ގައުމީ ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ 46 ވަނަ ގައުމީ ބެޑުމިންޓާން މުބާރާތް އޮކްޓޫބަރު 21 އިން 30 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަކިވަކި ކުޅުންތެރިންނަށާއި ކުލަބު ޖަމިއްޔާތަކުގެ އިތުރުން ބެޑުމިންޓަން ޑިވެލޮޕްމެންޓް ކޮމިޓީތަކަށް ވަނީ ހުޅުވާލާފައެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މުބާރާތާއިބެހޭ އެންމެހާ ކަންކަމުގައި މުއާމަލާތް ކުރާނެ ފަރާތެއް ކަންޑައަޅާ، އެފަރާތެއްގެ ނަން، އަދި ގުޅޭނެ ނަންބަރު އެގޭނެގޮތަށް 10 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެންޓްރީ ފޯރމާއެކު ބެޑްމިންޓަން އެސޯސިއޭޝަންއަށް ލިޔުމުން ހުށައެޅުމަށް ބީއޭއެމް އިން ކުރި އިއުލާނުގައި ބުނެފައިވެ އެވެ.

އެންމެ ފަހުގެ ގައުމީ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ކުރިއަރަމުން އަންނަ އުއްމީދީ ކުޅުންތެރިއާ އަހުމަދު ނިބާލް ބަލިކުރުމަށްފަހު މުހައްމަދު އަޖުފާން ރަޝީދު އެވެ. އަންހެން ޗެމްޕިއަންކަން ޒުވާން ކުޅުންތެރިއާ ފާތިމަތު ނަބާހާ އަބްދުލް ރައްޒާގް ހޯދީ އޭނާއާ ދެކޮޅަށް ފައިނަލްގައި ނުކުންނަން ހުރި، ޝަހުރުނާޒްގެ ފަޔަށް އަނިޔާވެ އޭނާ މެޗު ދޫކޮށްލުމުންނެވެ.

ރާއްޖޭގައި ހަލުވި ސްޕީޑެއްގައި ބެޑްމިންޓަން ކުރިއަރަމުން އަންނަ އިރު މިހާރުވެސް ބޭރު ގައުމުތަކުގެ ކުޅުންތެރިންނާއެކު ބޮޑު ބެޑްމިންޓަން މުބާރާތެއް މާލޭގައި ކުރިއަށް އެބަދެ އެވެ. އެގޮތުން ޔޫތު މިނިސްޓްރީގެ އެއްބާރުލުމާއެކު ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ ކުޅިވަރު އެކުވެނީގެ އިންޑޯ ކޯޓު މަރާމާތުކުރުމަށްފަހު "ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ފިއުޗާ ސީރީސް 2019" ގެ ނަމުގައި ބޭރުގެ 15 ގައުމަކުން ޖުމްލަ 128 އަށްވުރެ ގިނަ ކުޅުންތެރިންނާއެކު މުބާރާތެއް ފަށާފަ އެވެ. މި މުބާރާތުގެ ފައިނަލް މެޗުތަކަށް ދަތުރުކުރި ކުޅުންތެރިން މިހާރު ކަށަވަރުވެފައިވާއިރު ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.

ފިއުޗާ ސީރީސްގެ އިތުރުން ވެސް ބެޑްމިންޓަން އެސޯސިއޭޝަނުން އަންނަނީ ކުރިއަށްއޮތް ތިން ހަފްތާ ތެރޭގައި ބައިނަލްއަގުވާމީ ދެ މުބާރާތެއް ބޭއްވުމަށް ތައްޔާރު ވަމުންނެވެ. އެގޮތުން މި މަހު 24 އިން 29 އަށް ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖްގެ ނަމުގައި 45 ގައުމަކުން 268 ބައިވެރިންނާއެކު މުބާރާތެއް ބޭއްވުމަށް ނިންމާފައިވާއިރު އަންނަ މަހު ކުރީކޮޅު އައްޑޫ ސިޓީގައި ބާއްވަން ނިންމާފައިވަނީ ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތެވެ.