އިނގިރޭސި ލީގުގައި މެންޗެސްޓާ ޔުނައިޓެޑު އަތުން މޮޅުވެ ވެސްޓް ހާމް ޔުނައިޓެޑް ތާވަލުގެ ހަތަރުވަނަ އަށް ޖެހިލައިފި އެވެ.

ޕްރިމިއާ ލީގުގައި މިރޭ ވެސްޓް ހާމް ޔުނައިޓެޑާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު ވެސްޓް ހަމް އިން ކާމިޔާބުކޮށްފައިވަނީ 2-0ގެ ނަތީޖާއަކުންނެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ވެސްޓް ހާމް އިން ޖެހި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ޖަހައިފައިވަނީ ފުރަތަމަ ހާފުގެ ފަހު މިނެޓުގަ އެވެ. ހާފުގެ މެދުތެރެއިން އުފެއްދި ހަމަލާއެއްގައި ކެޕްޓަން މާކް ނޮބުލް ދިން ބޯޅައިގެ ފައިދާ ނަގައި ފެލީޕެ އެންޑަސަން ތަނަވަސްކޮށްދިން ފުރުސަތުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޔަރްމޮލެންކޯ އެވެ.

ފުރަތަމަ ހާފުގައި މެންޗެސްޓާ އަށް މާގިނަ ހަމަލާތަކެއް ވެސްޓް ހާމްގެ ގޯލަށް ފޮނުވާލެވިފައިނުވެ އެވެ. އެޓީމަށް ލިބުނުހާވެސް ފުރުސަތަކީ ކައުންޓާ އެޓޭކެއްގައި ވެސްޓް ހާމްގެ އޭރިއާ ތެރޭގައި ހުރި ރަޝްފޯޑް އަށް އަމާޒުކޮށް ޑިފެންޑަރު ވަން ބިސާކާ ނަގައިދިން ހުރަހެވެ. ވަން ބިސާކާގެ ހުރަސް ވެސްޓް ހާމްގެ އޭރިއާ ތެރެއަށް އައި ނަމަވެސް ހުހަށް ހުރި ރަޝްފޯޑްގެ ފަޔަށް ބޯޅަ އަރާގޮތެއް ނުވި އެވެ.

ދެވަނަ ހާފު މެންޗެސްޓާ ޔުނައިޓެޑުން ފެށީ ވަރުގަދަކޮށެވެ. އެގޮތުން 49 ވަނަ މިނެޓުގައި އެޓީމުން އުފެއްދި ހަމަލާއެއްގައި ހުއާން މާޓާ އަށް ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް މާޓާ އަށް ބޯޅަ ގޯލުގެ ތެރެއަށް ވައްދައެއް ނުލެވުނެވެ.

މާޓާ އަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުމުގެ ނަތީޖާއެއްގެ ގޮތުން ވެސްޓް ހާމް އިން ދެވަނަ ލަނޑު ޖަހައި ފަރަގު ބޮޑުކުރި އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު އެއަރޮން ކްރެސްވެލް އެވެ. ޔުނައިޓެޑުގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމުގައި ފުލްބެކް ކްރެސްވެލް ފޮނުވާލި ބޯޅަ ކީޕަރު ޑެހެއާ އަށް ސަލާމަތެއް ނުކުރެވުނެވެ.

ކްރެސްވެލް ލަނޑަށްވުރެ ކުރިން ޔުނައިޓެޑަށް މެޗު އެއްވަރު ކުރަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އެޓީމަށް ލިބުނު ކޯނަރެއްގައި ހެރީ މެގުއާ ބޮލުން ޖެހި ބޯޅަ، މިޑްފީލްޑަރު މެކްޓޮމިނޭ މަޑުމަޑުން ގޯލުގެ ތެރެއަށް ފޮނުވާލި ނަމަވެސް ކީޕަރު ފަބިއަންސްކީ ވަނީ ހުށިޔާރުކަމާއެކު އެ ބޯޅަ މަތަކޮށްފަ އެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ވެސްޓް ހާމް ވަނީ އެޓީމު މިހާތަނަށް ކުޅުނު ހަ މެޗުން ލިބުނު އެގާރަ ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ އަށް ޖެހިލާފަ އެވެ. ޔުނއިޓެޑު އޮތީ ހަ މެޗުން އަށް ޕޮއިންޓް ލިބިގެން ތާވަލުގެ ހަތްވަނަ މަގާމުގަ އެވެ. އަންނަ ބުދަ ދުވަހުގެ ރޭ ލީގް ކަޕްގައި ރޮކްޑޭލް އާއި ދެކޮޅަށް ނުކުންނަ މެޗަށްފަހު ޕްރިމިއާ ލިގުގައި ޔުނައިޓެޑަށް އޮންނާނީ އާސެނަލް އާއި ވާދަކުރާ މެޗެވެ.

ކިޔުންތެރިންގެ ހިޔާލު