އިންގްލިޝް ޕްރިމިއާ ލީގުގައި އާސެނަލް އިން ފަހަތުން އަރައި އެސްޓަން ވިލާ ބަލިކޮށް ތާވަލުގެ ހަތަރުވަނަ އަށް ޖެހިލައިފި އެވެ.

އާސެނަލް އިން އެމިރޭޓްސް ސްޓޭޑިއަމްގައި އެސްޓަން ވިލާގެ މައްޗަށް ކުރިހޯދީ ދިހަ ކުޅުންތެރިންނާއެކު ކުޅެ 3-2ގެ ނަތީޖާއަކުންނެވެ.

ފަހަކަށް އައިސް ނެރެމުން އަންނަ ދަށް ނަތީޖާ ތަކުގެ ސަބަބުން ކޯޗު އުނޭ އެމެރީ އަށް ފާޑުކިއުންތަކާއި އަމާޒުވެފައިވާ ދަނޑިވަޅެއްގައި އާސެނަލުން މިރޭ ހޯދި މޮޅަކީ އެމެރީގެ ކޮނޑަށް ލިބިގެންދިޔަ ބޮޑު ލުޔެކެވެ. މިރޭ ލިބުނު ތިން ޕޮއިންޓާއެކު މިހާތަނަށް ކުޅުނު ހަ މެޗުން އެގާރަ ޕޮއިންޓް އެޓީމަށް ލިބިފައިވާއިރު އެސްޓަން ވިލާ ވަނީ ތާވަލުގެ އަށާރަ ވަނައަށް ވެއްޓިފަ އެވެ. ހަ މެޗުން ވިލާ އަށް ލިބިފައިވަނީ އެންމެ ހަތަރު ޕޮއިންޓެވެ.

އާސެނަލް އިން ލީގުގައި ދެން ކުޅޭ މެޗުގައި ނުކުންނާނީ އަންނަ ހަފުތާގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށެވެ. މިރޭ ވެސްޓް ހަމް އަތުން ބަލިވެ ތާވަލުގެ ހަތް ވަނަ އަށް ވެއްޓިފައިވާ ޔުނައިޓެޑް އާއި ދެކޮޅަށް ކުޅޭ މެޗަކީ އާސެނަލް އަށް ލީގުގެ ގަދަ ހަތަރެއްގައި އޮވެ ކުރިއަށްދިއުމަށްޓަކައި މޮޅުވުން މުހިއްމު މެޗެކެވެ.

މިރޭގެ މެޗުން އާސެނަލް މޮޅުވި ކަމުގައިވިޔަސް އެޓީމުން މެޗު ފަށާފައިވަނީ ވަރަށް އާދައިގެ ގޮތަކަށެވެ. އެގޮތުން 17 ވަނަ މިނެޓުގައި ވިލާގެ އަންވަރް އަލްގާޒީ ނަގައިދިން ހުރަހެއްގައި ބޯޅަ ގޯލު ތެރެއަށް ވައްދާލައިގެން މެކްގިން ވިލާ އަށް ލީޑު ހޯދައިދިނެވެ.

މި ސީޒަންގައި ވިލާގެ ޖާޒީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މެކްގިންގެ ލަނޑާއެކު އާސެނަލް ފަހަތަށް ފިޔަވަޅެއް އެޅިއިރު މެޗު ބަލަން އެމިރޭޓްސް އަށް ވަދެ ތިބި އެޓީމުގެ ބައިލައްކަ އެއްހާ ސަޕޯޓަރުން ހާސްވެގެންދިޔައީ ފުރަތަމަ ޙާފު ނިމެން ހަތަރު ވަރަކަށް މިނެޓަށްވެފައި ވަނިކޮށް ވިލާގެ ޓެއިލާ އަށް ކުރި ފައުލަކާއި ގުޅިގެން ދެއްކި ދެވަނަ ރީނދޫ ކާޑާއެކު ޑިފެންޑަރު މެއިޓްލެންޑް ނައިލްސް އަށް ރެފްރީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ.

މިިދިޔަ ހަފުތާގައި ދެ ލަނޑުގެ ލީޑެއްގައި އޮވެ ފަހު ވަގުތު ޕޮއިންޓަކުން މެޗު ނިންމާލި އާސެނަލް މިރޭ ވެސް އެ ހާލަތުގައި އޮތްވައި ހިތްހަމަޖެހުމެއް ލިބިގެންދިޔައީ 59 ވަނަ މިނެޓުގައި ޒުވާން ކުޅުންތެރިއާ މަޓެއޯ ގުންޑުއޯޒީ އަށް ވިލާގެ ބޯން އެންޖެލްސް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ ނިކޮލަސް ޕެޕޭ ކާމިޔާބުކުރުމުންނެވެ.

އާސެނަލްގެ ތާރީހުގައިވެސް އެޓީމުން އެންމެ އަގުބޮޑު ކޮށް ގަތް ފޯވަޑް އެޓީމުގެ ޖާޒީގައި ކާމިޔާބުކުރި ފުރަތަމަ ލަނޑާއެކު އާސެނަލް އިން އުއްމީދު އާކޮށް މެޗު ކާމިޔާބުކުރުމަށް މަސަތްކަތް ފެށި އެވެ. އާސެނަލުން މެޗު ކާމިޔާބުކުރުމުގެ އުއްމީދުގައި ހަމަލާތަކެއް އުފައްދަން ކުރިއަށްޖެހިލި ވަގުތު އުފެއްދި ކައުންޓާ ހަމަލާއެއްގައި ޖެކް ގްރީލިޝް ދިން ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައި ވެސްލީ ދެވަނަ ފަހަރަށް ވިލާ އަށް ލީޑު ނަގައިދިނެވެ. އެއާއެކު އާސެނަލް އަށް މެޗު ކާމިޔާބުކުރުމަށްޓަކައި ކުރަން ޖެހުނު މަސަތްކަތް ދެގުނަ ބޮޑުވެގެންދިޔަ އެވެ.

މެޗު ނިމެން ދިހަ މިނެޓަށް ވީއިރުވެސް އާސެނަލް އޮތީ އެއް ލަނޑު ފަހަތުގަ އެވެ. މެޗުގެ ފަހު ފަނަރަ މިނެޓަށް އެޅުމާއެކު އާސެނަލުން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައި ހަމަލާތަކެއް އުފައްދަން މަސަތްކަތް ކުރި އެވެ. އެގޮތުން 78 ވަނަ މިނެޓުގައި ގުންޑުއޯޒީ ބާރު ހަމަލާއެއް ވިލާގެ ގޯލަށް ފޮނުވާލި ނަމަވެސް އެ ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ގުންޑުއޯޒީގެ ބާރު ބޯޅަ ބޯޅައަށްފަހު އާސެނަލް އިން އުފެއްދި ހަމަލާއެއްގައި އެޓީމަށް މެޗުގެ ނަތީޖާ ދެވަަނަ ފަހަރަށް އެއްވަރުކޮށްދިނީ ޑިފެންޑަރު ކަލަމް ޗެމްބާސް އެވެ. ޕޮއިންޓަކާއެކު ވިލާ އިން މެޗު ފަރުޖައްސާލަމުން ދަނިކޮށް އެމެރީގެ ޓީމަށް މެޗުން ތިން ޕޮއިންޓް ކަށަވަރުވެގެންދިޔައީ 84 ވަނަ މިނެޓުގައި ވިހި ޔާޑު ދުރުން މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ޕިއެރޭ އެމެރިކް އައުބާމެޔާންގް ފޮނުވާލި ބޯޅަ ގޯލު ތެރެއަށް ވަނުމުންނެވެ.