ސްޕެނިޝް ލަލީގާގައި ސެވިއްޔާގެ މައްޗަށް ހަނި މޮޅެއް ހޯދައި ރެއާލް މެޑްރިޑުން ތާވަލުގެ ދެވަނަ އަށް ޖެހިލައިފި އެވެ.

މިރޭ ސެވިއްޔާގެ ދަނޑުގައި ކުޅުނު މެޗު ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފައިވަނީ 1-0 އިންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 64 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވަޑް ކަރިމް ބެންޒެމާ އެވެ. ގެރެތް ބޭލް އާއި ޑާނީ ކާވަހާލް އުފެއްދި ހަމަލާއެއްގައި ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން ބެންޒެމާ ރެއާލް އަށް ތިން ޕޮއިންޓް ހޯދައިދިންއިރު މި މޮޅާއެކު ރެއާލް ލަލީގާ ތާވަލުގެ ދެވަނައިގައި ހަމަޖެހިލައިފައިވަނީ ފަސް މެޗުން އެގާރަ ޕޮއިންޓް ހޯދައިގެންނެވެ.

ރެއާލް ތާވަލުގެ ދެވަނައިގައި އޮތްއިރު ސެވިއްޔާ ވަނީ ފަސްވަނަ އަށް ވެއްޓިފަ އެވެ. ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ސެވިއްޔާ ވަނީ ދިހަ ޕޮއިންޓް ހޯދާފަ އެވެ. ފައިދާ ލަނޑުގެ ތަފާތުން މެޑްރިޑަށްވުރެ ކުރިން ތާވަލުގެ އެންމެ ކުރީގައި އެތްލެޓިކް ބިލްބާއޯ އޮތްއިރު ތިންވަނައިގައި އޮތީ ރޭ ވަރުގަދަ ބާސެލޯނާ ނިކަމެތިކޮށްލި ގްރަނާޑާ އެވެ.

މިރޭގެ މެޗުގައި ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު އެންމެ ފުރަތަމަ ހަމަލާ އަމާޒުވީ ސެވިއްޔާގެ ގޯލަށެވެ. ބެންޒެމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ހަޒާޑް ގޯލަށް ބޯޅަ ފޮނުވާލި ނަމަވެސް ކީޕަރު ވަނީ މަތަކޮށްފަ އެވެ. މިރޭގެ މެޗަކީ ނިމިގެންދިޔަ ޓްރާންސްފާ ބާޒާރުގައި ޗެލްސީން ރެއާލް އަށް ބަދަލުވުމަށްފަހު ހަޒާޑު އެޓީމުގެ ޖާޒީގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ.

ދެވަނަ ހާފުގައި ބެންޒެމާގެ ލަނޑުން މެޑްރިޑް ކުރީގައި އޮވެ މެޗު ނިމެމުން ދަނިކޮށް ސެވިއްޔާގެ އޮކާމްޕޮސް އަށް ރެއާލްގެ އޭރިއާ ތެރެއިން ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބިގެންދިޔަ އެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ގޯލާއި އަމާޒުނުވެ ދިޔައީ ދަނޑިމަތިން ބޭރަށެވެ. މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ސެވިއްޔާގެ ހާނަންޑޭޒް ބޯޅަ މެޑްރިޑުގެ ގޯލު ތެރެއަށް ވައްދާލި ނަމަވެސް ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގަ އެވެ.