އިނގިރޭސި ލީގުގައި ޗެލްސީ ބަލިކޮށް ލިވަޕޫލް އިން ތާވަލުގެ އެންމެ ކުރީގައި އަނެއްކާވެސް ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.

މިރޭ ލަންޑަންގެ ސްޓަމްފޯޑް ބްރިޖްގައި ކުޅުނު މެޗު ލިވަޕޫލް އިން ކާމިޔާބުކޮށްފައިވަނީ 2-1ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ލިވަޕޫލް ވަނީ މިސީޒަންގެ ލީގުގައި އެޓީމު މިހާތަނަށް ކުޅުނު ހަ މެޗުވެސް ކާމިޔާބުކޮށް ތާވަލުގެ އެއްވަނައިގައި އެޓީމުން ދަމަހައްޓަމުން އައި ފަސް ޕޮއިންޓްގެ ލީޑު އަނބުރާ ހޯދާފަ އެވެ.

ލިވަޕޫލް އާއި ވާދަވެރި މެންޗެސްޓާ ސިޓީ ވަނީ ރޭ ވެޓްފޯޑް އާއި ކުޅެ 8-0ގެ ބޮޑު ތަފާތަކުން މެޗު ކާމިޔާބުކޮށްފަ އެވެ. މިރޭގެ މެޗާއި ކުރިމަތިލި އިރު ސިޓީ އާއި ލިވަޕޫލް އާއި ދެމެދު އޮތީ އެންމެ ދެ ޕޮއިންޓްގެ ފަރަގެކެވެ. އެހެންކަމުން ޗެލްސީގެ މައްޗަށް ލިވަޕޫލުން ހޯދި މޮޅަކީ ތާވަލުގެ އެންމެ ކުރީގައި އޮވެ ލީގުގައި ކުރިއަށްހުރި މެޗުތަކާއި ކުރިމަތިލާއިރު އެޓީމަށް ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމެކެވެ. ލީގު ތާވަލު މިހާރު އޮތް ގޮތުން ވާދަވެރި ސިޓީ އަށް ހަ މެޗުން ތޭރަ ޕޮއިންޓް ލިބިފައިވާއިރު ލިވަޕޫލް އެއްވަނަ މަގާމުގައި އޮތީ އަށާރަ ޕޮއިންޓް ލިބިގެންނެވެ. ޗެލްސީ މިވަގުތު އޮތީ އަށް ޕޮއިންޓާއެކު ތާވަލުގެ އެގާރަ ވަނަ މަގާމުގަ އެވެ.

މިރޭގެ މެޗުގައި ފެނިގެންދިޔަ ލަނޑުތަކުގެ ތެރެއިން ފުރަތަމަ ދެ ލަނޑު ޖަހައިފައިވަނީ ލިވަޕޫލް އިންނެވެ. ފުރަތަމަ ހާފުގެ ސާދަ ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ މުހައްމަދު ސަލާހު ދިން ބޯޅައެއްގައި ޒުވާން ޑިފެންޑަރު އެލެގްޒާންޑާ އަރްނޯލްޑް އެވެ.

މިދިޔަ ސީޒަނުން ފެށިގެން ލިވަޕޫލްގެ ފަހަތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރްނޯލްޑްގެ ލަނޑުން ލިވަޕޫލް ލީޑުގައި އޮއްވާ 27 ވަނަ މިނެޓުގައި ޗެލްސީގެ ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ ލިވަޕޫލްގެ ގޯލު ތެރެއަށް ބޯޅަ ވައްދާލި އެވެ. ލިވަޕޫލްގެ ޑިފެންސް ލައިން އޮޅުން ބޮޅުންވި އެގަޑީގައި ޗެލްސީގެ ކެޕްޓަންގެ އިތުރުން ދަނޑުގައިތިބި ޗެލްސީ ސަޕޯޓަރުން ހީކުރީ މެޗުގެ ނަތީޖާ އެއްވަރުވެގެންދިޔަ ކަމަށެވެ. ނަމަވެސް ރެފްރީ ވީއޭއާރުގެ އެހީގައި ނިންމީ އަޒްޕިލިކުއެޓާ ބޯޅަ ފޮނުވާލި އިރު އެޓީމުގެ މިޑްފީލްޑަރު މޭސަން މައުންޓް ހުރީ އޮފްސައިޑްގައި ކަމަށެވެ.

