ ޕެއާ ބަލިކޮށްފައިވަނީ ވެސް ދެ ގޭމުންނެވެ.

މުބާރާތުގެ އަންހެން ޑަބަލްސްއިން ފައިނަލުގައި ވާދަކުރާނީ ސްރީލަންކާގެ ތިލިނީ އާއި ކަވީދީގެ ޕެއާ އާއި ޗައިނީސް ތައިޕޭއީގެ ކުއޮ ޔޫ ވެން އާއި ލިން ވަން ޗިންގް ގެ ޕެއާއެވެ. ސެމީގައި ލަންކާގެ ކަވިދީ އާއި ތިލިނީގެ ޕެއަރ ޖާގަ ހޯދީ މެލޭޝިއާގެ ލިމް ޕޭ ޒީމްއާއި ލިމް ވެލްނިސްގެ ޕެއަރ ބަލިކޮށްގެންނެވެ. ޗައިނީސް ޓައިޕެއީގެ ކުއޮ ޔޫ ވެން އާއި ލިން ވަން ޗިންގްގެ ޕެއާ ފައިނަލުން ޖާގަ ހޯދީ އިންޑިއާގެ އަގްނާ އަންތޯ އާއި އަޝްނާ ރޯއީގެ ޕެއާރއާއި ވާދަކޮށް ކުރި ހޯދައިގެންނެވެ.

މުބާރާތުގެ މިކްސް ޑަބަލްސްގެ ފައިނަލުން ޖާގަ ހޯދީ ޗައިނީސް ތައިޕޭއީގެ ލޫ ޗިއަ ޕިން އާއި ލިން ވަން ޗިންގެ ގެ ޕެއާ އަދި ތައިލޭންޑްގެ ރޫބެންރާޖް އާއި ވެނޯޝާގެ ޕެއާއެވެ. މިބައިގެ ފައިނަލުން މެލޭޝިއާގެ ރޫބެންރާޖް އާއި ރާދަކްރިޝްނާންގެ ޕެއާއިން ޖާގަހޯދީ ތައިލޭންޑްގެ ލީލަވެޗަބުތްރު އާއި ސިލްޕްރާކްރޯބް ގެ މައްޗަށް ސީދާ ގެދޭމުން ކުރިހޯދައިގެންނެވެ. ޗައިނީސް ތައިޕޭއީގެ ލޫ ޗިއަ ޕިން އާއ ލިން ވަން ޗިންގް ގެ ޕެއާއިން ފައިނަލުން ޖާގަ ހޯދީ މެލޭޝިއާގެ ވީ ޕެންގް ސިމް އާއި ޝުއާން ލިމްގެ ޕެއާ ދެގޭމުން ބަލިކޮށްގެންނެވެ.

ހަ އަހަރަށްފަހު ރާއްޖޭގައި ފެށި ފުރަތަމަ ބައިނަލްއަގުވާމީ ބެޑްމިންޓަން މުބާރާތުގައި 15 ގައުމަކުން 108 ކުޅުންތެރިން ވާދަކުރިއިރު މި މުބާރާތުގައި ރާއްޖެ އިން ބައިވެރިވި ގިނަ ކުޅުންތެރިން ކަޓައިފައިވަނީ ދެ ވަނަ ބުރުންނެވެ. މި މުބާރާތުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.

ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ފިއުޗާ ސީރީސްގެ އިތުރުން ބެޑްމިންޓަން އެސޯސިއޭޝަނުން އަންނަނީ މި މަހު 24 އިން 29 އަށް ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖްގެ ނަމުގައި މުބާރާތެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. މި މުބާރާތުގައި 45 ގައުމަކުން 268 ކުޅުންތެރިން ވާދަކުރާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.