ޗެލްސީން ޖެހި ލަނޑު އޮފްސައިޑް ލަނޑެއްގެ ގޮތުގައި ރެފްރީ ނިންމުމާއެކު ޗެލްސީ ސަޕޯޓަރުން މާޔޫސްވެގެންދިޔައިރު އެޓީމަށް އިތުރު ނުތަނަވަސްކަމާއި ކުރިމަތިވީ އޭގެ ދެ މިނެޓު ފަހުން ފޯވަޑް ރޮބާޓޯ ފާމީނޯ ލަނޑު ޖަހައި ލިވަޕޫލަށް ލީޑު ފުޅާކޮށްދިނުމުންނެވެ. ޗެލްސީގެ ހާފު ތެރެއިން ޑިފެންޑަރު އެންޑްރޫ ރޮބަޓްސަން ނަގައިދިން ހުރަހުގެ ފައިދާ ނަގައި ފާމީނޯ ބޮލުން ފޮނުވާލި ބޯޅަ މަތަކުރުމަށް ކެޕާ އަށް މާބޮޑު މަސަތްކަތެއް ނުކުރެވުނެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 2 ލަނޑުގެ ލީޑަކާއެކު ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލް އިން މޮޅަށް ކުޅުނަސް ދެވަނަ ހާފުގައި ޗެލްސީން ވަރަށް ބޮޑަށް ކުޅުން ރަނގަޅު ކުރި އެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ޗެލްސީން ދެވަނަ ހާފުގައި އެޓޭކިންގް ފުޓްބޯޅައެއް ކުޅުނު އިރު އެޓީމުގެ މިޑްފީލްޑަރު މަޓެއޯ ކޮވަސިޗްގެ ފަރާތުން ފަހު 45 މިނެޓުގައި މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ.

މެޗުގައި ޗެލްސީ އަށް އުއްމީދު އާވެގެންދިޔައީ ދެވަނަ ހާފުގެ 71 ވަނަ މިނެޓުގައި ފްރާންސްގެ އެންގޯލޯ ކަންޓޭ އަށް ލިބުނު ފުރުސަތަކުގެ ބޭނުން ހިފައި އޭނާ ލިވަޕޫލްގެ ގޯލު ފޫއަޅުވާލުމުންނެވެ. އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރެފައި މިރޭ ޓީމާއި ގުޅުނު ކަންޓޭ ލަނޑު ޖެހީ ލިވަޕޫލްގެ ހާފުގެ ތެރެއިން ފަބީނިއޯ ކައިރިން ނައްޓާލުމަށްފަހު ބޯޅަ ހިފައިގެން ކުރިއަށްގޮސް ބޯޅަ ގޯލު ތެރެއަށް ފޮނުވާލައިގެންނެވެ.

ކަންޓޭގެ ގޯލުން ޗެލްސީން ފަރަގު ކުޑަކުރިނަމަވެސް މެޗުގައި އެޓީމަށް އިތުރު ލަނޑެއް ކާމިޔާބެއް ނުކުރެވުނެވެ. ފަހު ދިހަ މިނެޓުގައި ޗެލްސީން ލިވަޕޫލްގެ ގޯލަށް ވަރަށް ބާރުބޮޑުކުރި އެވެ. އެގޮތުން މާކޮސް އަލޮންސޯގް އިތުރުން މައުންޓް އަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ. ދެވަނަ ހާފުގެ ފަހު ކޮޅުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ފޯވަޑް ބަޓްޝުއާއީ އަށް ވެސް ރަނުގެ ފުރުސަތެއް ލިބުނު އިރު އިދިކޮޅު ޓީމުގެ އޭރިއާ ތެރޭގައި ހުހަށް ހުރެ އޭނާ ފޮނުވާލި ބޯޅަ ގޯލާއި އަމާޒު ނުވެ ދިޔައީ އަރިމަތިން ބޭރަށެވެ.